މާފުށި ޖަލު ފާސްކުރަން ކުއްތާ ބޭނުން ކުރާނަން: އުމަރު

ރާއްޖެއަށް ގެނައުމަށް ނިންމާފައިވާ ކުއްތާ ސްކޮޑު ބޭނުންކޮށްގެން މާފުށި ޖަލުގައި މަސްތުވާތަކެތި ގެންގުޅޭތޯ ބެލުމަށް ދޭތެރެދޭތެރެއިން ހާއްސަ އޮޕަރޭޝަންތައް ކުރިއަށް ގެންދާނެ ކަމުގައި ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
މާފުށި ޖަލުގެ ވަށައިގެން ލުމަށް ހަމަޖެހިފައިވާ 20 ފޫޓުގެ އުސްމިނުގެ ފާރުގެ ބިންގާ އެޅުމަށް މިއަދު މާފުށީގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ކުއްތާ ބޭނުންކޮށްގެން ކުރިއަށް ގެންދާ އޮޕަރޭޝަން ތަކަކީ ވެސް ޖަލުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް ކުރާ މަސައްކަތުގެ ދަށުން ކުރެވޭނެ ކަމެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ޖަލަށް ވައްދާ ފޯނާއި ބައެއް ތޫނު ހަތިޔާރާ އަދި އެ ނޫން ވެސް ތަކެތި ދެނެގަތުމަށްޓަކައި ޖަލުގައި ހާއްސަ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ހިނގަމުންދާ ކަމަށާއި އަންނަ އަހަރު އެ ނިޒާމް ގާއިމްކުރެވޭނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ޖަލުގެ ކަންކަން ހަރުދަނާކުރުމަކީ ކޮންމެ ސަރުކާރަކުން ވެސް ބޭނުންވާ ކަމެއް ކަމަށާއި އެެހެންނަމަވެސް އެއީ ސަރުކާރުން ހަރަދުކުރާ ތަރުތީބަށް ބަލާއިރު އިސްކަންދޭ ކަމެއް ނޫން ކަމަށެވެެ. އެހެންނަމަވެސް ޖަލުގެ ކަންކަން ހަރުދަނާ ކުރުމަށާއި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް މުހިއްމު މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމުގައި ވެސް ވިދާޅުވި އެވެ.
މާފުށި ޖަލަކީ މިހާރު 800 ވަރަކަށް ކުށްވެރިން ހުކުމް ތަންފީޒުކުރަމުންދާ ޖަލެކެވެ. އެޖަލުގައި ތިބި ކުށްވެރިންނާ އަޅާބަލާއިރު އެމީހުންގެ ކަންކަން ބެލުމަށް ތިބި މުވައްޒަފުންގެ އަދަދު މަދު ނަމަވެސް މިއަދު މިނިސްޓަރު އުމަރު ވިދާޅުވީ މިޒަމާނުގެ ފިލޯސަފީއަކީ މުވައްޒަފުން އިތުުރުކުރުމުގެ ބަދަލުގައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ޖަލުތައް ބެލެހެއްޓުން ކަމަށެވެ.
ކުއްތާ ބޭނުންކޮށްގެން ޖަލުގައި އޮޕަރޭޝަންތައް ހިންގާނެ ކަމަށް ހޯމް މިނިސްޓަރު މިއަދު ވިދާޅުވެފައިވާއިރު ކުއްތާ ގަތުމަށް ބޭނުންވާ ބަޖެޓުގެ ބައެއް އަދި ކުއްތާތައް ގެނެސް ބައިތިއްބާނެ ތަންތަން ހެދުމަށް ބޭނުންވާ ފައިސާ ފިނޭންސް މިނިސްޓްރީން މިހާރު ހަމަޖައްސާދީފައިވާ ކަމަށް ހޯމް މިނިސްޓްރީންނާ ފުލުހުންގެ އިދާރާއިން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ