ސުޕްރީމް ކޯޓަށް ފަނޑިޔާރުން ހޯދަން އިއުލާނުކޮށްފި

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ތިން ފަނޑިޔާރުންގެ މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ޖޭއެސްސީން ވިދާޅުވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ މަގާމް ހުސްވުމާ ގުޅިގެން އެ ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލައްވަން އެދިލައްވާ ފަރާތްތަކުން އެކަމަށް އެދި ސިޓީއަކުން ޖޭއެސްސީ އަށް ހުށަހެޅުމަށެވެ.
އަދި އެ ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް ކުރި މަތިލެވެނީ، އުމުރުން 30 އަހަރު ވެފައިވާ ފަރާތްތަކަށް ކަމަށާއި، އަދި ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ އެ ދެކަމުގައި މަދުވެގެން ހަތް އަހަރު ދުވަހުގެ ތަޖުރިބާ ހުންނަން ވާނެ ކަމަށް ޖޭއެސްސީން ވިދާޅުވިއެވެ.
ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމުގެ ތިން މަގާމެއް ހުސްވެފައިވަނީ އެ ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބެވި ދެ ފަނޑިޔާރަކު މަގާމުން ވަކިކޮށް، އަދި އެއް ފަނޑިޔާރަކު ރިޓަޔާކުރެއްވުމާ ގުޅިގެންނެވެ.
އެ ކޯޓުގެ ފަނޑިޔާރުކަމުގައި ހުންނަވަނިކޮށް، އުއްތަމަ ފަނޑިޔާރުކަމުގައި ހުންނެވި ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް ވަނީ، ފަނޑިޔާރުކަމުގެ މަގާމުން ރައްޔިތުންގެ މަޖިލީހުން ވަކިކޮށްފައެވެ. މި ދެ ބޭފުޅުން ވަކިކޮށްފައި ވަނީ، އެބޭފުޅުންނާއި ގުޅޭގޮތުން ޖޭއެސްސީން ބަލަމުން ދިޔަ ސުލޫކީ މައްސަލަ ސާބިތުވުމުންނެވެ.
އަދި މީގެ އިތުރުން، ރިޓަޔާކޮށްފައި ވަނީ ފަނޑިޔާރު އަބްދުﷲ އަރީފެވެ. އޭނާ ރިޓަޔާކޮށްފައި ވަނީ ސިއްހީ ހާލުކޮޅު ހުރިގޮތުންނެވެ.
ސުޕްރީމް ކޯޓުގައި ހުސްވެފައިވާ ތިން މަގާމަށް ކުރިމަތިލުމަށް ޖޭއެސްސީން ދީފައިވާ ސުންގަޑިއަކީ މި މަހުގެ 28 ވަނަ ދުވަހުގެ މެންދުރު 12:00 އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ