ޖޭއެސްސީއާމެދު ސުޕްރީމް ކޯޓުން ފިޔަވަޅު އަޅަންޖެހޭ- އަބްދުއްރަހީމް

ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)އިން ކުރަމުން އަންނަ ކަންކަމާ ދޭތެރޭގައި ސުޕްރީމް ކޯޓުން ފިޔަވަޅު އެޅުމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގޮވާލައްވައިފިއެވެ.ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން، އަބްދުއްރަހީމް ވިދާޅުވީ، އަދުލު އިންސާފު ގާއިމު ކުރުމުގެ ބާރަށް ނުފޫޒު ފޯރުވުމުގެ ގޮތުން ސަރުކާރުން ކުރަމުން އަންނަ ކަންކަމާމެދުގައި ސުޕްރީމްކޯޓުން ފިޔަވަޅު އަޅަންވީ ވަގުތު ޖެހިއްޖެ ކަމަށެވެ. އަބްދުއްރަހީމް ވިދާޅުވީ ޖުޑީޝަލް ސަރވިސް ކޮމިޝަން ޖޭއެސްސީން މިހާރު އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމަކީ ފަނޑިޔާރުންގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުން ކަމަށާއި، އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީގެ ސުލޫކީ މައްސަލައެއް ބެލުމަށްވެސް ޖޭއެސްސީން ނިންމާފައިވާއިރު، ސުޕްރީމް ކޯޓުން އެކަންކަމާ ދޭތެރޭގައި ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.ގައުމުގައި މިހާރު ހިނގަމުން އަންނަ މައްސަލަތައް އިތުރުވެފައިވާއިރު، އެކަންކަމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހަނު ހުންނަވާކަން ފާހަގަކުރައްވައި އަބްދުއްރަހީމް ވިދާޅުވީ އެމަނިކުފާނު ވަނީ ކުރެއްވި ހުވަޔާވެސް ހިލާފުވެވަޑައިގެންފައި ކަމަށެވެ. އެ މައްސަލަވެސް ސުޕްރީމް ކޯޓުން ބަލަން ޖެހޭނެ ކަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ.އަބްދުއްރަހީމް ވަނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ސަސްޕެންޑް ކުރީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑާ ކުރުމުގެ ދައުވާގެ ޝަރީއަތަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކަމަށް ވިދާޅުވެފައެވެ. އެގޮތުން ހައިލަމްގެ ސުލޫކީ މައްސަލަތައް މީގެ ކުރިންވެސް އޮތްއިރު، ޖޭއެސްސީން ކުއްލިއަކަށް އޭނާއާ މެދު ފިޔަވަޅު އަޅަން ނިންމީ ރައީސް ޔާމީންގެ ޝަރީއަތް، ސަރުކާރުން ބޭނުންވާ ގޮތަށް ނުހިނގާފާނެތީ ކަމަށް ގަބޫލު ކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ