ޕީޕީއެމް ސަލާމަތްކޮށް، ވަރުގަދަ ޕާޓީއަކަށް ހަދަން ބޭނުންނަމަ ޕީޕީއެމް މެމްބަރުން ވޯޓްލާންޖެހެނީ އިބޫއަށް: އަބްދުﷲ އަމީން

ކޮންމެ ބަޔަކުވެސް އެބަޔަކު ގަބޫލުކުރާ ސިޔާސީ ފިކުރުގެމަތީގަ މަސައްކަތްކުރަން ބޭނުންވާ ކަމަށާއި، އެގޮތުގައި މަސައްކަތް ކުރާއިރު، މިފަހަރުގެ ރިޔާސީ އިންތިޚާބާ ދޭތެރޭ އެންމެބޮޑަށް ވިސްނަންޖެހޭ ބަޔަކީ ޕީޕީއެމްއަށް ތާއީދުކުރާ ފަރާތްތައް ކަމަށް، ޖުމްހޫރީ ޕާޓީގެ ނާއިބް ލީޑަރ އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ޕާޓީތަކުން ގދ. ތިނަދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަބްދުﷲ އަމީން ވިދާޅުވީ، މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްއަށް ތާއީދުކުރާ ފަރާތްތައް ވޯޓްލާންދާއިރު، އެންމެ އުނދަގޫވާނެ ކަމަކީ، ޕީޕީއެމަށް ތާއީދުކުރާނީ ކިހިނެއްކަން ދެނެގަތުމާއި، ޕީޕީއެމަށް ވޯޓްދޭނީ ކިހިނެއްކަން ދެނެގަތުމުގައި ކަމަށެވެ.
ރިޔާސީ އިންތިޚާބަށް އައިއިރު، ޕީޕީއެމްގެ ކެންޑިޑޭޓެއްގެ ގޮތުގަ ރައީސް ޔާމީންގެ ނަންފުޅު އޮތްނަމަވެސް އެމަނިކުފާނު ތަމްސީލުކުރާ ކުލަޔާއި، އެމަނިކުފާނުގެ ވާހަކަފުޅުތަކާއި، އެމަނިކުފާނު އިންތިޚާބަށް ހުށަހަޅުއްވާ ހުށަހެޅުންތަކުން އެއީ ޕީޕީއެމްގެ ބޭފުޅެއްކަން ދެނެގަންނަން ވަރަށް އުނދަގޫ ކަމަށް އަމީން ވިދާޅުވިއެވެ.
"އެނގިވަޑައިގަންނަވާނެ ޕީޕީއެމްގެ ރީތި ފިޔާތޮށި ކުލައެއްނޫން އެމަނިކުފާނުގެ ކުލައެއްގެގޮތުގައި މިހާރު ބޮޑަށް ފާޅުވަމުންދަނީ. ކުރީގެ ކޮންމެވެސް ޕާޓީއެއްގެ ކުލަކަން އެނގޭ މިހާރު ފޭދިގެން ފާޅުވަމުންދަނީ. އެމަނިކުފާނުގެ ވައުދުތަކާއި، އެމަނިކުފާނުގެ ހަރަކާތްތަކާއި، އެމަނިކުފާނުގެ ޚިޔާލުފުޅުތަކާއި، ވޭތިވެދިޔަ 5 އަހަރު ހޭދަކުރެއްވި ގޮތަކީވެސް ޕީޕީއެމްގެ ފިކުރާ ވިސްނުމާއި ޚިޔާލު ނޫންކަން އަޅުގަނޑުމެންނަށް ގަބޫލުކުރަން މަޖުބޫރުވޭ" އަމީން ވިދާޅުވިއެވެ.
އެހެންކަމުން، ޕީޕީއެމްގެ މެމްބަރުންނާއި އަދި ރައީސް މައުމޫނަށް ތާއީދުކުރާ މެމްބަރުން ޕާޓީ އަނބުރާ ބޭނުންވާނަމަ، ޕާޓީގެ ފިކުރު ކުރިއަރުވަން ބޭނުން ކަމުގައިވާނަމަ، ކުރިއަށްއޮތް 5 އަހަރު ޕާޓީ ވަރުގަދަ ޕާޓީއެއްގެ ގޮތުގައި ހަދަން ބޭނުންވާނަމަ މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓްލާން ޖެހޭނީ ކެންޑިޑޭޓް ނަންބަރު 2 އިބްރާހިމް މުހަންމަދު ސޯލިހަށް ކަމަށް އަބްދުﷲ އަމީން ވިދާޅުވިއެވެ. ޕާޓީއާއި، ޕާޓީގެ ފިކުރު ސަލާމަތްވާނީ އޭރުން ކަމަށާއި، ޕާޓީއަށް ސިޔާސީގޮތުން ކުރިއަށް ދެވޭނީވެސް އޭރުން ކަމަށް އަމީން ވިދާޅުވިއެވެ. މިއީ، އެ ނިންމުން ނިންމަންޖެހޭ ވަގުތު ކަމަށްވެސް ވިދާޅުވިއެވެ.
ޕީޕީއެމް އަނބުރާ ހޯދަން ބޭނުންނަމަ، ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހަންމަދު ސޯލިހްއަށް ވޯޓްދިނުމަށް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ތިބި ޕީޕީއެމްއަށް ތާއީދުކުރާ ފަރާތްތަކުންވެސް މިއަދު އަޒުމް ކަނޑައަޅަންޖެހޭ ކަމަށް ޖޭޕީގެ ނާއިބް ލީޑަރ ވިދާޅުވިއެވެ.
"އެއަށްވުރެ މާ ޚާއްސަގޮތެއްގައި، ރައީސް މައުމޫން މިނިވަންކުރަން ބޭނުންވާ ކަމުގައިވާނަމަ، އެމަނިކުފާނުގެ މުސްކުޅި އުމުރުފުޅުގަ ލިބޭ އަނިޔާއިން ސަލާމަތްކުރަން ބޭނުންނަމަ، ތިޔަބޭފުޅުންގެ ހިތުގެ ވިންދު، ހިތުގެ އެންމެބޮޑު ގުޅުން، ހިތުގެ އެންމެބޮޑު އިހްސާސް ގުޅިފައިވާ އެންމެ ވަރުގަދަ ސަޚްސިއްޔަތު ރައީސް މައުމޫން ސަލާމަތްކުރަން ބޭނުންކަމުގައި ވާނަމަ ތިޔަބޭފުޅުން ވޯޓްދެއްވަންޖެހެނީ އިބްރާހިމް މުހަންމަދު ސޯލިހަށް. ދެވަނަ ފިކުރަކަށް ވަޑައިނުގަންނަވާ، ލާރިކޮޅު ހިފައިގެން، ފޮތިކޮޅު ހިފައިގެން ބިރުވެރިކަން ހިފައިގެން އަންނަ މީހުންނަށް ނޫނެކޭ ބުނޭ، ފިކުރާއި، ޕާޓީއާއި ގައުމު ސަލާމަތްވާނީ އޭރުން" އަބްދުﷲ އަމީން ވިދާޅުވިއެވެ.
ރާއްޖޭގެ މިހާރުގެ ހާލަތާމެދު ވާހަކަފުޅު ދައްކަވަމުން އަމީން ވިދާޅުވީ، މިއީ މާޒީގެ އެތައް ޒަމާނެއްގައިވެސް ދިވެހިން ތަޖުރިބާ ނުކުރާފަދަ އަނިޔާވެރިކަމާއި، ބިރުވެރިކަމާއި، ވައްކަމާއި ނާމާންކަމުގެ ދުވަސްވަރެއްކަން ގަބޫލުކުރަންޖެހޭ ކަމަށެވެ. ދުނިޔޭގެ އެހެން ހުރިހާ ހިސާބަކުންވެސް އެކަން ބަޔާންކޮށް ސިޓީތަކާއި، ވަފުދުތަކާއި، ރިޕޯޓްތަކާއި، އެތައް ގޮތަކުން އިންޒާރުދެމުން ދާކަންވެސް ފާހަގަ ކުރެއްވިއެވެ.
އެހެންކަމުން، ގައުމު އަމާންކުރުމާދޭތެރޭ ވިސްނަން އެބަޖެހޭ ކަމަށާއި، ގައުމު އަމާންކުރުމާ ދޭތެރޭ ވިސްނާއިރު ދިވެހި ރައްޔިތުންނެކޭ އެއްފަދައިން، ސިޔާސީ ޕާޓީތަކުގެ ވެރިންނެކޭ އެއްފަދައިން، ސިޔާސީ ފަރާތްތަކޭ އެއްފަދައިން، ގައުމު އަމާން އައްސޭރިއަކަށް ގެންދިއުމުގަ، ގައުމު އަނިޔާވެރިކަމުން ސަލާމަތްކުރުމުގަ އެންމެ މުހިންމުކޮށް މަސައްކަތް ކުރުމުގަ، އެންމެ ކުރިމަތީގަ މަސައްކަތް ކުރަންޖެހޭ ބަޔަކީ ދިވެހި ސިފައިންނާއި ފުލުހުން ކަމަށް އަމީން ވިދާޅުވިއެވެ.
ފުލުހުންނާއި ސިފައިންނަކީ ވޯޓްލުމުގެ ހައްގު ލިބިގެންވާ ބައެއް ކަމަށާއި، އެ ހައްގު ދީފައިވަނީ ސިޔާސީ ބޭފުޅުންނާއި ދިވެހި ރައްޔިތުން ވަރަށް ދުރަށް ވިސްނުމަށްފަހު ހިކުމަތްތެރިކަމާއެކު ނިންމި ނިންމުމެއްގެ ސަބަބުން ކަމަށްވެސް އަމީން ވިދާޅުވިއެވެ. އެހެންކަމުން، ފުލުހުންނާއި ސިފައިންވެސް އެބޭފުޅުންގެ މިފަހަރުގެ ރިޔާސީ އިންތިޚާބުގަ ވޯޓްލާންގޮސް، އެބޭފުޅުންގެ ކޮނޑުގައި އެޅިފައިވާ ގައުމުގެ މިނިވަންކަމާއި، ގައުމު އަމާންކަންމަތީގަ ދެމެހެއްޓުމާއި، ވައްކަމާއި ނާމާންކަމުން ގައުމު ސަލާމަތްކުރުމުގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރުމަށް އަބްދުﷲ އަމީން ގޮވާލެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ