ރައީސް ޔާމީނަކީ ބިނާކުރުވަނިވި ފިކުރުގެ މައި ތަނބު: ޣައްސާން މައުމޫން

ރައީސް އަބްދުﷲ ޔާމީނަކީ ބިނާކުރުވަނިވި ފިކުރުގެ އެންމެ މައި ތަނބު ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.މެމްބަރު ޣައްސާން މިހެން ވިދާޅުވީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން "އަނިޔާވެރި ހުކުމާއި ދެކޮޅަށް" މި ނަމުގައި ކާނިވާ ސަރައްހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. މި ޖަލްސާއަކީ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލުމަށް އެ ކޯލިޝަނުން ބޭއްވި ޚާއްސަ ޖަލްސާއެކެވެ. ޣައްސާން ވަނީ ރައީސް ޔާމީންގެ ސަޕޯޓަރުން އެއްވެ މިތިބީ އެއް މަގުސަދެއްގައި، އެއް ބޭނުމެެއްގައި، އެއް ކަމެއް ހާސިލްކުރަން ކަން ފާހަގަކުރައްވާފައެވެ. އޭނާ ވަނީ ޕީޕީއެމްގެ ސަފުތައް އެނބުރޭނީ ސީދާ ރައީސް ޔާމީންގެ ފަހަތުން ކަން ވެސް ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ރައީސް ޔާމީނަކީ އިސްލާމް ދީން ހިމާޔައްކޮށްދެއްވާ ގައުމުގެ އިގްތިސާދު ވެއްޓިފައި މިހާރު މިއޮތް ހިސާބުން އަލުން ނަންގަވާ ހިރަފުސް ފޮޅާލައްވާ އަލުން ކުރިއަށް ވަޑައިގަންނަވާނެ ރައީސެއް ކަމަށް ޣައްސާން ވިދާޅުވެފައިވެއެވެ. އަދި ރާއްޖޭގެ މިނިވަންކަން ހިމާޔަތްކުރުމަށް ރައީސް ޔާމީންގެ މޭފުޅު އައްޑަނައަކަށް ހައްދަވަން ޖެހުނަސް އެމަނިކުފާނު އެކަން ކުރައްވާފަނެ ކަން އޭނާ ހާމަކުރެއްވިއެެވެ.ޣައްސާން ވިދާޅުވީ މިވަގުތަކީ ހިތްދަތި ވަގުތެއް ކަމަށެވެ. ނަމަވެސް މައްސަލަ ހުއްޓާލަނީ ރައީސް ޔާމީން މިނިވަންކޮށްފައި ކަމަށް އޭނާ ވިދާޅުވިއެވެ. ބަޔަކު ދައްކާނެ ބިރަކަށް ފަހަތަށް ނުޖެހޭނެ ކަމަށާއި ޖަލަށް ލިޔަސް ހެޔޮ ކަމަށާއި އަދި 40 އަހަރު ޖަލުގައި އޮންނަން ޖެހުނަސް ރައީސް ޔާމީނުގެ ހައްގުގައި މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ޣައްސާން ދެއްވާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ