މިދިޔަ ރިއާސީ އިންތިހާބުގައި އެމްޑީޕީގެ ޓީޝާޓުތަކަކަށް ފައިސާ ދެއްކުމަށް ބޭރުގެ ފަރާތަކާ ޒަކީ ވާހަކަ ދައްކަވައިފައިވާ ކަމަށް ބެލެވޭ އޯޑިއޯއެއް ލީކުވެއްޖެ

ރާއްޖޭގައި 2008 ވަނަ އަހަރު ބޭއްވި ފުރަތަމަ މަލްޓި ޕާޓީ ރިޔާސީ އިންތިހާބުގެ ކެމްޕޭނު ދުވަސްވަރު، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ )އެމްޑީޕީ(ގެ ޓީޝާޓުތަކަކަށް ފައިސާ ދެއްކުމަށް އެމްޑީޕީގެ ވަގުތީ ރައީސް އަދި ސްޕެޝަލް އެންވޯއި ޓު ދަ ޕްރެސިޑެންޓް އިބްރާހިމް ހުސެއިން ޒަކީ ބޭރު ފަރާތެއްގެ ކިބައިން އެދިވަޑައިގެންފައިވާ ކަމަށް ބެލެވޭ އޯޑިއޯއެއް ލީކުވެއްޖެ އެވެ. Listen!
ސަން އަށް ލިބިފައިވާ އެ އޯޑިއޯ ކްލިޕްގައި އިވެނީ ޒަކީ އާއި ލަންޑަންގައި ހުރި "އާނަންދު" ނަމަކަށް ކިޔާ މީހަކާ ދެމެދު ފޯންކޯލެއްގައި ދައްކާފައިވާ ވާހަކަތަކެކެވެ. ދެ ބޭފުޅުން ވާހަކަ ދައްކަވަނީ "އެލެމަޓް ގާމެންޓްސް" ނަމަކަށް ކިޔާ ކުންފުންޏަކުން އެމްޑީޕީން ގެންނަ ޓީޝާޓުތަކަކަށް ފައިސާ ދެއްކުމާ ގުޅޭ ގޮތުންނެވެ. އަދި އެކަމާ ގުޅޭ ގޮތުން އީމެއިލް މެދުވެރިކޮށް ރައީސް އޮފީހުގެ ފައިނޭންސް ސެކްރެޓަރީއަކަށް މިހާރު ހުންނެވި އަހްމަދު މައުސޫމާ މުއާމަލާތްކޮށްފައިވާ ކަން ވެސް އެ އޯޑިއޯ އިން އެނގެ އެވެ.
~
އެ ޓީޝާޓުތަކުގެ ކޮންޓޭނަރު ރާއްޖެ ފޮނުވަން ރެޑީވާނީ ކޮންއިރަކުންތޯ އާނަންދު ސުވާލުކުރުމުން ޒަކީ އެ އޯޑިއޯގައި ވިދާޅުވެފައި ވަނީ، ފައިސާ ޓްރާންސްފާ ކުރިކަން ޔަގީންކޮށްދިންހާ އަވަހަކަށް އެ ޝިޕްމަންޓް ރާއްޖެ ފޮނުވާނެ ކަމަށާއި ފަސޭހަވާނީ ސީދާ އެކުންފުނީގެ އެކައުންޓަށް ފައިސާ ޖަމާކުރުމުން ކަމަށެވެ.
އަދި އާނަންދު ވަނީ، ވަޔާ ޓްރާންސްފާ މެދުވެރިކޮށް އެ ފައިސާ ޖަމާކުރާނެ ކަމުގެ ޔަގީންކަން ދީފަ އެވެ. ފައިސާ ޖަމާކުރުމަށް ފަހު ޒަކީ އަށް އީމެއިލްކުރާނެ ކަމަށާއި އަދި ހުރިހާ ކަމެއް ރަނގަޅަށްދޭތޯ ބެލުމަށް އެކުންފުންޏަށް ގުޅައި، މައުލޫމާތު ސާފުކުރާނެ ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ. އަދި ރިޔާސީ އިންތިހާބުގެ ކުރިން އެ ޓީޝާޓުތައް ނުލިބިދާނެތީ ކަންބޮޑުވާ ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.
"އަހަރެން ބޭނުމެއްނުވޭ އެ ޓީޝާޓުތައް މާލަހުން ލިބެން،" އާނަންދު ބުނެފައިވެ އެވެ.
އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނުގެ 70 ވަނަ މާއްދާގެ ދަށުން އިންތިހާބަކާ ގުޅިގެން ކެންޑިޑޭޓަކު ޚަރަދުކުރުމަށް ޓަކައި ނުވަތަ ކެމްޕޭނު ކުރުމަށް "ބިދޭސީންނާއި ބިދޭސީ ފަރާތްތަކާއި ބިދޭސީ އިދާރާތަކުން އެހީގެ ގޮތުގައި ދޭ ފައިސާ ނުވަތަ ތަކެތި" ބޭނުންކުރުމަކީ މަނާ ކަމެކެވެ.
އެމްޑީޕީގެ ރައީސް ކަމަށް ކުރިމަތިލައްވައިފައިވާ ޒަކީ މި މައްސަލައާ ގުޅޭ ގޮތުން މިއަދު ވިދާޅުވީ، ބޭރުގެ ފަރާތްތަކުން އޭނާ އަށް ދެއްވައިފައިވާ އެކިކަހަލަ އެހީތައް ޕާޓީ އަށް ހަދިޔާކުރައްވައިފައިވާ ކަމަށާއި އެގޮތުން އޭނާ އަށް ބޭރުގެ ފަރާތަކުން ދިން ޓީޝާޓުތަކެއް ވެސް ޕާޓީ އަށް ހަދިޔާކުރައްވައިފައިވާނެ ކަމަށެވެ. ނަމަވެސް، ލީކުވި އަޑުކޮޅާއި އެ ޓީޝާޓުތަކާ ގުޅުމެއްވާކަމެއް ވިދާޅެއް ނުވެ އެވެ.
ޒަކީ ވިދާޅުވި ގޮތުގައި، އެއްވެސް ފަރާތެއް މެދުވެރިކޮށް ސީދާ ޕާޓީއަށް އެހީ ހޯދައިފައިނުވާނެ އެވެ.
"އަޅުގަނޑަށް ދިން ޓީޝާޓާއި އެކިއެއްޗެހި ހަދިޔާކޮށްފައި ހުންނާނެ. ޕާޓީ އަކުން ބޭރުގެ މީހުންގެ އެއްޗެއް ސީދާ ގަބޫލުކޮށްފައެއް ނޯންނާނެ. އަޅުގަނޑަށް އެއްޗެއް ހަދިޔާކުރައްވައިފިއްޔާ އަޅުގަނޑަށް އެ ޕާޓީ އަށް ހަދިޔާކުރެވޭނެ." އެމްޑީޕީގެ ވަގުތީ ރައީސް ޒަކީ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ