8000 އެނދު، 18000 ވަޒީފާއާއެކު އަލަށް ޓޫރިޒަމަށް ދޫކުރާ ރަށްތައް މާދަމާރޭ އިއުލާނު ކުރާނަން: މިނިސްޓަރު

ޖުމުލަ 8،000 އެނދާއި 18،000 ވަޒީފާއާ އެއްކޮށް އަލަށް ޓޫރިޒަމަށް ދޫކުރާ ރަށްތައް މާދަމާރޭ އިއުލާން ކުރައްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އަލީ ވަހީދު މިހެން ވިދާޅުވީ ރައީސް ސޯލިހުގެ ދައުވަތަކަށް 200 އަށް ވުރެ ގިނަ ކައުންސެލަރުންނާ އެކު، ކްރޮސްރޯޑްސްގައި އިއްޔެ ފެށި، "ވިޔަވަތި ރާއްޖެ" މަހާސިންތާގެ މިއަދުގެ ދަންފަޅީގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، މިއީ ރާއްޖެގެ އެންމެ އުތުރާއި ދެކުނުން އިސްކަން ދީގެން 12 އަތޮޅުން ކަނޑައަޅާފައިވާ ރަށްތަކެއް ކަމަށެވެ.
ރާއްޖޭގެ ފަތުރުވެރިކަމަށް 31 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ހައްސަ ޖަލްސާ ދަރުބާރުގޭގައި މާދަމާރޭ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަލަށް ޓޫރިޒަމަށް ދޫކުރާ ރަށްތަށް އެ ޖަލްސާގައި އިއުލާން ކުރުމަށް ހަމަޖެހިފައިވާއިރު، އަލީ ވަހީދު މިއަދު ވިދާޅުވީ، ޓޫރިޒަމް ޕްލޭން އެކުލަވާލާފައިވަނީ ރިޔާސީ ކެމްޕެއިނަށް ވަޑައިގެން ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވެވަޑައިގެންފައިވާ ވައުދުތައް ފުއްދޭ ގޮތަށް ކަމަށެވެ.
މާދަމާރޭ ޓޫރިޒަމަށް ހުޅުވާ ރަށްރަށުގެ ނަންތައް އިއުލާން ކުރާއިރު، އެތަންތަނުގެ އެންވަޔަރަމެންޓް އެސެސްމެންޓާއި އެރަށްރަށުގެ ކައިރީގައި ހުރި މީހުން ދިރިއުޅޭ ރަށްރަށުގެ ރައްޔިތުންގެ ސޯޝަލް އިކޮނޮމިކް އެސެސްމެންޓް ވެސް ހަދައި ނިމިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ