ވީއައިއޭގެ ތަންތަން ބޭރު ކުންފުންޏަކަށް ދޫކުރާކަމަށް ބުނެ ހުށަހެޅި މައްސަލަ ބަލައިނުގަތް

ދިވެހިރާއްޖޭގެ މައި އެއާޕޯޓު, ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަންތަން ބޭރުގެ ފަރާތްތަކަށް ދޫކޮށްލުމަށް މަސައްކަތްކުރަމުންދާ ކަމަށް ވިދާޅުވެ، ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ހުށަހެޅުއްވި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.. މިއަދުގެ ޖަލްސާ ފައްޓަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، ކުއްލި މައްސަލައެއް ފުރިހަމަވާ އެއް ސިފައަކީ އެއީ ހަގީގަތެއްގެ މައްޗަށް ހުށަހެޅޭ ކަމަކަށް ވުން ކަމަށެވެ. ނަމަވެސް ޒިޔާދު ހުށަހެޅުއްވި މައްސަލައިގައި އެ ސިފަ ފުރިހަމަނުވާ ކަމަށެވެ. އެހެންވެ އެ މައްސަލަ ބަލައިނުގަތުމަށް ނިންމީ ކަމުގައި އަބްދުއްރަހީމް ވިދާޅުވިއެވެ. ޒިޔާދު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ ރާއްޖެއަކީ ބޭރުގެ ނުފޫޒުތަކުން އެއްކިބާވެފައިވާ ދިވެހީންނަށް ފަހި "ދިވެހީންގެ ރާއްޖެ"އެއް ބިނާކުރުމުގެ ރިޔާސީ ވައުދާ އެކު، ދިވެހީންނަށް ކުރެވޭ ހުރިހާ މަސައްކަތެއް ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެކަމާއި ދިވެހިރާއްޖޭގެ އަގުބޮޑު މުދަލާއި ވަސީލަތްތައް ބޭރުގެ ފަރާތްތަކަށް ދިނުމަކީ ގައުމަށް ހިޔާނާތްތެރިވުން ކަމަށް ވިދާޅުވެ ކަމަށެވެ. އަދި މަގާމުގެ ހުވާކުރެއްވުމަށް ފަހު ވެސް، ސަރުކާރުގެ އެންމެހާ ނިންމުންތަކެއްގައި އިސްކަން ދޭނީ ގައުމިއްޔަތު ކުރިއަރުވައި "މޯލްޑިވްސް ފަސްޓް" ނުވަތަ އެންމެ ފުރަތަމަ ދިވެހިރާއްޖެ، މި ސިޔާސަތު ކުރިއެރުވުމަށް ކަމަށް ރައީސް ވިދާޅުވި ކަމަށެވެ. ނަމަވެސް ވެލާނާ އެއާޕޯޓުގައި އަލަށް ތަރައްގީކުރި ތަންތަނުގެ ތެރެއިން އާ އިންޓަނޭޝަނަލް ޓާމިނަލް ހިންގުމަށާއި ރާއްޖެއަށް އަންނަ ޖެޓުތަކުގެ ގްރައުންޑް ހޭންޑްލިން އާއި ތެޔޮ ވިއްކުމާއި އެކަމާ ގުޅުންހުރި ހިދުމަތްތައް ދިނުމަށް ޓަކައި ސީއައިޕީ ޓާމިނަލް ދުބާއީގެ ޖެޓެކްސް ކުންފުންޏަށް 25 އަހަރު ދުވަހަށް ކުއްޔަށް ދިނުމަށް ޓަކައި މަސައްކަތްކުރަމުންދާ ކަމަށް ޚަބަރު ލިބިފައިވާ ކަމަށް، ޒިޔާދުގެ މައްސަލައިގައިވެއެވެ. ބޭރުގެ ބަޔަކަށް މިފަދަ ތަނެއް ދޫކޮށްލަންވާނީ އެކަމަށް ބޭނުންވާ ވަސީލަތްތައް ގާއިމްކުރެވޭނެ ފެންވަރު ސަރުކާރުގައި ނެތް ހާލަތެއްގައި އަމިއްލަ ފައިސާ އިންވެސްޓްކޮށްގެން އެފަދަ ވަސީލަތްތައް ގާއިމްކުރާނެ ބަޔަކަށް ކަމާއި، ނަމަވެސް އާ ޓާމިނަލް ހަދައި ނިމިފައި ހުރުމުން ބޭރު ބައެއްގެ އިންވެސްޓްމެންޓެއް އެ ތަނަށް ބޭނުން ނުވާކަމަށް އެ ކުއްލި މައްސަލައިގައި ބުންޏެވެ. ހަމަ އެހެންމެ މިހާރު ވެސް އެއާޕޯޓުގައި ހިދުމަތް ދޭން ތިބީ ދިވެހީން ކަމަށާއި، އެހެންވެ އާ ޓާމިނަލްގައި ހިދުމަތް ދިނުމަށް ބޭރުގެ ބަޔަކު ގެންނަން ނުޖެހޭނެ ކަމަށް ވެސް ޒިޔާދުގެ މައްސަލައިގައި ބުނެފައިވެއެވެ. ޒިޔާދު ތުހުމަތުކުރެއްވި ގޮތުގައި ޖެޓެކްސް ކުންފުންޏާ ޓާމިނަލްގެ މަސައްކަތް ހަވާލުކުރަނީ އެމްއޭސީއެލްގެ ނުވަތަ ސަރުކާރުގެ ބަޔަކު ނާޖާއިޒު ފައިދާ ހޯދުމަށެވެ. ޖެޓެކްސް އާ ޓާމިނަލް ހަވާލުކޮށްފިނަމަ، ގައުމީ ސަލާމަތަށް ނުރައްކާވެ، ރާއްޖެއަށް އެތެރެވެ ބޭރުވާ މީހުންގެ މައުލޫމާތު ބޭރު ބައެއްގެ އަތުގައި އޮތުމުގެ ސަބަބުން ސަލާމަތީ ގޮތުން ކޮންމެ ފަދަ ކަމެއް ވެސް ހިނގުމުގެ ފުރުސަތު އެބައޮތް ކަމަށާއި، ދައުލަތުގެ އާމްދަނީއަށް އަސަރުކޮށް އޭގެ ނަތީޖާއެއްގެ ގޮތުން ހަތް މިލިއަން ޑޮލަރުގެ ގެއްލުމެއް ލިބޭނެ ކަމަށް އަންދާޒާކުރެވޭ ކަމަށާއި، ރާއްޖޭން ޑޮލަރު ބޭރުވާ އަދަދު އިތުރުވެ ޑޮލަރުގެ ދަތިކަން ބޮޑުވާނެ ކަމަށާއި، ވެލާނާ އެއާޕޯޓުން ޖެޓުތަކަށް ދޭ ގްރައުންޑް ހޭންޑްލިން ފަދަ ހިދުމަތްތައް ދޭ ދިވެހި ވިޔަފާރިތަކަށް ގެއްލުންވެ އެތައް ދިވެހީންނެއްގެ ވަޒީފާއަށް އެކަމުގެ އަސަރުކުރާނެ ކަމަށް ވެސް އެ މައްސަލައިގައި ބުނެފައިވެއެވެ. އެހެންކަމުން މި މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ހުށަހަޅާ ކަމުގައި ޒިޔާދުގެ މައްސަލައިގައި ބުންޏެވެ. ފާހަގަކުރެވޭ ގޮތުގައި ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލް، އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ގޮތަށް ފަރުމާކޮށް މި މަހުގެ 26 ވަނަ ދުވަހު ހުޅުވުމަށް އެމްއޭސީއެލުން ދަނީ ތައްޔާރުވަމުންނެވެ. ސޯޝަލް މީޑިއާގައި ޚަބަރު ފެތުރިފައިވާ ގޮތުން ވެލާނާ އެއާޕޯޓުގެ އާ ވީއައިޕީ ޓާމިނަލެއް އަޅައި އެތަން ހިންގުމާއި ޖެޓުތަކަށް ތެޔޮ ވިއްކުމާއި ގްރައުންޑް ހޭންޑްލިންގެ މަސައްކަތް ކުރަން ދުބާއީގެ ޖެޓެކްސް ކުންފުނިން ހުށަހަޅާފައިވާ ހުށަހެޅުމާ މެދު ސަރުކާރުން ދަނީ ވިސްނަމުންނެވެ. އެކަމަކު އެމްއޭސީއެލާއި، ސަރުކާރުން ވެސް ބުނާ ގޮތުގައި އެފަދަ އެއްވެސް ވިސްނުމެއް ނެތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ