އިރުއޮއްސުމުގެ ކުރިން ހުރިހާ ތަނަކަށް ކަރަންޓު ދެވޭނެ: ސްޓެލްކޯ
        މުޅި މާލެއާއި ހުޅުމާލެއިން ކަރަންޓު ދިޔައީ އިންޓަކަނެކްޝަން ގްރިޑަށް ދިމާވި މައްސަލައަކުން ކަމަށާއި މިއަދު އިރުއޮއްސުމުގެ ކުރިން މުޅި މާލެއަށް ކަރަންޓު ދެވޭނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.  މުޅި މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުނީ މިއަދު 12:35 އެހާކަންހާއިރެވެ.  މާލޭގެ 53 އިންސައްތަ ސަރަހައްދަށް މިހާރު ކަރަންޓު ދީފައިވާއިރު އަދިވެސް މާލޭގެ ބައެއް ސަރަހައްދުތަކަށް ކަރަންޓެއް ނުދެވެއެވެ. މިހާރު ކަރަންޓު ދީފައިވަނީ މާލޭގެ ބަޔަކަށާއި ހުޅުމާލޭ ފުރަތަމަ ފިޔަވައްސަށެވެ.  https://sun.mv/206752  ސްޓެލްކޯއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނިން ބުނީ، ކަރަންޓު ކެނޑެން ދިމާވީ އިންޓަ ކަނެކްޝަން ގްރިޑަށް ދިމާވި މައްސަލައަކުން ކަމަށެވެ. އެކަމަކު، މާ ބޮޑު މައްސަލައެއް ދިމާވެފައިވާކަން މިހާތަނަށް ފާހަގަކުރެވިފައިނުވާ ކަމަށް އެ ކުންފުނިން ބުންޏެވެ.  އެހެންވެ، މިއަދުގެ އިރުއޮއްސުމުގެ ކުރިން މުޅި މާލެއަށް ކަރަންޓު ދެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.  ފާހަގަކޮށްލެވޭ ގޮތުގައި މުޅި މާލެއިން ކަރަންޓު ކެނޑުނު މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަން ކަމާބެހޭ އިދާރާތަކަށް އަންގަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. އެހެންވެ، ފުލުހުން ވަނީ މި މައްސަލަ ތަހުގީގުކުރަން ޚާއްސަ ތަހުގީގެއް ފަށައިފައެވެ.  https://sun.mv/206756  ހަކަތައާއި ތިމާވެއްޓާއި ފަތުރުވެރިކަމާ ބެހޭ ވަޒީރު ތާރިގް އިބްރާހިމް ވެސް ވަނީ މި ފަދަ ކަމެއް ތަކުރާރުނުވާނެކަން ޔަގީންކުރުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.  މުޅި މާލޭ ސަރަހައްދުން ކަރަންޓު ކެނޑެން ދިމާވި ސީދާ ސަބަބެއް ހާމަނުކުރި ނަމަވެސް މާ ބޮޑު މައްސަލައެއް ދިމާނުވާ ކަމަށާއި އެއްވެސް އެއްޗަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް ސްޓެލްކޯއިން ބުނެއެވެ. އަދި، ކުރިއަށް އޮތް ތަނުގައި މި ފަދަ ކަމެއް ތަކުރާރުނުވާނެކަން ޔަގީންކުރާނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
    
    
    
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ