ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމްގެ އޮފީސް ހުޅުމާލޭ ގައި އިއްޔެ ހުޅުވައިފި އެވެ.
މުޅިން އަލަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރައްވާ ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމްގެ ދާއިރާގެ އޮފީސް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9 ން މެންދުރު 12 އަށް އަދި މެންދުރު 1 ން ހަވީރު 5 ޖަހަންދެން ހުޅުވާފައި ހުންނާނެ ކަަމަށް އޭނާ ވިދާޅުވި އެވެ.
އޮފީސް ހުންނަނީ ހުޅުމާލޭގެ ކެލާމަގުން (ލޮޓް ނަމްބަރު 11089) ގަ އެވެ.
ސިފައިންގެ ތެރޭގައި ވިއްސަކަށް އަހަރު ހޭދަކުރައްވައި ސިފައިންގޭގެ އިސް މަގާމުތައް ވެސް ފުރުއްވާފައިވާ ނާޒިމް "މިހާރު" އަށް ވިދާޅުވީ، "ދަނގެތި ދާއިރާގެ އޮފީސް" ގެ ބޭނުމަކީ އެ ދާއިރާގެ ރައްޔިތުންނާ ގާތުން އެހީތެރިކަން ފޯރުކޮށްދީ، އެކި ކަންކަމުގައި ބައްދަލުކޮށް މަޝްވަރާ ކުރުން ކަމަށެވެ. އަދި ދާއިރާގެ ރައްޔިތުންނާ މި އޮފީސް މެދުވެރިކޮށް އަބަދުވެސް ބައްދަލުވުމުގެ ފުރުސަތު އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ދާއިރާގެ ރައްޔިތުންނަށް ބޭނުންވާ އެހީތެރިކަން އޮފީހުގެ މުވައްޒަފުން މެދުވެރިކޮށް ލިބޭނެ. ސަރުކާރު ތެރެއިން ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދިނުމަށް އަޅުގަނޑުމެން އެހީތެރިވާނަން. އަޅުގަނޑަށް ނުގުޅޭ ހާލަތުގައި ގުޅުމަށް ހޮޓްލައިން މެދުވެރިކޮށް ވެސް ގުޅޭނެ. އަޅުގަނޑަށް ނުގުޅޭ ހާލަތުގައި އޮފީހުގެ ފޯން ނަމްބަރަށް ގުޅައިގެން ވެސް އަޅުގަނޑަށް އެޕޮއިންޓްމަންޓް ހެއްދޭނެ،" ނާޒިމް ވިދާޅުވި އެވެ.
"އަޅުގަނޑުގެ އޮފީހުން އަބަދުވެސް ޖަވާބުދާރީ ވާނެ. މި ފަސް އަހަރު މިކަން މިގޮތަށް ދާނެ."
ދާއިރާގެ ލޮބުވެތި ރައްޔިތުންނާ ވީހާވެސް ގަާތުން މަސައްކަތް ކޮށް ޚިދުމަތްކުރުމަށްޓަކައި އެކަމަށް ހާއްސަ އޮފީހެއް ހުޅުވުމުކީ ލިބޭ އުފަލެއް. #ދަނގެތިދާއިރާއޮފީސް pic.twitter.com/ilXCoNtTrw— Col(rtd)Mohamed Nazim (@nazim7878) November 21, 2019
ނާޒިމްގެ އޮފީހާ ގުޅޭ ގޮތުން ކުރެއްވި ޓުވީޓްނާޒިމަކީ، ވެރިކަން ކުރާ ކޯލިޝަން ގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ އިސް މެމްބަރެކެވެ. އޭނާ، އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އެޑްވައިޒަރުކަން ވެސް ކުރިން ކުރެއްވި އެވެ. އެކަމަކު، އެ ޕާޓީގެ ބައެއް ކަންކަމާ މެދު ހިތްހަމަޖެހިވަޑައިނުގަތުމުން ވަރަށް ފަހުން ވަނީ ގާސިމްގެ އެޑްވައިޒަރުކަމުން އިސްތިއުފާ ދެއްވައިފަ އެވެ. ޖުމްހޫރީ ޕާޓީން ބުނެފައި ވަނީ ނާޒިމް އެ ފިޔަވަޅު އެޅުއްވީ ގާސިމްގެ ވެސް އެދިވަޑައިގަތުމުގެ މަތިން ކަމަށެވެ.
ނާޒިމަކީ، ދެން އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް ބެލެވޭ ކެންޑިޑޭޓެކެވެ. އެކަމަކު، އެކަމާ ބެހޭ ގޮތުން އޭނާ ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ.
ނާޒިމްގެ ދާއިރާގެ އޮފީސް ހުޅުމާލޭގައި ހުޅުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ