ރާއްޖޭގެ އެކި ހިސާބުތަކަށް މިއަދުވެސް މޫސުން ގޯސްވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.
މެޓް އޮފީހުން ވަނީ މޫސުމަށް ސަމާލުވުމަށް އަންގާ ހއ. އަތޮޅުން ފެށިގެން މ. އަތޮޅާއި ހަމައަށް ވައިޓް އެލާޓްވެސް ނެރެފައެވެ. މި އެލާޓް ނެރެފައިވަނީ ހެނދުނު 8:15 އިން ފެށިގެން މެންދުރު 14:00 ގެ ނިޔަލަށެވެ. މި ގަޑިތަކުގައި އެލާޓް ނެރެފައިވާ ސަރަޙައްދުތަކަށް ގަޑިއަކު 19 މޭލާއި، 24 މޭލާއި ދެމެދު ބާރުމިނުގައި ވައިޖެހޭނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. އަދި އެ ސަރަޙައްދުތަކުގެ ކަނޑުތައްވެސް ގަދަވާނެކަމަށް އެ އިދާރާއިން ލަފާކުރެއެވެ.
މެޓް އޮފީހުން ހާމަކުރާ ގޮތުގައި މިހަފްތާގެ ބުރާސްފަތި ދުވަހާއި ހަމައަށް އެވަރެޖްކޮށް ވައިޖެހޭނެކަމަށް ލަފާކުރެވީ 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނުގައިކަމަށާއި، ބުރާސްފަތި ދުވަހުން ފެށިގެން ވައިމަޑުވާނެކަމަށް އެ އިދާރާއިން ލަފާކޮށްފައިވެއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކުރާ ގޮތުގައި ދެކުނުގެ އަތޮޅުތަކަށް މޫސުން ރަނގަޅުވާނެކަމަށާއި، ހުޅަނގު މޫސުމުގެ ވިއްސާރައިގެ އަސަރު މިއަދު ބޮޑަށް ކުރާނެކަމަށް ލަފާކުރެވެނީ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ކަމަށްވެސް މެޓް އޮފީހުން ބުނެފައިވެއެވެ.
ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ މޫސުން ލަފާކުރާގޮތަށް ބަލާއިރު، ވިއްސާރަ ކުރުމާއެކު ގުގުރާނެކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ. އަދި ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި، ވިލާ ގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.
މެޓް އޮފީހުން ބުނެފައިވާގޮތުގައި، ރާއްޖޭގެ ކަނޑުތައް ގަދަވެ، ރާޅުގެ އުސްމިނުގައި 5 ފޫޓާއި 7 ފޫޓު ހުންނާނެއެވެ.
މެޓް އޮފީހުގެ ރިކޯޑްތައް ދައްކާގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ އުތުރުގެ ރަށްތަކަށެވެ. އެގޮތުން އެންމެގިނައިން ވާރޭވެހިފައިވަނީ ށ. ފުނަދޫއަށެވެ. އެރަށަށް 41.7 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. ދެން އެންމެ ގިނައިން ވާރޭވެހިފައިވަނީ އެއަތޮޅު ކޮމަންޑޫއަށެވެ. އެއީ 31 މިލިމީޓަރުގެ ވާރޭއެވެ.
ރާއްޖެއަށް މިހާރު ކުރަމުންމިދަނީ ހުޅަނގު މޫސުމުގެ ވިއްސާރަކަމުން، ހުރިހައި ފަރާތްތަކުން، ޚާއްސަކޮށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން، މޫސުމަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ހުޅަނގު މޫސުމުގެ ވިއްސާރަޔާއެކު ވައިގަދަވުމުގެ ސަބަބުން ދިމާވެދާނެ ނުރައްކަލަކަށް ސަމާލުވެ ރައްކާތެރިވެތިބުމަށްވެސް ކަމާބެހޭ ފަރާތްތަކުން އަންނަނީ އިލްތިމާސްކުރަމުންނެވެ.
ރާއްޖޭގެ އެކި ހިސާބުތަކަށް މިއަދުވެސް މޫސުން ގޯސްވާނެ: މޫސުމާއި ބެހޭ ގައުމީ އިދާރާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ