މޫސުން ތަންދޭ ނަމަ އީދު ނަމާދު މިފަހަރު ވެސް ސްޓޭޑިއަމުގައި ކުރާނެ

މޫސުން ތަންދޭ ނަމަ މިފަހަރު ވެސް ސްޓޭޑިއަމުގައި އީދު ނަމާދު ކުރުން އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
ސީއެންއެމަށް މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓްރީގެ ޒިންމާދާރުވެރިޔާ މުހައްމަދު ދީދީ ވިދާޅުވީ، މޫސުން ތަންދޭ ނަމަ ވީހާ ވެސް ގިނަ ބަޔަކު އެއްތަނަކަށް ޖަމާވެ އީދު ނަމާދު ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ސްޓޭޑިއަމުގައި ބޭއްވުމަށް ހެޔޮ އެދޭ ބައެއް ފަރާތްތަކާއި މިނިސްޓްރީއާއި ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.
ސްޓޭޑިއަމުގައި މީގެ ކުރިން ދެފަހަރެއްގެ މަތިން އީދު ނަމާދުކޮށްފައިވެއެވެ. ދީދީ ވިދާޅުވީ އެދެފަހަރު ވެސް ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށާއި، މިހާތަނަށް އެއްވެސް ޝަކުވާއެއް ލިބިފައި ނުވާ ކަމަށެވެ.
"އަޅުގަނޑުމެން އޮންނާނީ އެތަނުގައި ތަރުފާލު ވެސް އަޅާފައި، އެކަމަކު އަޅުގަނޑުމެން ލަފާދެނީ ކޮންމެ ބޭފުޅަކު ވެސް މުސައްލަ ހިއްޕަވައިގެން ވަޑައިގެންނެވުމަށް، އެތަނުން އަޅުގަނޑުމެން ދޭނަން ފައިވާން ލާނެކޮތަޅެއް ވެސް އެކަމަކު އެވެސް ހިއްޕަވައިގެން ވަޑައިގެންފިންޔާ ވަރަށް ބޮޑުތަން ފަސޭހަވާނެ،"ދީދީ ވިދާޅުވިއެވެ.
މާލޭގައި ސްޓޭޑިއަމުގައި އީދު ނަމާދު ކުރުމަށް ތައްޔާރުވަމުންދާ އިރު، އަތޮޅު ތެރޭގެ ބައެއް ރަށްރަށުގައި ވެސްދަނީ މިސްކިތްތަކުގައި ކުރުމުގެ ބަދަލުގައި ވީހާ ވެސް ގިނަ ބަޔަކަށް އެއްތަނަކަށް އައިސް އީދު ނަމާދުގައި ބައިވެރިވެވޭ ގޮތަށް ހުޅުވާލެވިފައިވާ ސަރަހައްދުތަކުގައި ބޭއްވުމަށް މަސައްކަތް ކުރަމުންނެވެ.
"މިނިސްޓްރީގެ ހުއްދައަކަށް އެދިފައެއް ނެތް އެއްވެސް ފަރާތަކުން، ޒިންމާދާރުކޮށް އަތޮޅު ކައުންސިލާއި ރަށު ކައުންސިލުތަކުން އެކަން ކުރަންޏާ މައްސަލައެއް ނެތް ހުއްދައަކަށް ނޭދުނަސް. އެކަމަކު އަނގާލާފައި ބޭއްވުމަކީ އެންމެ ރަނގަޅު ގޮތް،" ދީދީ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ