ދަތުރުތަކުން ފެންނަނީ ސަރުކާރާ މެދު ރައްޔިތުން މާޔޫސްވެފައި ތިބި މަންޒަރު: އަބްދުއްރަހީމް

އިދިކޮޅު ކޯލިޝަނުން އަތޮޅު ތެރެއަށް ކުރި ދަތުރުން އެނގުނީ މި ސަރުކާރާ މެދު ރައްޔިތުން މާޔޫސްވެފައި ތިބި ތަން ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުން އދ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު އެނބުރި ވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ އެ ދަތުރުގައި ވަޑައިގަތް ތިން ރަށުން ވެސް ފެނުނީ ރައީސް ޔާމީނަށް ތާއީދު އިތުރުވަމުންދާ ތަން ކަމަށާއި އަދި މި ސަރުކާރާ މެދު ރައްޔިތުން މާޔޫސްވެފައި ތިބި ތަން ކަމަށެވެ
"އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ މިއަދުގެ ސަރުކާރު ދެކެ ރައްޔިތުން މާޔޫސްވެފައި ތިބި މަންޒަރު. އެކަން އަޅުގަނޑުމެންނަށް އެންމެ ބޮޑަށް ފާހަގަ ކުރެވުނީ. ހަމައެއާ އެކީގައި ރައީސް ޔާމީނަށް އޮތް ތާއީދު އަތޮޅުތަކުގައި ދުވަހުން ދުވަހަށް އިތުރުވަމުންދާ ތަން އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި އިދިިކޮޅު ކޯލިޝަންގެ އެ ދަތުރަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރުވުމުގެ އިތުރުން ރައްޔިތުންގެ ވިސްނުން ހުރި ގޮތް ބެލުމަށް ކުރި ދަތުރެއް ކަމަށެވެ. އަދި އެ ދަތުރުގައި ވަޑައިގަތް ރަށްރަށުން ރައީސް ޔާމީނަށް ދެއްވި ހޫނު މަރުހަބާ އަށް ޝުކުރު އަދާ ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރައީސް ޔާމީނާއި އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުންގެ އިތުރުން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ވެސް އެ ދަތުރުގައި ބައިވެރިވެ ވަޑައިގަތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ