"ނަޝީދު، ދީނަށް ހަޖޫ ޖެހި ކަމަށް ބުނި މީހާގެ މައްސަލަ ބަލަން މަޖިލީހުން ފުލުހުންނަށް މަޖުބޫރު ކޮށްފި"

ކުރީގެ ރައީސް މުހައްމަދު ނަޝީދު، ދީނަށް ހަޖޫ ޖެހި ކަމަށް ބުނި މީހާގެ މައްސަލަ ބަލަން މަޖިލީހުން ފުލުހުންނަށް މަޖުބޫރު ކޮށްފައިވާ ކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދުގެ އިސްތަށިފުޅުގައި ދޮގު އިލްޒާމް އަޅުވައި އެމަނިކުފާނު ރަސޫލާއަށް ނިސްބަތްކޮށް އިހާނަތިކޮށް ބަސް ވިދާޅުވި ކަމަށް ބުނެ ވާހަކަ ދައްކާފައި ވަނީ ރ. އަނގޮޅިތީމު ޖީޒާގެ އަލީ އިބްރާހިމް އެވެ. އޭނާއާއި އޭނާގެ އިންޓަވިއު ގެނެސްދިން މީޑިއާއާ މެދު ތަހުގީގު ކުރުމަށް ފުލުހަށާއި ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވަން މަޖިލީހުން ވަނީ އެދިފައެވެ.
މިކަމާ ގުޅިގެން ހައިލަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްލާމް ދީނަށް ތައުހީނުކުރުމުގެ ވާހަކަތަކެއް މީހަކު ދެއްކިކަމުގެ ތުހުމަތު ކުރެވުނު ކަމަށާއި އޭގެ ހަތް އަހަރު ފަހުން، މީހަކު އެފަދަ ކުށެއް ކުރިކަމަށް ބުނި މީހާގެ މައްސަލަ ބެލުމަށް މަޖިލީހުން ފުލުހުންނަށް މަޖުބޫރުކޮށްފި ކަމަށެވެ.
"މުއައްސަަސާއެއްގެ ވެރިން ބަދަލުވުމަކުން އެތަނެއް މިނިވަނެއް ނުވެއެވެ." ހައިލަމް ވިދާޅުވިއެވެ.
އިސްލާމް ދީނަށް ތައުހީނުކުރުމުގެ ވާހަކަތަކެއް މީހަކު ދެއްކިކަމުގެ ތުހުމަތު ކުރެވުނެވެ. 7އަހަރު ފަހުން، މީހަކު އެފަދަ ކުށެއް ކުރިކަމަށް ބުނި މީހާގެ މައްސަލަ ބެލުމަށް މަޖިލީހުން ފުލުހުންނަށް މަޖުބޫރުކޮށްފިއެވެ. މުއައްސަަސާއެއްގެ ވެރިން ބަދަލުވުމަކުން އެތަނެއް މިނިވަނެއް ނުވެއެވެ. pic.twitter.com/mLbomh31WX— Ahmed Hailam (@AhmedHailam) May 25, 2020
މި މައްސަލާގައި ރައްޔިތުންގެ މަޖިލީހުން ބުނެފައި ވަނީ ދިވެހިންގެ ދީނީ އެއްބައިވަންތަކަން ނާގަލަން މަސައްކަތް ކުރުމާއި ނަފުރަތު އުފެއްދުމަށާއި ދީނީ ގޮތުން ބައިބައިވުން އުފެދޭ ގޮތަށް ވާހަކަ ދެއްކުމާއި އެފަދަ އަމަލުތައް ހިންގުމަކީ ގާނޫނުލް އުގޫބާތުގެ ޖުނަހުގެ އެއްވަނަ ދަރަޖައިގެ ކުށެއް ކަމަށެވެ.މި މައްސަލައާ ގުޅިގެން ރައީސް ނަޝީދު ނިސްބަތްވާ އެމްޑީޕީން ވެސް ވަނީ ބަޔާނެއް ނެރުނެވެ. އެމްޑީޕީން ނެރުނު ނޫސް ބަޔާނުގައި އެމަނިކުފާނަށް ހަވާލާދީ ބުނެފައިވަނީ އެމަނިކުފާނަކީ ޝަހާދުގެ ދެކަލިމައާއި ކީރިތި ރަސޫލާގެ ސުންނަތް ގަބޫލު ކުރައްވައިގެން ހުންނެވި ބޭފުޅެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ