އެއާޕޯޓްގެ މައްސަލައިގައި ވަކި ބަޔަކަށް ފައިދާވާ ގޮތަށް ޑރ. ޝަމްހީދު ކަމެއް ނުކުރޭ: ގާސިމް

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް އިންޑިއާގެ ޖީއެމްއާރަށް ދީފައިވާ މައްސަލައިގައި ވަކި ބަޔަކަށް ފައިދާވާ ގޮތަށް ޓްރާންސްޕޯޓް މިނިސްޓަރު ޑރ. އަހްމަދު ޝަމްހީދު މަސައްކަތް ކުރައްވާކަން އެނގިވަޑައިގެންފައި ނެތް ކަމަށާއި އެއީ ބަދުނާމު ކުރުމަށް ދައްކާ ވާހަކައެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީގެ އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި ގާސިމް ވިދާޅުވީ ޑރ. ޝަމްހީދަކީ އެ ޕާޓީގެ ފަރާތުން ސަރުކާރުގައި ހުންނެވި ބޭފުޅަކަށް ވިޔަސް، އޭނާގެ ގާނޫނީ ވާޖިބު އަދާކުރެއްވުމުގައި ޖުމްހޫރީ ޕާޓީގެ ނުފޫޒެއް ނޯންނާނެ ކަމަށެވެ.
ޖީއެމްއާރުން ވިލާ އެއާއިން ދީފައިވާ ކްރެޑިޓް ފެސިލިޓީއާ ގުޅުވައިގެން އޭނާ އާއި ޑރ. ޝަމްހީދު ބަދުނާމު ކުރަމުން ދިއުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށް ގާސިމް ވިދާޅުވި އެވެ.
ޖީއެމްއާރުން ޑރ. ޑރ. ޝަމްހީދު ރިޝްވަތު ނެންގެވި ކަމަށް ތުހުމަތުކޮށް އަޑުތައް ފެތުރަމުންދާއިރު، އެއީ ބަދުނާމު ކުރަން ދައްކާ ވާހަކަ ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި ޖީއެމްއާރާ އެކު ސަރުކާރުން ހަދާފައިވާ އެއްބަސްވުން ދިރާސާކުރެއްވުމަށް ރައީސް މުހައްމަދު ވަހީދު އެކުލަވާލެއްވި ތިން ބޭފުޅުންގެ ކޮމިޓީގައި ޑރ. ޝަމްހީދު ހިމެނިވަޑައިނުގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ ކޮމިޓީގައި ޓްރާންސްޕޯޓް މިނިސްޓަރު ނެތުމަކީ އޭނާ އަށް ދިން ނިކަމެތި ކަމެއް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
"އަޅުގަނޑު ޑރ. ވަހީދަށް ދެންނެވިން މަނިކުފާނު ޓްރާންސްޕޯޓް މިނިސްޓަރު އޭގަ ނުހިމަނުއްވާ އެހެން ތިން ބޭފުޅުންގެ މައްޗަށް އެ ކޮމިޓީ އެކުލަވާލެއްވީމާ ތިކުރެއްވޭ ކަންތަކާމެދު ވިސްނާވަޑައިގަންނަވާށޭ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ނިކަމަތިކޮށްލުމެކޭ ތިއީ. އެހެންވީމާ އެއްގޮތަކަށް ވެސް އަޅުގަނޑު ގަބޫލުނުކުރާނަމޭ،" މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ މިނިސްޓަރަކު ނިކަމެތިކޮށްލެއްވުމަކީ ގަބޫލުކުރެއްވޭ ކަމެއް ނޫން ކަމަށާއި ނަޝީދު ސަރުކާރުގެ ހޯމް މިނިސްޓަރު ކަމުން އޭނާ އިސްތިއުފާ ދެއްވީ ނިކަމެތިކޮށްލުމުން ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި ނައިބު ރައީސް ކަމުގައި ހުންނެވިއިރު، ނިކަމެތިކޮށްލުމުން ކުރާ އަސަރު މިހާރުގެ ރައީސް ވަހީދަށް އެނގިވަޑައިގަންނަވާނެ ކަމަށް ދެންނެވި ކަމަށް ގާސިމް ވިދާޅުވި އެވެ.
އެގްރީމެންޓް ދިރާސާކުރާ ކޮމިޓީގައި ޑރ. ޝަމްހީދު ނުހިމެނުއްވީ ތަންކޮޅެއް "ހަރުކޮށް" ބަސް ވިދާޅުވާތީ ކަމަށް ރައީސް ވަހީދު ވިދާޅުވި ކަމުގައި ގާސިމް ވިދާޅުވި އެވެ.
މި މައްސަލައިގެ އިތުރުން މިއަދުގެ ނިއުސް ކޮންފަރެންސްގައި އެއާޕޯޓް ޖީއެމްއާރަށް ދިނުމަށް ކުރީގެ ސަރުކާރުން ނިންމި ނިންމުމާ ގުޅޭ ގޮތުން އާ ވާހަކަތަކެއް ގާސިމް ހިއްސާކުރެއްވެވި އެވެ. އެގޮތުން އެއާޕޯޓް ބޭރު ބަޔަކަށް ދިނުމަށްޓަކައި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގެ ދެ ވަނަ ދުވަހު ކެބިނެޓް ބައްދަލުވުމަށް އެޖެންޑާކުރި ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ ކެބިނެޓްގެ ތިން ވަނަ ބައްދަލުވުން ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
"އަޅުގަނޑު އެ ދުވަހު ވެސް ދެންނެވީ މިކަހަލަ މުހިންމު އިންވެސްޓްމެންޓްތައް ދޫކޮށްލުމަކީ ގައުމުގެ މަސްލަހަތަށާއި ގައުމުގެ މުސްތަގުބަލުގައި އޮންނަންވީ އަމާންކަމަށާއި އަދި އަޅުގަނޑުމެން ސިޔާދަތައި މިނިވަންކަމަށް ވަރަށް ބޮޑު ނުރައްކާ ހުރި ކަންތައްތަކަށް ވެދާނޭ،" ގާސިމް ވިދާޅުވި އެވެ. "އަޅުގަނޑު ބުނިން އެ ދުވަހު ތިބޭފުޅާ [ކުރީގެ ރައީސް ނަޝީދު] މިކަހަލަ ކަމެއް ކުރަންޏާ އަޅުގަނޑު ހުންނާނީ މަގުމަތީގައޭ. މި ސަރުކާރުގައި މިކަން ކުރިކަމުގައި ވިޔަސް އަޅުގަނޑު ހުންނާނީ މަގުމަތީގަ މުޒާހަރާކުރާށޭ. އެހެން ބުނީމާ އެ ހިސާބުން ކެބިނެޓް ޖަލްސާ ނިމުނީ."
އެއާޕޯޓް ތަރައްގީކުރަން ޝައުގުވެރިވާ ފަރާތެއް ހޯދަން އިއުލާންކުރީ ކެބިނެޓުން ނުނިންމައި ކަމަށާއި އެކަން އެނގިވަޑައިގެންނެވީ ރޭޑިއޯއިން އެކަން އިއުލާނުކުރުމުން ކަމަށް ގާސިމް ވިދާޅުވި އެވެ.
"އެކަންތައް އެގޮތަށް ކުރެއްވީމާ އަޅުގަނޑު ހިތަށް އެރި ނޫނޭ ނޫނޭ ސަހަރޯއޭ،" ކުރީގެ ރައީސް ނަޝީދަށް އިޝާރަތް ކުރައްވައި ގާސިމް ވިދާޅުވި އެވެ.
އެއާޕޯޓް އިތުރަށް ތަރައްގީކުރަން ސަރުކާރުން ބޭނުންވާ ނަމަ ކުޑަ އިންޓަރެސްޓް ރޭޓެއްގައި 300 މިލިއަން ޑޮލަރު ނުވަތަ 400 މިލިއަން ޑޮލަރު ދޭނެ ފަރާތްތައް އެބަހުރި ކަމަށް ސަރުކާރުގައި ދެންނެވި ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި ސިންގަޕޫރާއި ދުބާއީ އެއާޕޯޓް ތަރައްގީ ކުރި ގޮތަށް ރާއްޖޭގެ އެއާޕޯޓް ތަރައްގީކުރުމަށްޓަކައި މެނޭޖްކުރުމަށް ތަޖުރިބާހުރި ބޭރުގެ ފަރާތްތަކެއް ގެނައުމަށް ވެސް ދެންނެވި ކަމަށް ގާސިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ