މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ އާއިލާއިން އޭނާއާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހެޅި ނަމަވެސް، ޖެހިލުންވެ ވަޑައިނުގަންނަވާ ކަމަށާއި އެކަމުގައި ހުންނަވާނީ ސާބިތުކަމާ އެކުގައި ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
”ހަފްތާ“ އާ ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ ކަމުގެ ހަގީގަތް އޮޅުވާލަން އެއްވެސް އިރަކު މަސައްކަތް ނުކުރައްވާ ކަމަށާއި ހަގީގަތާއި ހިލާފު އެއްވެސް ވާހަކައެއްވެސް ދައްކާފައިނުވާނެ ކަމަށެވެ. އެހެންކަމުން ރިލްވާންގެ އާއިލާއިން ކޯޓަށް ވަޑައިގެންނެވިޔަސް ޖެހިލުންވެ ވަޑައިގަންނަވަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ވިދާޅުވި އެވެ.
“ހަގީގަތަކީ ރިލްވާނަކީ ކުރިން ހަރުކަށިފިކުރަށް ތާއީދުކޮށް އެފިކުރަށް އުޅުނު ކުއްޖެއް. އޭގެ ބައެއް ފޮޓޯތައް މިހާރުވެސް މޯލްޑިވްސް ޕޮލިސް ސާވިސްގައި ހުންނާނެ. އެކަން ރިލްވާންގެ އާއިލާއިންވެސް ދޮގު ކޮށްފައެއް ނުވޭ ދެއްތޯ.“ އުމަރު ވިދާޅުވި އެވެ.
ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އުމަރު ވަނީ، ރިލްވާން ކުރިން އުޅުނީ ހަރުކަށި ފިކުރުގެ މީހުން ހިމެނޭ ”ޑޮޓް“ ގުރޫޕުގައި ކަމަށެވެ. ނަމަވެސް ފަހުން ރިލްވާން އެ ގުރޫޕް ދޫކޮށް މަޑުކަށި ފިކުރަށް އައިސްފައިވާ ކަމަށް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރުގައި އެއްވެސް މުއްސަސާއަކުން އަދި އެއްވެސް މީހަކު ރިލްވާންގެ މައްސަލަ ނުބެލުމަށް ނުވަތަ ވަކިގޮތަކަށް ކަންކުރުމަށް އަގާފައި ނުވާ ކަމަށެވެ.
އުމަރުގެ މި ވާހަކަތަކާ ގުޅިގެން ރިލްވާންގެ ދައްތަ ފާތިމަތު ޝެހެނާޒް ވަނީ، އުމަރު ދައްކަނީ ކަނަޑައެޅިގެން ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށާއި އެގޮތަށް އެ ވާހަކަ ދައްކަން ފުރުސަތު ނުދޭނެ ކަމަށެވެ. އަދި އުމަރާ ދެކޮޅަށް ދައުވާ ކުރާނެ ކަމަށްވެސް ބުންޏެވެ.
ހަގީގަތް އޮޅުވައެއް ނުލެވޭނެ، ރިލްވާންގެ އާއިލާއިން ކޯޓަށް ދިޔަސް ޖެހިލުމެއް ނުވޭ: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ