ގައުމު އޮތް ހާލަތު ބަދަލުކުރެވޭނީ މެންބަރުން އިންތިހާބުކުރި ހައިސިއްޔަތަށް ރުޖޫޢަވެގެން: ގާސިމް

ދިވެހި ގައުމު މިއަދު އޮތް ހާލަތުން އަރައިގަނެ ގައުމަށް ބާޖަވެރިކަން ލިބޭނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެ މެންބަރުން އިންތިހާބުކުރި ހައިސިއްޔަތަށް ރުޖޫއަވެގެންކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް އިބްރާހިމް މިހެން ވިދާޅުވީ މާފަންނު ކުނޫޒުގައި މިހާރު ކުރިއަށްދާ ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ ގައުމަށް ބާޖަވެރިކަން ލިބޭނީ އަދި ގައުމަށް ހަމަޖެހުން އަންނާނީ ޖުމްހޫރީ ޕާޓީން ވަކިވެގެންދިޔަ 8 މެންބަރުންނާއި، އެމްޑީޕީން ވަކިވެވަޑައިގެން އެހެން ޕާޓީތަކާއި ގުޅިވަޑައިގެން މެންބަރުން އެ ޕާޓީއާއި ގުޅިވަޑައިގަތުމުންކަމަށެވެ.
ގާސިމް ވިދާޅުވީ މެންބަރުން އިންތިހާބުކުރި ހައިސިއްޔަތަށް ރުޖޫއަވާންޖެހޭކަމަށާ އޭރުން ގައުމުގައި ހުރި ހުރިހާ މައްސަލަތައް ހައްލުކުރެވޭނެކަމަށެވެ.
"އަޅުގަނޑު މިދަންނަވަނީ މިޕާޓީން ވަކިވެގެންދިޔަ 8 މެންބަރުން އަލުން ވަޑައިގަތުމަށް. އެމްޑީޕީންވެސް ވަކިވެގެންދިޔަ ފަސް މެންބަރުންވެސް އެ ޕާޓީއާއި ގުޅުމަށް. އެ ހުރިހާ މެންބަރުން އެޕާޓީތަކާއި ގުޅިވަޑައިގަތުމުން ހުރިހާކަމެއް އެއް ފަހަރުން ހަމަޖެހުނީ،" ގާސިމް ވިދާޅުވިއެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި މަޖިލީސް އިންތިހާބަށް ކުރިމަތިލީ ކެނޑިޑޭޓުން މަޖިލީހަށް ހޮވީ ވަރަށް ބޮޑު ހޭދައެއްކޮށްގެން ވަރަށް ބޮޑު މަސައްކަތެއް ކޮށްގެންކަމަށެވެ. އެހެންކަމުން މެންބަރުން އެ މެންބަރުން އިންތިހާބުވީ ހައިސިއްޔަތު ބަދަލުކުރުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާންޖެހޭކަމެއްކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ