ހަރާންކޯރުވުމަކީ ކުރިއަރަން އޮތް ހަރުގަނޑަކަށް ހަދައިފި: މައުމޫން

ކުރީގެ ރައީސް މައުމޫން އަބްދުﷲ ގައްޔޫމް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށް ނުސީދާ ކޮށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން، މިނިސްޓަރު މުހައްމަދު ސައީދަށް އަމާޒުކުރައްވާ ޓްވީޓާގައި ފާޑު ވިދާޅުވެފައި މިވަނީ އިއްޔެރޭ އއ. މަތިވެރީގައި ޕީޕީއެމުން ބޭއްވި ޖަލްސާއެއްގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް އަމާޒުވާ ގޮތަށް މުހައްމަދު ސައީދު ދެއްކެވި ވާހަކަފުޅަކާ ގުޅިގެން މިނިސްޓަރު ސައީދަށް އެތައް ބައެއްގެ ފާޑުކިޔުން ރައްދުވެފައިވާ ވަގުތެއްގަ އެވެ.
މަތިވެރި ޖަލްސާގައި މިނިސްޓަރު ސައީދު ވިދާޅުވީ އަރިއަތޮޅު ތަރައްގީ ނުވެ އޮތީ އިދިކޮޅު ޕާޓީތައް އެ އަތޮޅުގެ ތަރައްގީއަށް ހުރަހަކަށް ވެފައި އޮތުމުން ކަމަށެވެ.
ސައީދު އިތުރަށް ވިދާޅުވީ އަރިއަތޮޅުގެ ތަރައްގީއަށް ހުރަސްއަޅަމުން އައީ އަމިއްލަ ވިޔަފާރި އާއި އަމިއްލަ ވެރިކަމުގެ ބޭނުމުގައި އުޅުނު ބައެއް ކަމަށެވެ.
"ވިޔަފާރިވެރިއެއްގެ ޝައުގާއި ނުވަތަ އަމިއްލަ ބޭނުމަށް ބޭނުން ކުރަން އެއްވެސް ރަށެއް، އަތޮޅެއް، މީހަކަށް، ހުންނަން ޖެހޭނެ ކަމަކަށް ގާނޫނު އަސާސީގައި ބުނެފައެއް ނެތް،" ގާސިމަށް އިޝާރާތް ކުރައްވަމުން ސައީދު ވިދާޅުވި އެވެ.
ސައީދަށް ނުސީދާކޮށް ރައްދުދެއްވަމުން ރައީސް މައުމޫން ވިދާޅުވީ ތިމާއަށް ކުރިއެރުމާ މަތިވެެރި މަގާމާ ޝުހުރަތު ހޯދައިދިން ބަޔަކަށް "ހަރާންކޯރު" ވުމަކީ މިއަދުގެ ސިޔާސީ މައިދާނުގައި ކުރިއެރުމަށް އޮތް ހަރުގަނޑަކަށް ވެއްޖެ ކަމަށެވެ. އެކަމަކު އެކަން އެހެން ކުރި ބަޔަކަށް އަންނަން އޮތް ޖީލު ތަކުގެ މަލާމަތް ރައްދު ވާނެ ކަމަށްވެސް މައުމޫން ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ