ކޯލިޝަން ސަލާމަތްކުރުމުގެ ބާރު އޮތީ ގާސިމް އަތްމަތީގައި - ޕީޕީއެމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ޖުމްހުރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވާދަކުރައްވައިފިނަމަ ޕީޕީއެމް އާއި އެކު ހަދާފައިވާ ކޯލިޝަން އެއްބަސްވުން ނިމުމަކަށް އަންނާޏެ ކަމަށް އެޕާޓީ ކައުންސިލުން ނިންމާފައިވީ ނަމަވެސް ކޯލިޝަް ސަލާމަތް ކުރުމުގެ ބާރު އަދިވެސް ގާސިމް އަތްޕުޅުގައި އެބައޮތް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ކައުންސިލުން ރޭ ނިންމާފައިވަނީ ޖުމްހޫރީ ޕާޓީގެ މެދުގައި ވެފައިވާ ކޯލިޝަން އެއްބަސްވުމާއި އިސްވެ ޖުމްހޫރީ ޕާޓީން ހިލާފުވެފައިވާ ކަމަށާއި އެހެންކަމުން އެހާ ހިސާބުން ކޯލިޝަން ނިމުމަކަށް އަންނާނެ ކަމަށެވެ.
ދަންވަރުގެ ވަގުތެއްގައި ބޭއްވި ކުއްލި ނޫސް ކޮންފަރެންސްގައި އަދީބު ވިދާޅުވީ ޖުމްހޫރީ ޕާޓީއަކީ ކޯލިޝަނަށް މުހިންމު ޕާޓީއެއް ކަމަށާއި ކޯލިޝަން ރޫޅުމުގެ ކުރިން ސަލާމަތްކުރުމުގެ ބާރު އަދިވެސް އޮތީ ގާސިމްގެ އަތްޕުޅުގައި ކަމަށެވެ.
"އަޅުގަނޑުމެންނަށް އަދިވެސް ޖޭޕީ މުހިންމު، ކޯލިޝަން ސަލާމަތްކުރުމުގެ ބާރު އޮތީ ގާސިމްގެ އަތްޕުޅުގައި." އަދީބު ވިދާޅުވި އެވެ.
އަދީބު ވިދާޅުވީ މައްސަލަ ހައްލު ކުރުމުގެ ފުރުސަތު އަދިވެސް ގާސިމަށް އޮތް އިރު އެމްޑީޕީއާއި ގުޅިގެން މަސައްކަތް ކުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
އަދި ރައްޔިތުންގެ މަޖިލިސްގެ ރައީސް ކަމަށް ވަޑައިގަންނަވާނެ ބޭފުޅަކަށް ވޯޓުދެއްވާއިރު އެމްޑީޕީން ބަލާނެ 7 ޝަރުތެއް އާންމުކޮށްފައިވާ ކަމަށާއި އެ ޝަރުތުތައް ބަލައި ނުގަންނާނެ ކަމަށް ވެސް އަދީބު ވިދާޅުވި އެވެ.
ޓުއަރިޒަމް މިނިސްޓަރު ވިދާޅުވީ ޖީއެމްއާރު އަނބުރާ ގެނައުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި ނަމަވެސް ޖީއެމްއާރު އަނބުރާ ގެންނަން ބޭނުންވާ އެމްޑީޕީ އާއި ޖޭޕީން ޑީލް ހަދަމުންދާ ކަމަށެވެ.
"ގުޅިގެން އަޅުގަނޑުމެން ވެރިކަމަށް އައި ނަމަވެސް މަޖިލީހުގެ އިންތިހާބުގައި އަޅުގަނޑުމެންނަށް މެޖޯރިޓީ ދީފައި ވަނީ. އެހެންވެ ރައްޔިތުން އަޅުގަނޑުމެންގެ ވައުދު ފުއްދަން މި ވަނީ ފުރުސަތު ދީފައި. އެކަމަށް މަޖިލީހުން ކުރަން ޖެހޭ ބައިވަރު ކަންތައްތައް އެބަހުރި. އެ މަސައްކަތްތައް ހަލުވި ދުވެލީގައި ކުރެވޭނީ އަޅުގަނޑުމެންގެ ރިޔާސަތެއް އޮވެގެން،" އަދީބު ވިދާޅުވި އެވެ.
މިދިޔަ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ މެޖޯރިޓީ އޮތް އިރު ސަރުކާރަށް ދަތިކުރިތަން ފެނިފައިވާ ކަމަށާއި އެފަދަ ބަޔަކާއި ގުޅިގެން ކޯލިޝަން ޕާޓްނަރުން މަސައްކަތް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ރޭ ޕެރެޑައިސް އައިލެންޑް ރިސޯޓުގައި މަޖިލިސް މެންބަރުންނަށް ދެއްވި ފަރިއްކޮޅުގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ މަޖިލިސްގެ ރައީސް ކަމަށް ކުރިމަތިލައްވާނެ ކަމަށާއި ނަން އަނބުރާ ގެންދެވުމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވި ނަމަވެސް އެކަން އެގޮތަށް ނުކުރައްވާނެ ކަމަށެވެ.
ގާސިމްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ޕީޕީއެމްގެ ފަރާތުން ކުރިމަތިލައްވަނީ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މަސީހު އެވެ. އަދި މަޖިލީހުގެ ނައިބް ރައީސް ކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ނެރުމަށް ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ