އިބޫ، އުމަރު ޒާހިރާ ބައްދަލު ކުރައްވައިފި

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ގިނަ ހިދުމަތްތަކެއް ގައުމަށް ކޮށް ދެއްވި ކުރީގެ މިނިސްޓަރު އުމަރު ޒާހިރާ، އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ މިއަދު ބައްދަލު ކުރައްވައިފި އެވެ.
އިބޫ، އުމަރު ޒާހިރާ ބައްދަލު ކުރެއްވީ މިއަދު އިބޫ ދޮރުން ދޮރަށް ހިންގަވަމުން އުމަރު ޒާހިރުގެ ގެކޮޅަށް ވަޑައިގެންނެވުމަށްފަހު އެވެ. ގޭގައި އިބޫ، އުމަރު ޒާހިރާ ބައްދަލު ކުރެއްވުމަށްފަހު ކައިރީގައި ހުރި ކެފޭއަކަށް ދެ ބޭފުޅުން އެކުގައި ވަޑައިގަތެވެ.
މި ބައްދަލުވުމުގައި މަޝްވަރާ ކުރި އެއްވެސް ކަމެއް ހާމަކޮށްފައެއް ނުވެ އެވެ. އުމަރު ޒާހިރުގެ ގެއަށް އިބޫއާއެކު އެ ދާއިރާގެ މެންބަރު މުހައްމަދު ފަލާހާއި ސިޓީ ކައުންސިލްގެ ބައެއް މެންބަރުން ވަޑައިގެންނެވި އެވެ.
ނިޝާން އިއްޒުންދީން އިއްޒަތުގެ ވެރިޔާގެ ލަގަބު ލިބިވަޑައިގެންފައިވާ އުމަރު ޒާހިރު މިހާރު ހުންނެވީ ސިޔާސީ ކަންކަމާ ދުރަށް ޖެހިވަޑައިގެންނެވެ.
ރައީސް މައުމޫންއާ ގާތް އުމަރު ޒާހިރު ވަނީ ގައުމު ތަރައްގީ ކުރުމުގެ މުހިންމު ގިނަ މަސައްކަތްތަކެއްގައި އެންމެ އިސްކޮށް އުޅުއްވާފަ އެވެ. ހުޅުމާލެ ހިއްކުމާއި ތިލަފަޅު ހިއްކުން ފަދަ މަޝްރޫތައް އޭގެ ތެރޭގައި ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ