އިންޓަ ސްކޫލް ބީޗް ވޮލީބޯޅަ ފެސްޓިވަލް ނިންމާލައިފި

ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މައިލޯ އިންޓަ ސްކޫލް ބީޗް ވޮލީބޯޅަ ފެސްޓިވަލް 2014 ނިންމާލައިފި އެވެ.
އޭޕްރީލް ހަތަރަކުން ފަހަކަށް ކުރިއަށް ގެންދިޔަ މި ފެސްޓިވަލް އަކީ އިންޓަ ސްކޫލް ބީޗް ވޮލީބޯޅަ މުބާރާތް ކުރިއަށް އޮތުމާއި ގުޅިގެން ކުޅިވަރުގެ މައުލޫމާތުތައް ކުޅުންތެރިންނަށް ދިނުމަށާއި ކޯޗިންގެ މައުލޫމާތު ދިނުމަށް ކުރިއަށްގެންދިޔަ ފެސްޓިލް އެކެވެ. މި ފެސްޓިވަލްގައި ބައިވެރިވެފައި ވަނީ އިމާދުއްދީން ސްކޫލާއި، މަޖީދިއްޔާ ސްކޫލާއި، ގަލޮޅު މަދަރުސާ އަދި ސީއެޗްއެސްސީ އެވެ.
"ގިނަ ސްކޫލުތަކަކަށް ފެސްޓިވަލްގައި ބައިވެރި ނުވެވުނީ ސްކޫލްތަކުގެ މެދުގައި އެކި މުބާރާތްތައް ކުރިއަށް ދާތީ ކަމަށް ބޮޑަށް ލަފާކުރެވެނީ. އެހެންކަމުން ސްކޫލުތަކުގައި ވަރަށް ލޯޑުކޮށް ހަރަކާތްތައް ކުރިއަށް އެދަނީ. ނަމަވެސް ކުރިއަށް އޮތް މުބާރާތުގައި މި ސްކޫލުތަކުގެ އިތުރުން ކަލާފާނު ސްކޫލާއި ދަރުމަވަންތަ ސްކޫލުން ވެސް ބައިވެރިވާނެ ކަމުގެ ޔަގީންކަން ވަނީ ދީފަ،" މުބާރާތް ހިންގުމުގައި އިސްކޮށް ހަވާލު ހުންނެވި އިސްމާއިލް ރިފާއު ވިދާޅުވި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ރިފާއު ވިދާޅުވީ، އެހެން ބީޗް ވޮލީބޯޅަ މުބާރާތްތަކުގެ ގަވާއިދުތަކާއި އަޅާ ބަލާއިރު، އިންޓަ ސްކޫލް ބީޗް ވޮލީބޯޅަ މުބާރާތުގެ ގަވާއިދުތަކުގައި ބަދަލުތަކެއް ހުންނާނެ ކަމަށެވެ.
"މި މުބާރާތުގައި ބަދަލުތަކެއް ހުންނާނެ، އެގޮތުން ސްކޫލެއްގެ ކޮންމެ ޓީމެއްގައި ހަ ކުދިން ތިބޭނެ. އެގޮތަށް ފުރުސަތު މި ދެނީ ގިނަ ކުދިންތަކަކަށް ބައިވެރިވެ ކުޅެވޭނެ މަގުފަހިކޮށް ދިނުމަށް. މި މުބާރާތުގައި އޮންނާނީ ބީޗް ވޮލީ ބޮޑެތި ބޭފުޅުންނަށް އޮންނަ ގަވާއިދުތަކެއް ނޫން. ސްކޫލް ލެވެލް އަށް ކުޑަކުޑަ ތަފާތެއް އަންނާނެ،" އޭނާ ވިދާޅުވި އެވެ.
އިންޓަ ސްކޫލް ބީޗް ވޮލީބޯޅަ މުބާރާތް ކުރިއަށްދާނީ މި މަހުގެ 11 އިން 12 އަށް ބީޗް ވޮލީ ކޯޓުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ