ރާއްޖޭގެ މޫސުން ގޯސްވެ ކަނޑުމަތީގެ ބައެއް ހާދިސާތައް ހިނގައިފި

ރާއްޖޭގެ މޫސުން ގޯސްވެ ކަނޑުމަތީގެ ބައެއް ހާދިސާތައް ހިނގައިފި އެވެ.
އެމްއެންޑީއެފުން ބުނީ މިއަދު ހިނގި ތިން ހާދިސާއަކާ ގުޅިގެން ކޯސްޓްގާޑުގެ ސިފައިން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.
އެގޮތުން މިއަދު ހެނދުނު އެންމެ ފުރަތަމަ ރިޕޯޓްކޮށްފައިވަނީ ކުޑަބަނޑޮހުގެ ފަޅުތެރޭގައި އޮތް "ޕްރިންސަސް ލާރާ" ކިޔާ ދޯންޏެއް ބެހިގެން ގޮސް ހުޅުމާލޭގެ އަލަށް ހިއްކި ސަރަހައްދަށް ލައްވި ހާދިސާގެ މައުލޫމާތު ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
މިހާދިސާގައި ލައްވި ދޯނި ނެގުމުގެ މަސައްކަތް ދޯނީގެ ވެރިފަރާތުން ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ވަނީ މައުލޫމާތު ދީފަ އެވެ.
އެމްއެންޑީއެފުން ބުނީ މިއަދު ދެވަނައަށް ރިޕޯޓްކޮށްފައިވަނީ މ. އަތޮޅު ރަތްމަންދޫ ބޮއި ކައިރީގައި އޮތް މަސްވެރިކަން ކުރާ އުޅަނދެއްގެ ހުންގާނާ ގުޅިފައިވާ ޖެކްގެ ފައިބާގަނޑު ކަނޑައިގެން ގޮސް ދޯނި ދުއްވަން އުދަގޫވެގެން ކަމަށެވެ. މި ދޯނި މ. މުލަކަށް ދަތުރުކުރަމުންދާއިރު ދޯނީގައި ބިދޭސީއަކާ އެކު ޖުމްލަ 19 މީހުން ތިބި ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެ އެވެ.
އެމްއެންޑީއެފުން ބުނީ މިއަދު ތިންވަނަ އަށް ރިޕޯޓްކޮށްފައިވަނީ ހުޅުލޭ އައިލެންޑް ހޮޓެލް (އެޗްއައިއެޗް)އަށް މުދާ އުފުލުމަށް ބޭނުންކުރާ ލޯންޗެއް ހުޅުލޭ ފަޅުތެރެއަށް ބަންޑުން ޖަހާލައިގެން ކަމަށެވެ. މިހާދިސާއާ ގުޅިގެން ލޯން ބަންޑުން ޖަހާލި ސަރަހައްދުގައި ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށްވެސް އެމްއެންޑީއެފުން ވަނީ މައުލޫމާތު ދީފަ އެވެ.
އެމްއެންޑީއެފުން އިތުރަށް ބުނީ މިއަދު ކަނޑުމަތީގައި ހިނގާދިޔަ އެއްވެސް ހާދިސާއެއްގައި އެއްވެސް މީހަކަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.
ރާއްޖޭގެ މޫސުން ވަރަށް ބޮޑަށް ގޯސްވެ ކަނޑުތައް ގަދަވެފައިވާތީ ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށްވެސް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ