މި ސަރުކާރު ވެރިކަމާއި ހަވާލުވެ މިވީ 4 އަހަރުގެ ތެރޭގައި ދައުލަތުގެ ދަރަނި 127 އިންސައްތަ އިތުރުވެގެން ގޮސްފައިވާ ކަމަށް ވިދާޅުވެ، ޖުމުހޫރީ ޕާޓީގެ ނާއިބު ލީޑަރު ޑރ. ހުސައިން ރަޝީދު ހަސަން ރައީސުލްޖުމުހޫރިއްޔާ އަބުދުﷲ ޔާމީނަށް ވަރަށްބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
ޑރ. ހުސައިން ރަޝީދު ހަސަން މިހެން ވިދާޅުވީ ލޯނު ނަގައިގެން ގައުމު ތަރައްގީކުރުމަށް ހިންގާ މަޝްރޫއުތަކުން ގެއްލުމެއް ނުލިބޭނެ ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅަށް ރައްދުދެއްވަމުން ނެވެ.
ޑރ.ހުސައިން ވިދާޅުވީ މި ސަރުކާރު ވެރިކަމާއި ހަވާލުވި އިރު ރާއްޖޭގެ ދަރަނީގެ ނިސްބަތް އޮތީ 22 ބިލިއަން ރުފިޔާގައި ކަމަށާއި، ނަމަވެސް މިހާރު އެ ދަރަނި 50 ބިލިއަނަށް އަރާފައިވާ ކަމަށެވެ. ޑރ. ހުސެއިން ވިދާޅުވީ ދައުލަތް ހިންގޭނީ ލޯނު ނަގައިގެން ކަމަށްބުނެ ދިވެހިރާއްޖޭގައި ވަލިއްޔުލްއަމްރު ކަމުގައި ހެއްދެވިގެން ރައްޔިތުންނަށް އޮޅުވާލަމުން ގެންދާކަމަށެވެ.
ރާއްޖޭގައި ވަލިއްޔުލްއަމްރަކު ނެތްކަމަށާއި، ރާއްޖޭގެ ވަލީ އާއި ހަވާލުވެގެން ތިބީ ދިވެހި ރައްޔިތުންކަމަށް ވިދާޅުވެ ޑރ. ހުސައިން ވިދާޅުވީ، ދެން އެވަލީ އާއި ހަވާލުވެވޭނީ ދިވެހިރައްޔިތުން މަޖިލީހުގައި ތަމްސީލުކުރައްވާ 85 މެންބަރުން ކަމަށެވެ. އަދި ޤައުމުގެ ވަލީ ވެރިއަކީ ރައީސުލްޖުމުހޫރިއްޔާއޭ ބުނެ ދައްކަމުންދަނީ ދޮގު ވާހަކަ ކަމަށް ޑރ. ހުސެން ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކޮންމެ މީހަކު އެންމެ ކުޑަކުއްޖާއާއި ޖެހެންދެން 115 ހާސް ރުފިޔާ އާއި ދަރަނިން ޔާމީން މިވަނީ ދަރުވާލާފަ. އަޅުގަނޑުމެންނަކީ ދަރަނިބޯ ތަކަކަށް ހަދާފަ. އަޅުގަނޑު ދަންނަވަން ރައީސް ޔާމީނު އަރިހުން. މަނިކުފާނު ތިކުރައްވާ މަސައްކަތަކީ މި ނާޒުކު އިޤްތިސޯދު ހަމައެކަނި ޓްއަރިޒަމާ މަސްވެރިކަމުގެ މައްޗަށް ބިނާވެފަ އޮތްވާ ހަމަ ލެޓިން އެމެރިކާގެ މީހުން އެ ބުނާ ޑެފިނިޝަންގެ ތެރޭގަ ދޮންކެޔޮ ދައުލަތަކަށް ހަދާ ނިންމަނީއޭ. މަނިކުފާނަށް ތި ސަރުކާރަށް މާ ގިނަ ދުވަހުގެ ދެމިއެއް ނޯވެވޭނޭ." ޑރ. ހުސެން ވިދާޅުވި އެވެ.
ޑރ.ހުސައިން ރަޝީދު ހަސަން އިތުރަށް ވިދާޅުވީ ރައީސް ޔާމީން ގެންދަވަނީ ރާއްޖޭގެ އިޤްތޯސޯދު ހަލާކުކުރަމުން ކަމަށެވެ. އެހެންކަމުން ރައީސް ޔާމީންގެ ސަރުކާރަށް މާގިނަ ދުވަހު ދެމިއެއް ނޯވެވޭނެ ކަމަށާއި، ޤާނޫނީ އިމުގެ ތެރެއިން ރައީސް ޔާމީން ބަލިކޮށް ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރެއް އެކުލަވާލާނެ ކަމަށް ވިދާޅުވި އެވެ.
ރައީސް ޔާމީން ވަނީ ރައްޔިތުން ދަރުވާލާފައި: ޑރ. ހުސެން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ