މޫސުން ގޯސްވެ އައްޑޫއާއި ފުވައްމުލަކަށް ޔެލޯ އެލާޓް ނެރެފި

ބޯކޮށް ވާރޭވެހި މޫސުން ގޯސްވުމުގެ ސބަބުން ރާއްޖޭގެ ބައެއް ސަރަހައްދުތަަކަށް ޔެލޯ އެލާޓް ނެރެފި އެވެ.
އެގޮތުން މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ފުވައްމުލަކު ސިޓީއާއި އައްޑޫސިޓީއަށް ޔެލޯ އެލާޓް ނެރެފަ އެވެ.
މެޓް އޮފީހުން ބުނި ގޮތުގައި މި ސަރަހައްދުތަކަށް ޔެލޯ އެލާޓް ނެރެފައިވަނީ މިއަދު މެންދުރު 12:40 އިން 3:40 އާ ހަމައަށެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ މޫސުން ލަފާކުރާ ގޮތަށް ބަލާއިރު މެދުތެރެއާއި ދެކުނުގެ އެކިހިސާބަށް ވިއްސާރަ ކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. އަދި އުތުރުގެ އަތޮޅުތަކަށް ގުގުރުމާއެކު ކެރީގެ އަސަރު ފޯރާނެ ކަމަށްވެސް މެޓް އޮފީހުން މައުލުމާތުދެ އެވެ.
މީގެ އިތުރުން މެޓް އޮފީހުން ބުނީ ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށައި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނުގައި ވައިގަދަވާނެ ކަަމަށެވެ. އަދި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން މައުލޫމާތުދެ އެެވެ.
ރާއްޖެއަށް އިއްޔެއިން ފެށިގެން ބައެއް ހިސާބުތަކަށް ވިއްސާރަކުރަން ފަށާފައި މިވަނީ ވާރޭ ނުވެހޭތާ ދެ މަހަށްވުރެ ގިނަ ދުވަސް ފަހުންނެވެ.
ވާރޭނުވެހޭތާ ގިނަ ދުވަސްވާތީ އިއްޔެ މެންދުރު ނަމާދަށްފަހު މުޅި ރާއްޖޭގައި ވަނީ އިސްތިސްގާ ނަމާދު ވެސް ކޮށްފަ އެވެ. އެ ނަމާދު ކުރަމުން ދަނިކޮށް ވެސް ބައެއް ރަށްރަށަށް ވާރޭ ވެހެނުއިރު މާލެއަށް ވެސް އިއްޔެ ވަނީ ވާރޭ ވެހެފަ އެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ