ސުޕްރީމް ކޯޓުގެ ބެންޗުން ދެ ފަނޑިޔާރަކު ވަކިކުރަން ފާސްކޮށްފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗް ކުޑަކުރުމަށް ކޯޓް ތަކާއި ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
ކޯޓް ތަކާއި ބެހޭ ގާނޫނަށް އެމްޑީޕީގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ހުށަހެޅުއްވި އިސްލާހު ފާސްކުރުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވޯޓަށް އެހުމުން އެބިލް ފާސްވީ 46 މެންބަރުންގެ ތާއީދާއެކު އެވެ. ބިލް ފާސްކުރުމާ ދެކޮޅަށް 19 މެންބަރަކު ވޯޓް ދެއްވާފައިވާއިރު ވަކި ގޮތަކަށް ވޯޓް ނުދެއްވާ އެއް މެންބަރަކު އިންނެވި އެވެ.
ދިވެހިރާއްޖޭގެ ޝަރުއީ ދާއިރާގެ އެންމެ މަތީ ކޯޓް ސްޕްރީމް ކޯޓުގެ ބެންޗް ކުޑަކޮށްލުމަށް ހުށަހަޅާފައިވާ އިސްލާހަށް އެމްޑީޕީއާ ޖޭޕީގެ ޕާލިމެންޓްރީ ގުރޫޕުން ވަނީ ދެކޮޅު ހަދާފަ އެވެ.
ކޯޓް ތަކާ ބެހޭ ގާނޫނަށް ޝަރީފް އިސްލާހު ހުށަހަޅުއްވާފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗް ހަތަކުން ފަހަކަށް ދަށް ކުރުމަށެވެ. ޝަރީފް ހުށަހެޅުއްވި ގޮތަށް އެ ބިލް ފާސްކުރުމަށް ބިލް ދިރާސާކުރި މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވެސް ވަނީ ނިންމާފަ އެވެ.
ކޯޓް ތަކާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ފާސްކޮށްފައިވަނީ ރައީސް ތަސްދީގު ކުރެއްވުމާއެކު އެ ބިލަށް އަމަލުކުރާ ގޮތަށެވެ. ބިލްގައި ބުނެފައިވަނީ މަގާމުން ވަކިކުރަން ހުށަހަޅާ ފަނޑިޔާރުންގެ ނަންތައް ބިލް ތަސްދީގު ކުރާތާ ތިން ދުވަހުގެ ތެރޭގައި މަޖިލީހަށް ހުށަހަޅާ ހަތް ދުވަހުގެ ތެރޭގައި އެ ފަނޑިޔާރުން ވަކިކުރުމާ މެދު މަޖިލީހުން ގޮތެއް ނިންމަން ޖެހޭނެ ކަމުގަ އެވެ.
ބިލަށް އިސްލާހު ހުށަހަޅާފައިވާ ގޮތުން ސުޕްރީމް ކޯޓުގައި މިހާރު ތިއްބެވި ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރަކު ވަކިކުރުމަށްފަހު ދެން ތިއްބެވި ފަނޑިޔާރުން މަގާމުގައި ދެމި ތިއްބަވާނެ އެވެ. މަގާމުން ވަކިކުރާ ފަނޑިޔާރުންނަށް، ފަނޑިޔާރުންގެ ގާނޫނުގެ 24 ވަނަ މާއްދާގެ ށ އަދި ނ ގައި ކަނޑައަޅާފައިވާ ހާއްސަ އިނާޔަތްތަކާއި އިމްތިޔާޒުތައް ދައުލަތުން ފޯރުކޮށްދިނުމަށް ވެސް ބިލްގައި ބުނެފައިވެ އެވެ.
ގާނޫނަށް އިސްލާހު ހުށަހަޅައިގެން ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މަގާމުން ވަކިކުރުމަށް މަޖިލީހުން މިއަދު ނިންމާފައިވާއިރު ގާނޫނު އަސާސީގެ 154 ވަނަ މާއްދާގެ (ށ)ގައި ބުނެފައިވަނީ ފަނޑިޔާރަކު މަގާމުން ވަކިކުރެވޭނީ ފަނޑިޔާރުކަމުގެ މަގާމަށް އެ މީހަކު ގާބިލް ނޫން ކަމަށް ނުވަތަ އެ މަގާމާ އެކަށީގެންނުވާ ފަދަ އަމަލެއް އެ ފަނޑިޔާރަކު ކޮށްފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނަށް ގަބޫލުކުރެވިގެން އެ ފަނޑިޔާރަކު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުން ފާސްވުމުން ކަމުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ