އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ފެނަކައިން އިތުރު 2 ޖަނެރޭޓަރު ގެންގޮސްފި އެވެ.
އައްޑު ސިޓީ ކައުންސިލުން ބުނީ ފާއިތުވި ދެތިން އަހަރުން ފެށިގެން އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑޭ މައްސަލަ އަށް މިހާތަނަށް ވެސް ހައްލެއް ލިބިފައިނުވާތީ ރައްޔިތުން އެކަމާ ޝަކުވާ ކުރަމުންދާ ކަމަށެވެ.
މިމައްސަލަ ހައްލުކުރުމަށް ފެނަކަ ކޯޕަރޭޝަނުން މަސައްކަތް ކުރަމުންދާކަން ފާހަގަކޮށް އެކުންފުނިން ބުނީ އައްޑޫ އަށް ދިމާވެފައިވާ ކަރަންޓު 1.2 މެގަވޯޓު އަދި 800 ކިލޯވޯޓުގެ ދެ ޖަނެރޭޓަރު އެ ސިޓީއަށް މިހާރު ގެންގޮސްފައިވާ ކަމަށެވެ. އަދި އޭގެ އިތުރުން 2000 އަދި 1500 ކިލޯވޯޓުގެ ދެ ޓްރާންސްފޯމަރުވެސް އިއްޔެ ވަނީ އައްޑޫ އަށް ގެންގޮސްފަ ކަމަށް ފެނަައިން ބުނެއެވެ.
ފެނަކައިގެ ފަރާތުން އައްޑޫ ސިޓީގައި ކަރަންޓު ހިދުމަތް ދިނުމަށް ބޭނުން ކުރަމުންދާ ޖަނަރޭޓަރު ސެޓުތަކުގެ ތެރެއިން ދެ މެގަވޯޓުގެ ޖަނަރޭޓަރަކަށް މި މަހުގެ 20 ވަނަ ދުވަހުގެ 19:45 ހާއިރު ޓެކްނިކަލް މައްސަލައެއް ދިމާވެފައިވާތީ، ލޯޑުމަތިވަމުންދާ ވަގުތުތަކުގައި އައްޑޫ ސިޓީގެ އެކި ހިސާބުތަކުން ކަރަންޓު ހިދުމަތް އަންނަނީ މެދުކެނޑެމުންނެވެ.
އައްޑޫގެ ކަރަންޓުގެ މައްސަލައަށް އޮތް ދާއިމީ ހައްލަކީ އައްޑޫގައި ކަރަންޓު ހިދުމަތް ލިބިގަންނަ މިންވަރު އިތުރުވަމުންދާ ހަލުވިމިނާއި އެކު، އެ ހިދުމަތް ދެވޭނެ ގާބިލުކަން އިތުރުކުރުން ކަމުގައިވާތީ، ކައިރި މުސްތަގުބަލެއްގައި އައްޑޫ ސިޓީ އަށް 4 މެގަވޯޓާއި ދެ މެގަވޯޓްގެ ދެ ޖެންސެޓު ހޯދުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށްވެސް ފެނަކަ އިން ބުނެއެވެ.
އައްޑޫގެ ކަރަންޓުގެ މައްސަލައަށް ދިމާވި މައްސަލަ ވީހާވެސް އަވަހަކަށް ހައްލުކޮށް ރައްޔިތުންނަށް ލިބެމުންދާ އަސާސީ ހިދުމަތަކުން އެންމެ ހިނދުކޮޅަކަށްވެސް ހުއްޓުމެއް އަޔަނުދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންދާ ކަމަށްވެސް ފެނަކައިން ބުނެއެވެ.
އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރަން ދެ ޖަނެރޭޓަރު ގެންގޮސްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ