ރައްޔިތުން ބޭނުން ވަނީ އާމްދަނީ ދެގުނަވާން: ނަޝީދު

ރައްޔިތު މީހާ ބޭނުން ވަނީ ހަލާލު ގޮތުގައި ހޯދާ އާމްދަނީ ދެ ގުނަވެ، އަޅުވެތިކަމުން މިންޖުވެ، މިނިވަން ކަމާ އެކީ މަސައްކަތްކުރުމަށް ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ސިޔާސަތުތައް ހާމަކުރުމަށް ފަށާފައިވާ މިނީ މެނިފެސްޓޯ ހާމަކުރުމުގެ ޕްރޮގްރާމްގެ ތެރެއިން މަސައްކަތްތެރިންގެ ސިޔާސަތު ހާމަކޮށްދެއްވަމުން ގދ. ތިނަދޫގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކުރުވުމަށް އެމްޑީޕީން އަބަދު ވެސް ވަކާލާތު ކުރާ ކަމަށާއި މި ގޮތުން 2006 ވަނަ އަހަރު ފުރަތަމަ ފަހަރަށް މަސައްކަތްތެރިންގެ ހައްގުގައި އަޑުއުފުލައި އެމްޑީޕީގެ ސަރުކާރެއްގައި ކުރިއަށް ގެންދާނެ ސިޔާސަތުތަކެއް އިއުލާނުކުރި ކަމަށެވެ. އަދި 2008 ވަނަ އަހަރު ވެރިކަމަށް އައިސް ލޭބާ ޓްރައިބިއުނަލްއަކާއި ލޭބާ ރިލޭޝަންސް އޮތޯރިޓީއެއް ވެސް އުފެއްދި ކަމަށާއި އޭގެ ސަބަބުން މަސައްކަތެރިންގެ ހައްގުތައް ރައްކާތެރިކޮށްދިނުމަށް ކުރަމުން އައި މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެން ދިޔަ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"ރައްޔިތުން ބޭނުން ވަނީ މަސައްކަތު މީހާ އުވި މިނިވަން މަސައްކަތެރިޔާ އުފަންވުން، ދިވެހިން ބޭނުން ވަނީ އަޅުވެތި މަސައްކަތު މީހާގެ މަގާމުން މިނިވަން މަސައްކަތު މީހާގެ ދަރަޖަ އަށް އުފުލުން. ކޮންމެ ދިވެއްސަކީ އޭނާގެ ހަމަ އިސްކޮޅަށް ތެދުވެ ހުރި ފަހުރުވެރި ދިވެއްސަކަށް ވުމަށް. އަޅުވެތިކަމުން ވީއްލި ހުރި ހަލާލު ގޮތުގައި ހޯދާ އާމްދަނީ ދެ ގުނަ ވުމަށް. އެއީ އެމްޑީޕީ މި ކުރާން އުޅޭ ކަންތަކަކީ،" ތިނަދޫގައި އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވި އެވެ.
މި ސިޔާސަތުގެ ދަށުން އެމްޑީޕީން އިސްކަންދޭނެ އެއް ކަމަކީ ދަރިވަރުން މަސައްކަތުގެ މާހައުލަށް އަހުލުވެރިކުރުވުން ކަމަށާއި މި ޕްރޮގްރާމްތައް ހިންގާނީ ޗުއްޓީ ދުވަސްވަރު ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އަދި ޕްރޮގްރާމް ބައްޓަންކޮށްފައި ވަނީ އެ ކުއްޖަކު ޝައުގުވެރިވާ ދާއިރާއަކުން ތަމްރީނާއި އުޖޫރަ ވެސް ލިބޭ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"ވަޒީފާއާ ގުޅޭ ތަމްރީނާއި އަދި ވަޒީފާގެ ފުރުސަތުތަކާ ގުޅޭ މައުލޫމާތު ބެލެނިވެރިންނަށް ލިބޭނެ ވަސީލަތް އިރާދަކުރެއްވިއްޔާ މުޅި ރާއްޖޭގައި ގާއިމުކުރެވޭނެ. އެ ގޮތުން ހުނަރު ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ މަރުކަޒުތައް ރާއްޖޭގެ އެކި ސަރަހައްދުގައި ގާއިމުކުރެވޭނެ،" ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ އަމާޒަކީ ފަސް އަހަރުގެ ތެރޭގައި ބައި ލައްކަ އަށް ވުރެ ގިނަ ފުރުސަތު ތަނަވަސްކުރުން ކަމަށާއި އެއީ ތަފާތު 27 ޕްރޮގްރާމެއްގެ ތެރެއިން އުފެދޭނެ 34،000 އާ ވަޒީފާ އާއި ހުނަރު ޕްރޮގްރާމްގެ ހަ ދާއިރާ އިން އުފެދޭ 17،000 ވަޒީފާގެ ފުރުސަތު ކަމަށެވެ. މީގެ އިތުރުން ދެ މިލިއަން ރުފިޔާގެ އާމްދަނީ ނުލިބޭ ކުދި ވިޔަފާރިތައް ފިޔަފައި އެހެން ވިޔަފާރިތަކުގައި ވަޒީފާ އަދާކުރާ މީހުންނަށް މިނިމަމް ވޭޖެއްގެ ގޮތުގައި 4،500ރ. ވެސް އެމްޑީޕީން ކަނޑައަޅާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އަދި މުވައްޒަފުންނަށް އިތުރު ގަޑި އާއި ސާވިސް ޗާޖް ލިބޭނެ މަގު އެމްޑީޕީން ތަނަވަސްކޮށްދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
"މިނިވަން މަސައްކަތު މީހާގެ" ސިޔާސަތުގެ ދަށުން ވަޒީފާ އަދާކުރާ ތަނަކާ އެންމެ ކައިރިން ބޯހިޔާވަހިކަން ލިބޭނެ މަގު ތަނަވަސްކޮށްދީ ފަސޭހަކަމާ އެކު އަނބިދަރިން ކައިރި އަށް އައިސް ގޮސްވާނެ ދަތުރުފަތުރުގެ ނިޒާމެއް ވެސް އެމްޑީޕީ ސަރުކާރު ގާއިމުކޮށްދޭނެ ކަމަށް ނަޝީދު ވައުދުވެވަޑައިގެންނެވި އެވެ. އަދި މި ބޯހިޔާވަހި ކަމަކީ ދިގު މުއްދަތެއްގައި ފައިސާ ދައްކައިގެން އަމިއްލަކުރެވޭނެ ތަނަކަށް ވެގެންދާނެ ކަމަށާއި އަދި ބޭނުން ވެއްޖެ ނަމަ ވިއްކައިލުމުގެ ހައްގު ވެސް ލިބިގެންދާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ މި ސިޔާސަތުގެ ތެރޭގައި ސަރުކާރާއި ވަޒީފާ ދޭ ފަރާތުން ކޮންމެ މަހަކު މުސާރައިގެ ފަސް ޕަސެންޓް ޖަމާކުރާ ގޮތަށް ހައުސިން ފަންޑެއް ވެސް ގާއިމުކުރުން ވެސް ހިމެނޭ ކަމަށެވެ. އަދި މަސައްކަތު މީހާގެ ސިޔާސަތު ވެސް ބައްޓަންކޮށްފައި ވަނީ ދިވެހި އަންހެނުންނަށް ހާއްސަވާ ގޮތަށް ކަމަށާއި މި ގޮތުން އަންހެނުންނަށް ފަސޭހަ ގަޑިއަކު މިނިވަންކަން ދީގެން ވަޒީފާ އަދާކުރެވޭނެ އުސޫލެއް މުޅިން އަލަށް ރާއްޖޭގައި ގާއިމުކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
އެމްޑީޕީން މިހާތަނަށް ވަނީ ޓޫރިޒަމަށް އަމާޒުކޮށް ގެސްޓް ހައުސްގެ ސިޔާސަތާއި މެރިކަލްޗާގެ ސިޔސަތު އިއުލާނުކޮށްފަ އެވެ. މިއަދުގެ ސިޔާސަތު ހާމަކުރުމަށް ވެސް އެމްޑީޕީގެ ޓީމުތައް މުޅި ރާއްޖޭގައި ހަރަކާތްތެރިވާނެ ކަމަށް އެ ޕާޓީން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ