ރާއްޖޭގެ ތިން ސަރަހައްދެއްގައި ކުނިން ކަރަންޓް ނުވަތަ ފެން އުފެއްދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މި އަހަރު ފަށަން ނިންމައިފި އެވެ.
އަބޫދާބީގައި ކުރިއަށްދާ އިންޓަނޭޝަނަލް ރިނިއުބަލް އެނާޖީ އެޖެންސީ (އައިރީނާ)ގެ ފަސް ވަނަ އެސެމްބްލީއާ ގުޅޭ ގޮތުން އެންވަޔަރަމަންޓް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގެ ތިން ސަރަހައްދެއްގައި ކުނިން ހަކަތަ ނުވަތަ ފެން އުފައްދަން ބޭނުންވާ ނިޒާމް ގާއިމްކުރަން މިއަހަރު ތެރޭ އަމަލީ މަސައްކަތް ފަށަން ނިންމާފައިވާ ކަމަށާއި އެމަސައްކަތް ކުރުމަށް ބޭނުންވާ ފައިސާ މިދިޔަ އަހަރު ލިބިފައިވާ ކަމަށެވެ. އެގޮތުން އެމަސައްކަތް ކުރުމަށް ހަ މިލިއަން ޑޮލަރު އައިރީނާ މެދުވެރިކޮށް އަބޫދާބީ ޑިވެލޮޕްމަންޓް ފަންޑުން ލިބިފައި ކަމަށް އެބަޔާނުގައި ބުނެފައި ވެއެވެ.
"މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމާ މެދު މިހާރު ކުރިއަށްދާ އެސެމްބްލީގެ ހަވާސާގައި މަޝްވަރާކުރާނެ. ތިން ސަރަހައްދެއްގައި ކުނިން ހަކަތަ އުފެއްދުމުގެ މަޝްރޫއު ފަށާއިރު އެއް ސަރަހައްދެއްގެ ގޮތުގައި އައްޑޫ ވަނީ ކަނޑައަޅައިފައި. ގިނައިން ކުނި އުފެދޭ ރަށްރަށުގައި ކުނި އަންދައިގެން ހަކަތަ އުފެއްދުމަކީ އިގްތިސާދީ ގޮތުންނާއި ފަންނީ ގޮތުން ކުރެވިދާނެ ކަމެއްތޯ ބެލުމަށް މީގެ އަހަރުތަކެއް ކުރިން ވަނީ ފަސް ރަށެއްގައި ދިރާސާ ވެސް ކޮށްފައި. އެ ދިރާސާ އިން ދެއްކި ގޮތުގައި ދުވާލަކު 50 ޓަނުގެ ކުނި އުފެދޭ ރަށްރަށުން ކުނި އަންދައިގެން ލިބޭ ހަކަތައިން ކަރަންޓް އުފައްދައި ލޮނު ފެން މީރު ފެނަށް ބަދަލުކުރުމަށް ބޭނުންވާ ހަކަތަ ލިބޭނެ." އެންވަޔަރަމަންޓް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.
އެސެމްބްލީ ބައިވެރިވެ ވާހަކަފުޅު ދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރު ތާރިގް އިބްރާހިމް ވަނީ އައިރީނާގެ މެންބަރު ގައުމުތަކުން ހަކަތައިގެ ސިޔާސަތު އެކުލަވާލުމަށް ބާރުއަޅުއްވައި ހަކަތައިގެ ދާއިރާ ތަރައްގީކުރެވޭނެ ގޮތަށް ސިޔާސަތުތައް އެކުލަވާލުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލާފަ އެވެ.
މީގެ އިތުރުން، އައިރީނާގެ މެންބަރު ގައުމުތަކުން އުފައްދާ އިއާދަކުރަނިވި ހަކަތައިގެ މިންވަރު އިތުރުކުރުމުގައި އައިރީނާގެ ރޯލުގެ މުހިއްމުކަން މިނިސްޓަރު ތޯރިގް ވަނީ ފާހަގަކުރެއްވި އެވެ.
މިނިސްޓްރީން ބުނީ ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ ފުޅާ ދާއިރާއެއްގައި ބޭނުންކުރަން ކުރަމުން އަންނަ މަސައްކަތަށް އައިރީނާ އިން އެހީތެރިވެދެމުން އަންނަ ކަމަށާއި ރާއްޖޭގެ އިއާދަކުރަނިވި ހަކަތައިގެ މަގުޗާޓު އެކުލަވާލަން އައިރީނާގެ އެހީއާ އެކު ކުރިއަށް ގެންދާ މަސައްކަތް ވެސް ނިމުމަކާ ހިސާބަށް ގޮސްފައިވާކަމަށެވެ.
އައިރީނާ އެސެމްބްލީގައި ދުނިޔޭގެ 170 އަށް ވުރެ ގިނަ ގައުމުންނާއި ބައިނަލްއަގުވާމީ 50 ޖަމާއަތް ހިމެނޭ ގޮތަށް 1200 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވެ އެވެ. އަހަރަކު އެއްފަހަރު ބާއްވާ އެސެމްބްލީގައި މިނިސްޓަރު ތޯރިގްގެ އިތުރުން ސްޓޭޓް މިނިސްޓަރު އަބްދުލް މަތީނާއިި މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް އަހުމަދު އަލީގެ އިތުރުން އަބޫދާބީގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ޝާޒޭ ޑިއެފެއާޒް މުސްއަބް އަބްދުﷲ ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ރާއްޖޭގެ ތިން ސަރަހައްދެއްގައި ކުނިން ކަރަންޓް ނުވަތަ ފެން އުފެއްދުމުގެ މަޝްރޫއު މިއަހަރު ފަށަން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ