އިންތިހާބުގައި ވާދަނުކުރަން އުމަރު ނިންމަވައިފި
ރިޔާސީ އިންތިހާބުގައި ވާދަ ނުކުރައްވަން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ނިންމަވައިފިއެވެ. އުމަރު މިއަދު އާންމުކުރެއްވި ބަޔާނެއްގައި ވިދާޅުވީ އޭނާ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމެވީ ޑްރަގާއި މީހުން މެރުމާއި ކޮރަޕްޝަނުގެ އަމަލުތަކުން ދިވެހީން ސަލާމަތްކޮށް، އިސްލާމީ ހަމަތަކުގެ މަތީގައި ގާއިމުވެ އޮންނަ އަމާން މުޖުތަމައަކާ ދިމާލަށް ރާއްޖެ ގެންގޮސްދިނުމަށް ކަމަށެވެ. އަދި އެކަންކަމަށް އޭނާ ވަކާލާތު ކުރައްވާތާ 10 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ ކަމަށްވެސް އުމަރު ވިދާޅުވިއެވެ. "ނަމަވެސް މިއަދުގެ ސިޔާސީ ހާލަތު އޮތް ގޮތުން، ހަރުދަނާ ސިޔާސަތުތަކާއި ގައުމު އަމާން މިސްރާބަކަށް ގެންގޮސްދޭނެ ލީޑަރުން އިންތިހާބުކުރުމަށްވުރެ ބޮޑަށް، މި ރިޔާސީ އިންތިހާބު ބަދަލުވެފައި މިވަނީ ފެންނަ ނުފެންނަ ވޯޓަކަށެވެ،" އުމަރު ވިދާޅުވިއެވެ. އުމަރު ވިދާޅުވީ އޭނާގެ ވަގުތު އަދި ނުޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. "އަޅުގަނޑާ މެދު އުންމީދުކުރައްވާ ހުރިހާ ބޭފުޅުންގެ އަރިހުން މާފަށް އެދޭ ހާލު، މި ރިޔާސީ އިންތިހާބުގައި ވާދަނުކުރާން އަޅުގަނޑު ނިންމައިފީމެވެ،" އުމަރުގެ ބަޔާނުގައި ވިދާޅުވިއެވެ. ނަމަވެސް އުމަރު ވިދާޅުވީ އޭނާގެ ސިޔާސީ މަސައްކަތްތައް ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ. އިންތިހާބުގައި ވާދަކުރުމަށް އުމަރު މިދިޔަ ހަފްތާގައި ވަނީ ސޮއި ވެސް ހަމަކުރައްވާފައެވެ. އުމަރުގެ ފޭސްބުކް ޕޭޖުގައި މިދިޔަ ހަފްތާގައި ހާމަކުރެއްވި ގޮތުގައި 2،200 އަށް ވުރެ ގިނަ ސޮއި އޭނާ ހޯއްދެވިއެވެ. އުމަރު މީގެ ކުރިން ވަނީ އޭނާގެ ބައެއް ރިޔާސީ ވައުދުތައްވެސް ހާމަކުރައްވާފައެވެ. އޭގެ ތެރޭގައި، ސިޔާސީ މަގާމުތައް ފުރުއްވާ ބޭފުޅުންގެ ރަސްމީ އޮފީސް ގަޑި ފެށޭނީ ހެނދުނު 6:30 ގައި ކަމަށް ވީ ވައުދު ފާހަގަކުރެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ