މާދަމާ ހެނދުނު މާލޭގެ ދެ ސަރަހައްދަކުން ކަރަންޓު ކެނޑޭނެ: ސްޓެލްކޯ

މާދަމާ ހެނދުނު މާލޭގެ ދެ ސަރަހައްދަކުން ކަރަންޓް ކެނޑޭނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ ދުނބުރި މިސްކިތް ސަރަހައްދުންނާއި އަރަބިއްޔާ ފްލެޓް ސަރަހައްދުން ކަރަންޓު މާދަމާ ހެނދުނު 9:00 އިން ފެށިގެން 35 މިނެޓް ވަންދެން ކަރަންޓު ކަނޑާލާނެ ކަމަށެވެ. އެ ސަރަހައްދުތަކުން ކަރަންޓު ކަނޑަނީ ފީޑަރު ތަކުގެ ލޯޑް އެއްވަރަކަށް ހިފެހެއްޓުމަށް ކަމަށް ސްޓެލްކޯއިން ބުންޏެވެ. މުޅި މާލެއަށް ކަރަންޓު ދޫކުރާ ކޭބަލަށް ދިމާވި މައްސަލައެއްގެ ސަބަބުން މުޅި މާލެއިން މިއަދުވަނީ ކަރަންޓުކެނޑިފައެވެ. އެކަމާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ޝަރީފް ވިދާޅުވީ އެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ ދެ ދުވަހެއްގެ ތެރޭގައިކަމަށެވެ. މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓުގެ ޚިދުމަތް ކެނޑިފައިވަނީ ރޭ ފަތިހު ހަތަރެއްހާއިރެވެ. އަދި 7:30 ހާއިރު މުޅި މާލެއިން ވަނީ ކަރަންޓު ކެނޑިފައެވެ. ހުރިހާ ހިސާބަކަށް ކަރަންޓު ފޯރުކޮށްދެވުނީ, 9:15 ހާއިރެވެ. ކަރަންޓުގެ ހިދުމަތް ކެނޑުމުގެ ސަބަބުން ތިން ސްކޫލެއްގެ ހެނދުނު ދަންފަޅީގެ ކިޔެވުންވެސް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ. އެއީ އިމާދުއްދީން ސްކޫލާއި އިސްކަންދަރު ސްކޫލްގެ އިތުރުން އިއްޒުއްދީން ސްކޫލްގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ