ރާއްޖޭގެ މަސައްކަތްތެރިން ތިބީ މާޔޫސްކަމެއްގެ ތެރޭގައި: މެމްބަރު ޝިޔާމް
ރާއްޖޭގެ މަސައްކަތްތެރި ސިނާޢަތުގައި މަސައްކަތް ކުރައްވާ ހުރިހާ ފަރާތްތަކަށް މާޔޫސްކަން ގެނުވި ސަރުކާރަކީ އަދުގެ ސަރުކާރު ކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. މެމްބަރު ޝިޔާމް މިފަދައިން ވިދާޅުވީ ޗެނަލް ތާޓީންގެ ޕްްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ. ދިވެހި ރާއްޖޭގެ މަސްވެރިކަމުގެ ނިސާއަތާއި ދަނޑުވެރިކަމުގެ ސިނާޢަތް އަދި އިމާރާތް ކުރުމުގެ ދާއިރާ ހާލަތު ގޮސްފައިވާ ގޮތާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ އަދުގެ ސަރުކާރުން ރައްޔިތުންނަށް އެންމެ ބޮޑަށް ވިއްކި އެއްވެސް ދާއިރާ އަކަށް ކުރިއެރުމެއް އަދި މިހާތަނަށް ލިބިފައި ނުވާ ކަމަށެވެ. އެގޮތުން މަސްވެރިންނަށް ވީ ވައުދު އަދި އޮތީ ހަމަ އޮތްތަނުގައި ކަމަށް ވިދާޅުވެ ޝިޔާމް ވިދާޅުވީ މުޅި މަސްވެރިކަމުގެ ސިނާޢަތުގައި މަސައްކަތް ކުރާ ހުރިހާ މަސްވެރިން ތިބީ މުޅިން މާޔޫސްވެ ގޮތް ހުސްވެފައި ކަމަށެވެ. އެގޮތުން ބާނާ މަސްކޮޅު ކިރާނެ ގޮތް ނެތި އަދި އެ މަސްވެރިންނަަށް ބޭނުންވާ އައިސް ނުލިބޭ ކަމުގެ ޝަކުވާ ކެނޑިނޭޅި މަސްވެރިން ކުރަމުންދާ ކަމަށްވެސް ޝިޔާމްގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ. އަދި އޮޅުވާލި ވޯޓަކުން އައި ބަޔަކަށް ރައްޔިތުންނަށް ކޮށްދެވުނީ ކޮންކަމެއްކަން މިއަދު ހުރިހާ ދިވެހި ރައްޔިތުންނަށް އެނގި ހާމަވާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި ދާއިރާގެ މަސްވެރިންގެ ހާލަތުވެސް ހުރީ ހަމަ އެފަދަ ގޮތަކަށް ކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި މިހާރު ފެނިގެންދަނީ މަސްވެރިން ބާނާ މަސްތައް ކަނޑަށް އުކާލާ މަންޒަރުތައް ކަން ފާހަގަ ކުރައްވާ ޝިޔާމް ވިދާޅުވީ މަސްވެރިންނަކީ ވަރަށް ޒިންމާދާރު ބައެއްކަމަށާއި އަދި ވީޑިއޯއަކުން މަސްތައް ކަނޑަށް އުކާލާ މަންޒަރު ފެނުމަކީ އެ މަސައްތައް ބަޔަކަށް ދޭންޖެހިދާނެތީ އުކާލާ މަސްތަކެއް ނޫން ކަމަށާއި އަދި އެފަދަ ގޮތަކަށް ވިސްނައިގެންވެސް ނުވާނެ ކަމަށެވެ. މަސްވެރިން ބާނާ މަސްތައް ކިރޭނެ ކަމުގެ އިންތިޒާރުގައި ކޮންމެ ދުވަހަކު އެ މަސްވެރިން ތިބޭ ކަމަށާއި ނަމަވެސް އެންމެ ފަހުން ބާނާ މަސްތައް ކުނިވެގެން ކަނޑަށް އުކާލަން އެ މަސްވެރިންނަށް މަޖުބޫރުވަނީ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދުގެ ސަރުކާރުން ވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިން އަދި އެހެނިހެން ސިނާއަތްތަކުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތައް މަގުމަތިކޮށް އެ ފަރާތްތަށް މުޅިން މާޔޫސް ކުރުވާފައި ކަމަށް ވިދާޅުވެ ޝިޔާމް ވިދާޅުވީ ރައީސް ޔާމީންގެ ފަސް އަހަރުގެ ދައުރުގެ ތެރޭގައި ހުރިހާ ސިނާއަތެއްގައި މަސައްކަތް ކުރި ފަރާތްތަކަށް ވާނީ ފަހި ދުވަސްތަކެއް ގެނެސްދެއްވާފައި ކަމަށެވެ. އެހެންނަމަވެސް އަދުގެ ހާލަތު މުޅިން ބަދަލުވެ ކޮންމެ ރައްޔިތެއްގެ ދުލުން އެދި ގޮވަނީ މި ނޫން ހާލަތަކަށް އެނބުރި ރުޖޫޢަވާން ކަމަށް ޝިޔާމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ