ލުބުނާނުގެ ރެފިއުޖީ ކޭމްޕުގައި އުޅޭ ފަލަސްތީނު ރައްޔިތުން: މަރުވާން ބޭނުމީ އަމިއްލަ ބިމުގައި

އެއީ 1982 ވަނަ އަހަރުގެ ޖޫން މަހުގެ ދުވަހެކެވެ. އޭރު ލައިލާ ބަލްގީސްގެ އުމުރުން 17 އަހަރެވެ. ކޮންމެ ދުވަހެއްގެ ހެނދުނުގެ އާދައަކީ ބައްޕަ އާއެކު ޓީވީ ބެލުމެވެ. ލުބުނާނުގެ ވެރިރަށް ބެއިރޫތުގައި ހުރި ޕަލަސްތީނުގެ ރެފިއުޖީ ކޭމްޕުގައި ލައިލާ އުޅުނީ އޭނާގެ ބައްޕަ އާއެކުގައެވެ. މޭ ކަށިގަނޑުގެ އޮޕަރޭޝަނެއް ކޮށްފައިވާ ބައްޕަ އާއެކު އާދައިގެ ގޮތަކަށް ފެށި ހެނދުނު، ބަދަލުވެގެން ދިޔައީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. "ކުއްލިއަކަށް އިވެން ފެށީކޭމްޕުގެ އެކި ފަރާތްފަރާތުން ބަޑިޖަހާ އަޑު،" އެ ދުވަހުގެ ހަނދާން އާކުރަމުން ލައިލާ 56 ކިޔައިދިނެވެ. ޕަލަސްތީނިއަން ލިބަރަލް އޯގަނައިޒޭޝަން (ޕީއެލްއޯ) އާ ދެކޮޅަށް ކަމަށްބުނެ އާންމު ރައްޔިތުން އުޅެމުންދިޔަ ކޭމްޕަށް އިސްރާއިލު ސިފައިން ހަމަލާދިނީ ރަހުމެއް ނެތިއެވެ. އެއީ ލުބުނާނުގެ ދާޚިލީ ހަނގުރާމައަށްފަހު ލުބުނާނު އަދި ހިންދެމިނުލެވި އުޅެނިކޮށް ހިނގައިދިޔަ ހާދިސާއެކެވެ. ފަލަސްތީނުގެ އެތައް ރައްޔިތުންނެއް އުޅެމުންދިޔަ ރެފިއުޖީ ކޭމްޕް ހަލާކުވެ އެތައް ރައްޔިތުންނެއް މަގުމަތިވީއެވެ. "އަހަންނަށް ފެނުނު ފާރުތައްވެސް ހަލާކުވެގެން ވެއްޓޭތަން،" ލައިލާ ކިޔައިދިނެވެ. ލައިލާ އާއި ލައިލާގެ މަންމަ އަދި ތިން ކޮއްކޮ އާއެކު އެ ސަރަހައްދު ދޫކޮށް ދާން ނިންމި ނަމަވެސް ބައްޕަ އެ ގޮތަކާ އެއްބަހެއް ނުވިއެެ. އެ ބޯހިޔާވަހި ކަމުގައި ހުންނަން ބައްޕަ ބޭނުންވީއެވެ. "ބައްޕަ ބުނީ ތިމަންނައަށް ފަލަސްތީނުގައި ފަހު ނޭވާ ދޫނުކުރެވުނިއްޔާ ބޭނުމީ މިތަނުގައި (ލުބުނާނުގައި) މަރުވާށޭ،" ބައްޕަ އެ ހާލަށް ދޫކޮށްލަން އަވައްޓެރިންވެސް ބޭނުން ނުވި ކަމަށާއި އަވައްޓެރިންގެ އެހީއާއެކު ބައްޕަ އެމީހުންނާއެކު ގެންދިޔައީ ކަމަށް ލައިލާ ބުންޏެވެ. އިސްރާއީލު ސިފައިންގެ ހަމަލާތައް މައިތިރި ވުމުން އަނެއްކާވެސް އެމީހުން އެ ކޭމްޕަށް އެނބުރި ދިޔައީއެވެ. ނަމަވެސް އެ ގޭގެ ބޮޑުކޮޓަރިއާއި ބަދިގެވެސް ވަނީ ސުންނާފަތިކޮށްލައިފައެވެ. ކުރީގެ ހާލަތަށް އެނބުރި ދިއުމަށް އެތަށް އަހަރެއް ނެގިއެވެ. ލައިލާ އޭނާގެ މަންމަ އަދި ހަގު ދަރިފުޅާ އެކު--- މިއަދުވެސް ލައިލާ އުޅެމުންދަނީ އެ ކޭމްޕުގައި އޭނާ އުޅުނު ގޭގައެވެ. މިހާރު އެއީ ދެ ކޮޓަރީގެ ގެއެކެވެ. ލުބުނާނުގައި އޭނާއަށް ގެއެއްގެ އިހުސާސްވަނީ ހަމައެކަނި އެތަނުގައެވެ. ފަލަސްތީނުގެ ރައްޔިތެއް ނަމަވެސް އެނބުރި ގައުމަށް ދިއުމުގެ ނިއުމަތް ލިބޭނެ ކަމުގެ އުއްމީދެއް ނެތެވެ. މުޅި އުމުރު ހޭދަވަނީ ރެފިއުޖީއެއްގެ ގޮތުގައެވެ. ލައިލާގެ ވާހަކައަކީ ފަލަސްތީނުގެ ރެފިއުޖީންގެ ވާހަކަތަކާ އަޅާބަލާއިރު ވަކި ތަފާތު ވާހަކައަކަށް ނުވެދާނެއެވެ. ނަމަވެސް އޭނާގެ ހިތްވަރާއި، މުޅިން އެހެން ގައުމެއްގައި އާއިލާއާއެކު ހޭދަކުރަމުންދާ ދިރުއުޅުމަކީ އިބުރަތުން ފުރިގެންވާ ވާހަކަތަކެކެވެ. ލައިލާގެ ވާހަކައިން ފެންނަނީ އެކަނިވެރި މަޔަކު އަންހެން ދަރިންތަކެއް ގޮވައިގެން މުޅިން ބީރައްޓެހި ގައުމެއްގައި އުޅެމުންދާ ހާލެވެ. ފަލަސްތީނުގެ ގިނަ އަންހެނުންގެ ހާލަކީވެސް މިއެވެ. ދަރިންގެ މުސްތަގުބަލަށްޓަކައި ވަމުންދާ ގުރުބާނީ އެވެ. ލައިލާމެން އުޅެމުންދާ ސަރަހައްދަށް ކިޔަނީ ބުރުޖު ބަރަންޖެހް އެވެ. އެއީ ބެއިރޫތުގެ ސިޓީ ސެންޓަރާ މާ ދުރު ސަރަހައްދެއްވެސް ނޫނެވެ. މިހާރު އެއީ 50،000 އަށް ވުރެ ގިނަ ފަލަސްތީނު ރައްޔިތުންގެ ގެއެވެ. އދގެ ރެފިއުޖީންގެ ހައްގުތަކާ ބެހޭ ޖަމްއިއްޔާގެ އެހީއާއެކު އެ ކޭމްޕުގައިއުޅޭ މީހުންގެ ސަރަހައްދަށް ވަންނަ އިރު އެއީ ލުބުނާނުގެ ސަރަހައްދެކޭ ނުބުނާނެއެވެ. މުޅި އެ ސަރަހައްދުގައި ވަނީ ފަލަސްތީނުގެ ދިދަ އާއި ރަމްޒުތަކެވެ. އެ ކޭމްޕުގެ ސަރަހައްދެއްގައި ކޮފީއާއި ސައި އަދި ލުނބޯ ޖޫސް ވިއްކާ "ގާޑިޔާ" ތައް ހުއްޓެވެ. އެކި އުމުރުގެ ފިރިހެނުން އެ މަސައްކަތުގައި ހަރަކާތްތެރިވަމުން ދިޔައެވެ. އެ ކޭމްޕުގެ ސެކިއުރިޓީ ބަލަހައްޓަން ހަތިޔާރު އެޅި ސިފައިން ހަރަކާތްތެރިވާތަން ފެނެއެވެ. އެއީ ފަތުހު، ހަމާސް އަދި ޕީއެލްއޯއަށް ނިސްބަތްވާ މީހުންނެވެ. އދގެ ރެފިއުޖީންގެ ހައްގުތަކާ ބެހޭ ޖަމްއިއްޔާގެ ތަފާސް ހިސާބުތަކަށް ބަލާއިރު ފަލަސްތީނުގެ އެންމެ ގިނަ ރެފިއުޖީން އުޅެނީ ލުބުނާނުގަައެވެ. ދިރިއުޅުމުގެ އެންމެ ޒަރޫރީ މުހުތާދުތައްވެސް ފުރިހަމަ ނުކުރެވޭ ހާލުގައެވެ. "އަހަރެން އެންމެ ކުޑައިރުއްސުރެވެސް މި ދިރިއުޅުނީ މިތަނުގައި. ސްކޫލަށްވެސް ދިޔައީ މި ތަނުގެ ސްކޫލަކަށް. މުޅި އުމުރު މި ހޭދަވީ މި ކޭމްޕުގައި،" މި ކޭމްޕުތަކުގައި އދ އިން އަޅާފައިވާ ސްކޫލެއް ހުރެއެވެ. "އަހަންނަށް ފަލަސްޓީނު އެނގެނީ މަންމަމެންގެ ފަރާތުން. އަހަރެންގެ ގައުމު ދެކެ ވަރަށް ލޯބިވޭ. އެކަމަކު، އަހަރެންގެ ދަރިންނަށް ބުނެދިނީ މިއީ އަހަރެމެންގެ ވަޒަން ކަމަށް، ދާނެ އިތުރު ތަނެއް ނެތް،" ލައިލާ ބުންޏެވެ. ލައިލާ ވަނީ ފަލަސްތީނު ފިރިހެނަކާ ކައިވެނިކޮށްފައެވެ. އެ ކައިވެންޏަށް ހަތަރު ކުދިން ލިބުނެވެ. ފިިރިމީހާ މަސައްކަތް ކުރީ ލީބިޔާގައެވެ. 10 އަހަރަށްފަހު ކައިވެނި ރޫޅުމުންވެސް ލައިލާ ވަނީ ދަރިންގެ ހައްގުގައި ހިތްވަރާއެކު ދިރިއުޅުމާއިގެން ކުރިއަށްދާން ނިންމައިފައެވެ. "ލީބިޔާގައި ފިރިމީހާ އާއެކު އުޅުމަށްފަހު ކައިވެނި ރޫޅުމުން އެނބުރި އައި، އޭރު ކޭމްޕު އޮތީ ވަރަށް ބޮޑަށް ބަދަލުވެފައި. ދިރިއުޅުން އަލުން ފަށަން ގޮތެއް ބޭނުންވި. މަންމަގެ އެހީއާއެކު އަހަންނަށް ކުޑަ ވިޔަފާރިއެއް ފެށުން،" ގްރޯސަރީސް ވިއްކަން ލައިލާ ފެށި ވިޔަފާރި ކުރީ އެކި ސަރަހައްދުތަކަށް ގޮސް، ޕާނާއި ބަނަސް، ތަރުކާރީ ފަދަ އެއްޗެހި ވިއްކައިގެންނެވެ. އޭގެ ފަހުން ގޭދޮށުގައި ތަރުކާރީ ވިއްކަން ގާޑިޔަލެއް ބެހެއްޓިއެވެ. "އަހަރެން އެންމެ އިސްކަމެއް ދިނީ ދަރިންނަށް ތައުލީމު ދިނުމަށް. މާތްﷲ އަށް ޝުކުރު ހުރި، އަހަރެންގެ އުއްމީދު ފުރިހަމަވި،" އެ ކޭމްޕުގެ ތިންވަނަ ޖީލިގެ ގޮތުގައި ލައިލާގެ ދަރިންވެސް ވަނީ މިހާރު ބޮޑެތިވެފައެވެ. އެ ކޭމްޕު ވަނީ މިހާރު ބޮޑު އާބާދީ އަކަށް ކުޑަވެފައެވެ. ކަރަންޓާއި ފެން ފަދަ ޒަރޫރީ ހިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ނުލިބުމަކީ ކުރިމަތިވާ ދައްޗެކެވެ. ލައިލާގެ މަންމަ އަކީ މިހާރު އުމުރުން 90 އަހަރުގެ މީހެކެވެ. ވިހި އަހަރުގައި ވަޒަން ދޫކޮށް ރެފިއުޖީ ކޭމްޕަށް ހިޖުރަކުރީ އެހެން ގޮތެއް ނެތިގެންނެވެ. "އަހަރެންގެ މާމަ ދަރިން ކައިރީ ބުނަން، މަރުވަން ބޭނުމީ އަމިއްލަ ވަޒަނުގައޭ. އެއީ އަހަރެމެންގެ ބިން،" ލައިލާގެ މަންމަ ޒާހިޔާ ބުންޏެވެ. އަލްޖަޒީރާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ