ބަޖެޓް 2022: 141 ރަށެއްގައި ތައުލީމީ ދާއިރާގެ 177 މަޝްރޫއެއް

އަންނަ އަހަރު 141 ރަށެއްގައި ތައުލީމީ ދާއިރާގެ 177 މަޝްރޫއެއް ހިންގުމަށް ނިންމާފައިވާކަން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހަށް އަންނަ އަހަރުގެ ބަޖެޓް ހުށަހަޅުއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ، ތައުލީމާއި މަތީ ތަޢުލީމުގެ ދާއިރާއަށް 2022 ވަނަ އަހަރުގެ ބަޖެޓުގައި 4.1 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާނެ ކަމަށެވެ.
"ސަރުކާރުގެ އަމާޒަކީ ފެންވަރު ރަނގަޅު ތައުލީމެއް، އަމިއްލަ ފަސްގަނޑުގައި ތިބެގެން ދިވެހި ކޮންމެ ކުއްޖަކަށްވެސް ހޯދޭނެ މަގު ފަހިކޮށްދިނުން. އަދި އިޤުތިސާދީ ހަރަކާތް އިތުރުވެ ސިންދަފާތުވެގެންދާއިރު މުސްތަގުބަލުގައި ބޭނުންވާނެ ހުނަރުވެރި، ތައުލީމީ، މަސައްކަތްތެރިން ބިނާކުރުން." މިނިސްޓަރު އަމީރު ވިދާޅުވިއެވެ.
ތައުލީމީ ދާއިރާއަށް އުމްރާނީ ގޮތުންނާއި، ޓީޗަރުންގެ ނިސްބަތުންނާއި، ވަސީލަތްތަކުގެ ގޮތުން އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން ކުރިއަށްވުރެ ފަހިވެގެންދާނެ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.
އެގޮތުން، 141 ރަށެއްގައި ތައުލީމީ ދާއިރާގެ 177 މަޝްރޫއެއް 2022 ވަނަ އަހަރު ހިންގުމަށް ރާވާފައިވާކަން ފާހަގަކުރެއްވިއެވެ. މީގެ ތެރޭގައި 31 ރަށެއްގެ ސްކޫލްތަކުގެ އިމާރާތާއި ވަސީލަތްތައް ތަރައްގީކުރުމުގެ އާ މަޝްރޫއުތައް ހިމެނޭއިރު، ހުޅުމާލޭގެ ފޭސް 2 ގައި ގާއިމުކުރާ އާ 3 ސްކޫލުގެ މަޝްރޫއުތައް ހިމެނެއެވެ.
މީގެ އިތުރުން، ކުދިންނަށް ފޯރުކޮށްދޭ ތައުލީމުގެ ފެންވަރު މަތިކޮށް، ޓީޗަރުން މަދުވުމުގެ ސަބަބުން ތައުލީމު ފޯރުކޮށްދިނުމުގައި ދިމާވާ ހުރަސްތަކަށް ހައްލު ހޯދުމުގެގޮތުން، 2022 ވަނަ އަހަރު 400 އަށްވުރެ ގިނަ އާ ޓީޗަރުން ނެގުމަށްވެސް ބަޖެޓުން ޖާގަ ދީފައިވާނެކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ. އަދި ހުރިހާ ކުދިންނަކީވެސް ދުޅަހެޔޮ ސިއްހަތެއްގައި ތިބެގެން ކިޔެވުމުގެ ފުރުސަތު ފަހިވެފައިވާ ކުދިންނަށް ހެދުމަށް މި ސަރުކާރުން ފެށި ހެނދުނުގެ ނާސްތާ ޕްރޮގްރާމް އިތުރަށް ހަރުދަނާކޮށް މިއަންނަ އަހަރު ކުރިއަށް ގެންދެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
މި ސަރުކާރުގެ ފުރަތަމަ އަހަރު ތައާރަފުކުރި ޑިގްރީ ފެންވަރަށް ހިލޭ ކިޔެވުމުގެ ޕްރޮގްރާމް ކުރިއަށް އޮތް އަހަރުވެސް ކުރިއަށް ދާނެ ކަން ފާހަގަކޮށް މިނިސްޓަރު އަމީރު ވިދާޅުވީ، މިހާތަނަށް މި ޕްރޮގްރާމްގެ ދަށުން 12,000 ކުދިންނަށް ހިލޭ ޑިގްރީ ފެންވަރަށް ކިޔެވުމުގެ ފުރުސަތު ފަހިކޮށްދީފައިވާކަމަށެވެ.
"ހިލޭ ފުރަތަމަ ޑިގްރީއަށް ކިޔެވުމުގެ ޕްރޮގްރާމާއި، ހަޔަރ އެޑިއުކޭޝަން ލޯން ސްކީމް އަދި ސްކޮލަޝިޕްތަކަށް މިއަންނަ އަހަރުގެ ބަޖެޓުން ޖުމްލަ 600 މިލިއަން ރުފިޔާ ކަނޑައަޅާފައިވާނެ. އަދި މަތީ ތައުލީމަށް ޖުމްލަކޮށް 949 މިލިއަން ބަޖެޓުކޮށްފައިވާނެ." މިނިސްޓަރު އަމީރު ވިދާޅުވިއެވެ.
މިއީ މިހާތަނަށް މަތީ ތައުލީމު ފޯރުކޮށްދިނުމަށް އެއް އަހަރެއްގެ ތެރޭ އެންމެ ބޮޑަށް ޚަރަދުކުރަން ރާވާފައިވާ ފަހަރެވެ.
މިނިސްޓަރު އަމީރު ވިދާޅުވީ މިއީ ދިވެހި ޒުވާނުންނަށް މަތީ ތައުލީމު ހޯދުމުގައި ހުރި ހުރަސްތައް ނައްތާލައި، މީހުން ބިނާކޮށް، ދިވެހި ވަޒީފާގެ ބާޒާރުގައި ދިވެހި މަސައްކަތްތެރިންގެ ދައުރު އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ