ހަމާސް އާއި އިޒްރޭލުގެ ހަނގުރާމަ ހުއްޓާލުމަށް ގަތަރުގައި ކުރި މަޝްވަރާތައް ކޮޅެއްގައި ނުޖެހި ފުރަތަމަ ބުރު ނިންމާލާފައިވާ ކަމަށް ފަލަސްތީނުގެ ދެ މަސްދަރަކުން ބުނެފި އެވެ.
އެ ބޭފުޅުން ވިދާޅުވީ އެ މަޝްވަރާތަކުގައި ބައިވެރިވި އިޒްރޭލުގެ ވަފުދަށް ހަނގުރާމަ ހުއްޓާލުމުގެ ބާރު ލިބިފައި ނުވާ ކަމަށެވެ.
އެ މަޝްވަރާތައް އަލުން ފަށާފައިވަނީ މީގެ ގާތްގަނޑަކަށް ހަ މަހެއްހާ ދުވަސް ކުރިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަނެއްކާވެސް އެމެރިކާގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވައިޓް ހައުސްއަށް ކުރައްވާ ތިން ވަނަ ދަތުރުގެ ކުރިންނެވެ.
"ދޯހާގައި ނުސީދާ މަޝްވަރާތަކުގެ ފުރަތަމަ ސެޝަނަށް ފަހު، ހަމާސް ޖަމާއަތާ އެކު އެއްބަސްވުމަކަށް އައުމަށް އިޒްރޭލުގެ ވަފުދަށް އެކަށީގެންވާ ހަގީގީ ބާރެއް ނެތްކަން އެނގުނީ،" ރޮއިޓާސްއާ ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވި އެވެ.
އެމެރިކާއަށް ކުރެއްވި ދަތުރުގެ ކުރިން ނަތަންޔާހޫ ވިދާޅުވީ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކުގައި ބައިވެރިވާ އިޒްރޭލުގެ ޓީމަށް ހަނގުރާމަ ހުއްޓާލުމުގެ އިޒްރޭލުގެ ޝަރުތުތަކުގެ މައްޗަށް ބިނާކޮށް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ގާއިމުކުރުމަށް ވަރަށް ސާފު އިރުޝާދުތަކެއް ދެއްވާފައިވާނެ ކަމަށެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އިޒްރޭލުގެ ޑިފެންސް މިނިސްޓްރީގެ މައި މަރުކަޒު ކައިރީ، ތެލްއަވީވްގެ އާންމު މައިދާނަކަށް ގިނަ އަދަދެއްގެ ބަޔަކު އެއްވެ، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އެދުނެވެ. އަދި ގާޒާގައި ރަހީނުކޮށްފައި ތިބި ގާތްގަނޑަކަށް 50 ވަރަކަށް އިޒްރޭލު މީހުން ދޫކޮށްދިނުމަށް މަސައްކަތްކޮށްދިނުމަށް އެދުނެވެ.
އޭރު އިޒްރޭލުން ރަހީނު ކުރި މީހުންގެ ތެރެއިން ގާތްގަނޑަކަށް 20 މީހުން އަދިވެސް ދިރިތިބި ކަމަށް ބެލެވެ އެވެ. ކުރިން ކުރި ޑިޕްލޮމެޓިކް މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން ރަހީނު ކުރި ގިނަ މީހުން މިހާރު ވަނީ ދޫކޮށްލައިފަ އެވެ.
ގާޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެފައިވަނީ އިޒްރޭލުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 57،000އަށް ވުރެ ގިނަ މީހުން މަރާލާފައިވާ ކަމަށެވެ.
އެ ހަނގުރާމައިގެ ސަބަބުން ބަނޑުހައިހޫނުކަމުގެ މައްސަލަ ކުރިމަތިވެ، ގިނަ ބައެއްގެ ގެދޮރު ގެއްލި، މައިގަނޑު ގޮތެއްގައި ގާޒާ ވަނީ ސުންނާފަތިވެފަ އެވެ.
ގާޒާ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ކޮޅެއްގައި ނުޖެހި ނިމިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ