ހުއްދަ ނުދިނަސް އަންނަ ހުކުރު ވިލޭރޭ ޖަލްސާ ބާއްވާނަން: އިއްތިހާދު

އިދިކޮޅު އިއްތިހާދުން ރޭ ބާއްވަން އުޅުނު ޖަލްސާ ފަސް ކުރީ ބަޔަކު ދެކެ ބިރުން ނޫން ކަމަށާއި އަންނަ ހުކުރު ވިލޭރޭ ހުއްދަ ނުދިނަސް ޖަލްސާ ބާއްވާނެ ކަމަށް އެ އިއްތިހާދުން މި ރޭ ބުނެފި އެވެ.
އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިއްތިހާދުގެ ތަރުޖަމާނު އަހުމަދު މަހްލޫފް ވިދާޅުވީ ޖަލްސާ ބޭއްވުމަށް ހުއްދަ ހޯދަން ޖެހިއްޖެ ނަމަ، އެކަން ކުރާނެ ކަމަށެވެ. އެގޮތުން ކަމާ ބެހޭ މުއައްސަސާތަކަށް ސިޓީ ފޮނުވައިގެން ހުއްދަ ހޯދަން މަސައްކަތް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ހުއްދަ ދިނަސް ނުދިނަސް، މި މަހުގެ 21 ވަނަ ދުވަހުގެ ރޭ ޖަަލްސާ ކުރި އަށް ދާނެ،" މަހްލޫފް ވިދާޅުވި އެވެ.
މަހްލޫފް ވިދާޅުވި ގޮތުގައި މޫސުން ގޯސްވުމުގެ ސަބަބުން ޖަލްސާ ނުބޭއްވުމުން ރައްޔިތުންގެ މެދުގައި ހުރި ޖޯޝު ފެނިގެން ދިޔަ ކަމަށެވެ. އަދި އިއްތިހާދުގެ މަސައްކަތަކީ ގާނޫނީ އިމުގެ ތެރެއިން ރައީސް ޔާމީން ސަރުކާރު ނިމުމަކަށް ގެނެސް އިންސާފުވެރި އިންތިހާބެއް ބޭއްވުން ކަމަށް މަހްލޫފް ވިދާޅުވި އެވެ.
އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވި ގޮތުގައި ސިޔާސީ ހަރަކާތްތަކަށް ސަރުކާރުން ޖާގަ ނުދިނުމަކީ ވެސް ޖަލްސާ ފަސް ކުރަން ޖެހުނު ސަބަބެކެވެ. އަދި އަންނަ ހުކުރު ވިލޭރޭ ބާއްވާ ޖަލްސާގައި ވީހާ ގިނަ ބަޔަކު ބައިވެރިވުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.
އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވި ގޮތުގައި ރައީސް އަބްދުﷲ ޔާމީން މިހާރު ހުންނެވީ ގިނިކަންޏާ އެވެ. އެހެންވެ ރައްޔިތުން އެދޭ ގޮތަށް ކަންކަން ފަހި ކޮށްދިނުމަށް ސަރުކާރަށް ގޮވާލެއްވި އެވެ.
އަލީ ޒާހިރު ވިދާޅުވީ ގާނޫނުއަސާސީން ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ލިބިފައި އޮތް އިރު، ވަކި މުއައްސަސާއެއްގެ ސިޓީއެއް ހޯދަން ކޮންމެހެން ނުޖެހޭނެ ކަމަށެވެ. އަދި ހިޔާލު ފާޅު ކުރުމުގެ ހައްގު ހިފެހެއްޓިފައި އޮތް އޮތުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަލީ ޝަމީމާއި ރައީސް އޮފީހުގެ ހިއުމަން ރައިޓްސް އެމްބެސެޑަރު ކަން ކުރެއްވި އަހުމަދު އިބްރާހިމް ދީދީ (ސަންދާނު އަހަންމައިދީ) އާއި އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އިމާދު ސޯލިހު އިދިކޮޅު އިއްތިހާދާ ރަސްމީކޮށް ގުޅުނު ކަން އިއުލާން ކުރެއްވި އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި މި ތިން ބޭފުޅުން ވެސް ވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. ހާއްސަކޮށް އިއުލާން ކުރުމަކާ ނުލައި ރަށްތައް ދޫކުރެވޭ ގޮތަށް މަޖިލީހުން ފާސްކޮށް ރައީސް ތަސްދީގު ކުރެއްވި ގާނޫނާ މެދު ހިތްހަމަނުޖެހުން ފާޅުކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ