ހިތާމައަކީ ފެބްރުއަރީ އަށެއްގައި ހުޅުޖެހި މީހުންނަށް އަދަބުދީފައިނުވުން: އުމަރު

ދެހާސް ބާރަ ވަނަ އަހަރުގެ ފެބްރުއަރީ އަށް ވަނަ ދުވަހު ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހިތާ މިއަދަށް 10 އަހަރު ފުރޭއިރު ހިތާމައަކީ އެ މުޖުރިމުންނަށް ހައްގު އަދަބު ނުދެވުންކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. އުމަރު "ސަން"އަށް ވިދާޅުވީ 2012 ވަނަ އަހަރުގެ ފެބްރުއަރީ އަށް ވަނަ ދުވަހަކީ ފަހުގެ ތާރީހެއްގައި ރާއްޖެ ދުށް އެންމެ ކަޅު އެއް ދުވަސް ކަމަށެވެ. އެ ކަޅު ދުވަހު ސަރުކާރުގެ އިމާރާތްތަކުގައި ހުޅުޖެހި މީހުންނަށް އޭގެ ފަހުން އައި އެއްވެސް ސަރުކާރަކުން ހައްގު އަދަބު ދެވިފައިނުވާކަމަށާއި، މައްސަލަ ކޯޓަށް ވެއްދި ނަމަވެސް އެކަމުގެ އެއްވެސް ނަތީޖާއެއް ނުނިކުތް ކަމަށް އުމަރު ވިދާޅުވިއެވެ. "ކޮންމެ ކަމަކަށް ވެސް ވަގުތެއް އޮންނަކަމަށާއި، ގާނޫނުގެ ތެރެއިން މިހާރު އެ ކަމުގެ ހައްގު އަދަބު ހޯދައިދިނުމަށް މިހާރު މާލަސްވެއްޖެ. ދެން ދައުލަތަށް އެ ހައްގު ލިބޭނެކަމަކަށް ގަބޫލެއް ނުކުރަން،" އުމަރު ވިދާޅުވިއެވެ. ރާއްޖޭގެ ޒަމާންވީ ތާރީހުގައި ދިވެހި ދައުލަތަށް އެހައި ބޮޑު ގެއްލުމެއް ދުވަހަކުވެސް ނުލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ދުވަހު ސަރުކާރުގެ އިމާރާތްތަކުގައި ޖެހި ހުޅުގެ ސަބަބުން އެތައް އާއިލާއެއް މިއަދުވެސް ކަރުނަ އަޅާނެކަމަށް ވެސް އުމަރު ވިދާޅުވިއެވެ. "މީގެ ސަބަބުން ވަރަށް ގިނަ ހައްގުތަށް ގެއްލިގެން ދިޔައީ. އޭގެ ތެރެއިން ކޯޓުތަކަށް ހުށަހެޅުނު މައްސަލަތަކާއި، ތަރިކައިގެ މައްސަލަތަކާއި، ގޯތި ބެހުމާއި، މިބާވަތުގެ ކަންކަމާ ގުޅިގެން ޑޮކިއުމެންޓުތައް އަނދައިގެން ދިއުމާ ގުޅިގެން ވަރަށް ގިނަ ބައެއްގެ ހައްގުތައް ގެއްލިގެން ދިޔައީ،" އުމަރު ވިދާޅުވިއެވެ. 8 ފެބްރުއަރީ 2012 ވަނަ ދުވަހު ހިތަދޫ ޕޮލިސް އެކަމޮޑޭޝަން ގައި ހުޅުޖަހާފައި --- ސަން ފައިލް ފޮޓޯ އެމްޑީޕީގެ މެންބަރުން ހިންގި އެ ޖަރީމާގެ ސަބަބުން ދައުލަތަށް 200 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާކަމަށާއި މިކަމުގެ ޒިންމާ އެމްޑީޕީން ނަގަން ޖެހޭނެކަމަށް ގަބޫލުކުރައްވާ ކަމަށް އުމަރު ވިދާޅުވިއެވެ. މީގެ އިތުރުން، އުމަރު ވިދާޅުވީ ރާއްޖޭގައި ވެރިކަން ކުރެއްވި ބޭފުޅަކު އިސްވެހުންނަވައިގެން އެވަރުގެ ދެރައެއް ރައްޔިތުންނަށް ދީފާނެކަމަށް ދުވަހަކު ވެސް ރައްޔިތުން ހިތަށް ވެސް ނާރާނެކަމަށެވެ. ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ ޓެރަރިޒަމްގެ އަމަލު ހިންގުމަށް އެމްޑީޕީގެ ސަޕޯޓަރުންނަށް ހިތްވަރުދީފައިވާކަން ނޭނގޭ ދިވެހި ލޭ ހިނގާ ދަރިއަކު ނުހުންނާނެކަމަށް އުމަރު ވިދާޅުވިއެވެ. "އެއްދުވަހު އިސްތިއުފާ ދީފަ އަނެއްކާ އަނެއްދުވަހު އިސްތިއުފާ ނުދެމޭ ކިޔާފަ އެކި ގޮތްގޮތަށް ސްޓޭޓްމެންޓް ދީފަ، ހިންގި ޓެރަރިޒަމްގެ އަމަލެއް މި އަމަލަކީ،" އުމަރު ވިދާޅުވިއެވެ. މި ހަދިސާގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބުނީ އައްޑޫ ސިޓީ އާއި ގދ. ތިނަދުއަށެވެ. އެ ހާދިސާއަށް 10 އަހަރު ވެގެން ދިޔައިރު ވެސް އެކަމުން ރަނގަަޅަށް އަރައިގަނެވިފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ. ފެބްރުއަރީ 7، 2012 ގައި އޭރުގެ ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވުމާ އެކު މާޔޫސް ވެފައިތިބި އެމްޑީޕީގެ ސަޕޯޓަރުންނަށް ހިތްވަރު ލިބުނީ ފެބްރުއަރީ އަށް ވަނަ ދުވަހު ދަރުބާރުގޭގައި ބޭއްވި އެމްޑީޕީގެ 100 ވަނަ ގައުމީ މަޖިލިސްގެ ބައްދަލުވުމުންނެވެ. އެމްޑީޕީގެ ވެރިކަން ވައްޓާލީ ބަޣާވާތަކުން ކަމަށް އެ ބައްދަލުވުމުގައި ވަނީ ފާސްކޮށްފައެވެ. 8 ފެބްރުއަރީގައި އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ރައީސް ނަޝީދު އެ ބައްދަލުވުމަށްފަހު ރައީސް ނަޝީދު އިސްވެ ހުންނަވައި ސަޕޯޓަރުންނާއެކު މިސްރާބުޖެހީ އެމްޑީޕީގެ އޮފީހާ ދިމާލަށެވެ. އަދި ރައީސް ނަޝީދު ވަނީ މުޒާހަރާއަށް ނިކުތުމަށް ސަޕޯޓަރުންނަށް ގޮވާލައިފައެވެ. ރައީސް ނަޝީދާއި އެމްޑީޕީގެ އޭރުގެ ލީޑާޝިޕްގެ އިސްބޭފުޅުން ހިމެނޭ ޓީމަކުން އެމްއެމްއޭ ކައިރީގައި ކުރި މުޒާހަރާ ފުލުހުން ވަނީ ބާރުގެ ބޭނުންކޮށްގެން ރޫޅައިލައިފައެވެ. މިއާއެކު އައްޑޫ ސިޓީ އާއި ގދ. ތިނަދޫގެ ބައެއް ރަށްރަށުގައި ތިބި އެމްޑީޕީގެ މެންބަރުން ވަނީ އެ ރަށްރަށުގެ ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖަހާފައެވެ. އެ ހާދިސާގައި ގެއްލުން ލިބު ތަންތަނުގެ ތެރޭގައި ހިމެނެނީ: ތިނަދޫ ޕޮލިސް ސްޓޭޝަން ތިނަދޫ ކޯޓު ގދ. އަތޮޅު ކައުންސިލްގެ އިދާރާ ހިތަދޫ ޕޮލިސް ޓްރެއިނިން ސްކޫލް ހިތަދޫ ޕޮލިސް ސްޓޭޝަން ހިތަދޫ ޕޮލިސް އެކޮމަޑޭޝަން ބްލޮކް ސ. ގަން ޕޮލިސް ސްޓޭޝަން ހުޅުދޫ ކޯޓު މަރަދޫ ކޯޓް ސ. ފޭދޫ ކޯޓް އެ ބިރުވެރި ދުވަހު ސަރުކާރުގެ އިމާރާތްތަކުގައި ރޯކޮށްލައި ތަކެއްޗަށް ވަނީ ވަރަށް ބޮޑަށް ގެންލުންދީފައެވެ. އެގޮތުން ފުލުހުންގެ ވެހިކަލްތައް ވަނީ އަންދައި އަޅިއަށް ހަދާފައެވެ. ފުލުހުން ބޭނުންކުރަމުންދިޔަ ފޯނާއި ލެޕްޓޮޕްފަދަ އަގުހުރި މުދަލާއި ފުލުހުންގެ އަންނައުނު ވެސް ވަނީ ހުޅުޖެހުމުން އަދައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ