ތައުލީމާއި ވަޒީފާގެ ފުރުސަތު ފިރިހެނުންނެކޭ އެއްފަދައިން އަންހެނުންނަށް ވެސް ހޯދައިދޭން ޖެހޭނެ – މައުމޫން

ވަޒީފާނެތް އަންހެނުންގެ އަދަދު ފިރިހެނުންނަށްވުރެ މާގިނަ ކަމަށާއި ވަޒީފާ ބޭނުންވާ އަންހެނާއަށް ތައުލީމުގެ ފުރުސަތާއި ވަޒީފާގެ ފުރުސަތު ފިރިހެނުންނެކޭ އެއްފަދައިން ހޯދައިދޭން ޖެހޭކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބުދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެންވިދާޅުވީ ޕީޕީއެމްއިން މިރޭ އާޓިފިޝަލް ބީޗްގައި ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ.
މައުމޫން ވިދާޅުވީ ފިރިހެނުންނާއި އެއްވަރަށް އަންހެނުންނަށް ތައުލީމާއި ވަޒީފާގެ ފުރުސަތު މިހާރު ލިބެމުންނުދާކަމަށެވެ.
ވޯޓް ދޭންވާނީ ހަމަ ކޮންމެ ކޮންމެ މީހަކަށް ނޫންކަމަށާއި ވޯޓް ދޭން ވާނީ ކުރިމަތިލާފައިވާ ބޭފުޅަކަށް ހެވެއްއެދިގެން ނޫންކަމަށައި ވޯޓް ދޭންޖެހޭނީ ރައީސް ކަމަށް އެންމެ އެކަށީގެންވާ އެންމެ ގާބިލް ބޭފުޅާކަމަށް އަޅުގަނޑުމެންނަށް ފެންނާތީ ކަމަށް މައުމޫން ވިދާޅުވިއެވެ.
ޕީޕީއެމްއިން މިއަހަރުގެ ރިޔާސީ އިންތިޙާބު ކާމިޔާބު ކުރަން ބޭނުންވަނީ ރައްޔިތުންނަށް ތަރައްގީ ހޯދައިދޭން ކަމަށާއި އަދި އެތަރައްގީ އަކީ ކޮންމެ ކޮންމެ ތަރައްގީއެއް ނޫންކަމަށް ވެސް މައުމޫން ވިދާޅުވިއެވެ.
"ތަރައްޤީ ގެނެވޭނެ އެކިގޮތްގޮތައް. މިސާލަކަށް މަދުބަޔަކަށް ފުރުސަތު ތަކެއް ހުޅުވާލަމުން އެބަޔަކު މުއްސަނދި ވެގެން ދިޔައިނުން ގޮސް އެބައެއްހެ މުއްސަނދިކަން ބަންޑުން ވެގެން ރާއްޖޭގެ އެތައް މިތަނުން އެކި މީސްމީހުން ދެވޭގޮތައް އެއީ ވެސް ތަރައްގީއެއް ކަމަށް ބެލިދާނެ. އެކަމަކު އެކަހަލަ ތަރައްޤީއެއް އަޅުގަނޑުމެން ބޭނުމެއް ނޫން." މައުމޫން ވިދާޅުވިއެވެ.
ޕީޕީއެމްގެ އަމާޒަކީ ރާއްޖޭގެ ރައްޔިތުންނަށް އިންސާފުވެރި އަދި ދެމެހެއްޓެނިވި އިންސާފުވެރި ތަރައްގީއެއް ހޯދައިދިނުން ކަމަށް މައުމޫން ވިދާޅުވިއެވެ.
އިންސާފުވެރި ތަރައްގީގެ މާނައަކީ ކޮންމެ ގިންތި އަކާއި ކޮންމެ ފަންތިއެއްގެ ކޮންމެ މީހަކަށް ވެސް ކުރިއަށް ދިއުމުގެ ފުރުސަތު ހަމަހަމަ ގޮތެއްގައި ހޯދައިދޭ ތަރައްގީ ކަމަށް މައުމޫން ވިދާޅުވިއެވެ.
އެއީ މާލޭގައި ދިރިއުޅޭ މީހަކަށް ވިޔަސް އަތޮޅު ތެރޭގައި ދިރިއުޅޭ މީހެއް ކަމަށް ވިޔަސް އަދި ކޮންމެ ކަހަލަ އާއިލާއަކުން އައި މާހަކު ކަމުގައި ވިއަސް އެހެން މީހުންނާއި އެއްވަރަށް ކުރިއަށް ދިއުމުގެ ފުރުސަތު އޮންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ތައުލީމުގެ ފުރުސަތު ވެސް ވަޒީފާ އަދާކުރުމުގެ ފުރުސަތު ވެސް އަދި މުއްސަނދި ކަމުގެ ވަސީލަތްތައް މިލްކު ކުރުމުގެ ފުރުސަތު ވެސް އޮންނަން ވާނެ."
ދެމެހެއްޓެނިވި ތަރައްގީއަކީ ކޮބައިކަން އޮޅުންފިލުއްވައި ދެއްވަމުން މައުމޫން ވިދާޅުވީ ދެމެހެއްޓެނިވި ތަރައްގީގެ މާނައަކީ އަޅުގަނޑުމެންނަށް ގިނަ ދުވަސްތަކެއް ވަންދެން އެގޮތުގެ މަތީގައި ދެމެހެއްޓޭނެ ތަރައްގީ އަކަށް ވުން ކަމަށެވެ.
ރާއްޖޭގެ މިއަދުގެ ހާލަތައް ބަލާއިރު އަޅުގަނޑުމެނަށް ދެމެހެއްޓެނިވި އިންސާފުވެރި ތަރައްގީއެއް ގެނެވިފައި ނެތުމުން ދިމާވާކަންތައް ތަކެއް އެބަހުރި ކަމަށް މައުމޫން ވިދާޅުވިއެވެ.
އެކަމުގެ މިސާލު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މާލޭގައި ދިރިއުޅޭ މީހަކަށް ލިބޭ އާންމުދަނީ އަތޮޅެއްގެ ނުވަތަ ރަށެއްގައި ދިރިއުޅޭ މީހަކަށް ލިބޭ އާންމު ދަނީއަށް ވުރެ 2.5 ގުނަ އިތުރު ކަމަށެވެ. ހިދުމަތްތަކާއި ވަސީލަތްތަކަށް ބަލާއިރު ވެސް މާލޭގައި ވަޒީފާނެތް މީހުންނަށްވުރެ އަތޮޅުތަކުގައި ވަޒީފާނެތް މީހުންގެ އަދަދު މާގިނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ޒުވާނުންނަަށް ބަލާއިރު ރާއްޖޭގައި ތިބި 18 އަހަރާއި 35 އަހަރާއި ދޭތެރޭގެ އުމުރުގެ އާބާދީގެ ތިންބައިކުޅަ އެއްބަޔަކީ ވަޒީފާނެތް މީހުން. އެހެންކަމުން އެއީވެސް އަޅުގަނޑުމެން ވިސްނަންޖެހޭ އިސްލާހު ކުރަންޖެހޭ ކަމެއް." މައުމޫން ވިދާޅުވިއެވެ.
ރިޔާސީ އިންތިޙާބަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ "އަޅުގަނޑުމެން މިރިޔާސީ އިންތިޙާބުގައި ވޯޓް ދޭންވާނީ ގައުމަށްޓަކައި. އަޅުގަނޑުމެންގެ މުސްތަގުބަލަށްޓަކައި. މުސްތަގުބަލުގެ ޖީލް ތަކަށްޓަކައި." ކަމަށެވެ.
މައުމޫން ވިދާޅުވީ އަޅުގަނޑުމެން ބޭނުންވަނީ އަޅުގަނޑުމެން ވޯޓް ދޭބޭފުޅަކު ރާއްޖޭގެ ކަންތައްތައް މަދުވެގެން ފަސް އަހަރު ދުވަހު ހަވާލުވެ ވަޑައިގެން ރާއްޖޭގެ ކަންތައްތައް އިސްލާހު ކޮށްދެއްވުމަށް ކަމަށެވެ. އިތުރަށް އެމަނިކުފާނު ވިދާޅުވީ އަޅުގަނޑުމެން ބޭނުންވަނީ އެބޭފުޅަކު " ދިވެހި ރައްޔިތުންނަށް ހެޔޮގޮތް ހޯއްދަވައި ދެއްވުމަށް. ރާއްޖޭގެ އިޖުތިމާއީ ފޭރާން އިތުރަށް ހަރުދަނާ ކުރަށްވާ ރައްޔިތުންގެ އިގުތިޞާދީ ފުދުންތެރިކަން އިތުރުކޮށްދެއްވާ، ރާއްޖޭގައި އަމާންކަން ގާއިމްކޮށްދެއްވާ، ރައްޔިތުން ބޭނުންވާ ހިދުމަތްތައް ރައްޔިތުންނަށް ހޯއްދަވައިދެއްވުމަށް." ކަމަށެވެ.
އެހެންކަމުން ވޯޓް ދޭއިރު ބަލަންޖެހެނީ މިކަންކަމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިވޯޓަކީ ރައްޔިތުންނަށްޓަކައި ގައުމަށްޓަކައި ރާއްޖޭގެ މުސްތަގުބަލަށްޓަކައި ދޭވޯޓެއްކަމުގައި އަޅުގަނޑުމެން ހަދަންޖެހޭ ކަމަށްވެސް މައުމޫން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ