ށ. ފީވަކަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އެރަށުގެ ބަޔަކު ރާވައިގެން ހުރަސް އަޅާކަމަށް އެރަށަށް ކަރަންޓު ފޯރުކޮށްދެމުން އަންނަ ފެނަކައިން ތުހުމަތުކޮށްފި އެވެ.
ފީވަކުގެ ކަރަންޓުގެ މައްސަލައާ ގުޅިގެން ފެނަކައިން ނެރުނު ބަޔާނެއްގައި ބުނީ ފީވަކަށް ކަރަންޓު ދެވޭ ވަރަށް އެރަށުގައި ޖެނެރޭޝަން ކެޕޭސިޓީ ގާއިމުކޮށްފައިވާ ކަމަށާއި ބައެއް ޓެކްނިކަލް މައްސަލަތައް ހައްލު ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ވެސް އެކުންފުނިން ކުރަމުން އަންނަ ކަމަށެވެ.
"ނަމަވެސް ބަޔަކު ރާވައިގެން މަސައްކަތަށް ހުރަސް އަޅަމުންދާކަން ހިތާމަޔާއެކު ފާހަގަ ކުރަމެވެ. ފީވަކުގެ ކަރަންޓުގެ ޙާލަތު އިތުރަށް ރަނގަޅުކޮށް ދެމެހެއްޓެނެވި ގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުމައްޓަކައި ކުރިންވެސް ރޭވިފައިވާ އެންމެހައި ކަންތައްތައް މި ކުންފުނިން މިދަނީ ކުރަމުންނެވެ،" ފެނަކައިގެ ބަޔާނުގައި ވެއެވެ.
ފެނަކައިން ބުނީ، މިމަހުގެ 16 ވަނަ ދުވަހު ފީވަކު ބްރާންޗުގެ ޕެނަލްގެ މަސައްކަތެއް ކުރުމަށް ކަރަންޓު ކަނޑަން އިއުލާން ކޮށްގެން ޓެކްނިކަލް ޓީމެއް މަސައްކަތް ކުރަމުން ދަނިކޮށް އެރަށުގެ ރައްޔިތުންގެ ތެރެއިން ބަޔަކު އިންޖީނުގެ ތެރެއަށް ވަދެ އަޑު ގަދަ ކުރުމުން މަސައްކަތުގެ މާހައުލު ގެއްލި ކަރަންޓު ހިދުމަތް ފޯރުކޮށް ދިނުމަށް ޓެކްނިކަލް މައްސަލަތަކެއް ދިމާވެ ކަރަންޓް ހިދުމަތް ފޯރުކޮށް ދިނުމަށް ގިނަ ވަގުތުތަކެއް ހޭދަވި ކަމަށެވެ.
އޭގެ އިތުރުން އެރަށުގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދެވުމަށް އަލުން ޓެކްނިކަލް ޓީމެއް ފީވަކުގައި މަސައްކަތް ކުރަމުން ދަނިކޮށް މިމަހުގެ 22 ވަނަ ދުވަހު ރައްޔިތުންގެ ތެރެއިން ބަޔަކު އިންޖީން ރޫމަށާއި ކޮންޓްރޯލް ރޫމަށް ވަދެ މުވައްޒިފުންނަށް ބިރުދައްކައި މުޅި ރަށުން ވަނީ ކަރަންޓު ހިދުމަތް ކަނޑާލާފައި ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
އެދުވަހު ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވުނީ ގިނަ އިރުތަކެއް ފަހުންކަން ފާހަގަކޮށް އެބަޔާނުގައި ބުނީ، މިމަހުގެ 24 ވަނަ ދުވަހު ވެސް އިންޖީނަކަށް ދިމާވި މައްސަލައަކާ ގުޅިގެން ދަންވަރު ކަރަންޓް ކެނޑުނުތަނާހެން ރައްޔިތުންގެ ތެރެއިން ބަޔަކު އިންޖީނުގެ ތެރެއަށް ވަދެ އަޑު ގަދަކުރި ކަމަށެވެ.
"އަދި ކަރަންޓުގެ ހިދުމަތް އަނބުރާ ދެވުނީ، ކަރަންޓުގެ ޚިދުމަތް ދިނުމަށް ދެކޮޅު ހަދަމުން ދިޔަ މީހުންނާ ދެކޮޅަށް، ރައްޔިތުންގެ ތެރެއިން ބަޔަކު ނިކުމެ، ކަރަންޓު އިޔާދަކުރަން އެދިގެންނެވެ. މިގޮތަށް ކަންތައްތައް ދިމާވުމުގެ ސަބަބުން ކަރަންޓު ޚިދުމަތް މެދުކެނޑި އަލުން ޚިދުމަތް ފޯރުކޮށްދިނުމަށް ގިނަ ވަގުތުތަކެއް ހޭދަވިއެވެ،" ބަޔާނުގައި ވެއެވެ.
ފީވަކަށް ކަރަންޓު ދެމުންދަނީ 180 ކިލޯވޮޓް، 128 ކިލޯވޮޓްގެ ދެ ޖަނަރޭޓަރާއެކު ޖުމަލަ ތިން ޖެނަރޭޓަރު ބޭނުންކޮށްގެން ކަމަށާއި އެރަށުގެ އެންމެ މަތީ ލޯޑަކީ 200 ކިލޯވޮޓް ކަމަށްވެސް ފެނަކައިން ބުނެއެވެ.
ފީވަކު ކަރަންޓު މައްސަލައިގައި އެރަށު ކައުންސިލުގެ ރައީސް ހަސަން ސުޖާއު އިއްޔެ ސީއެންއެމްއަށް ވިދާޅުވީ ކަރަންޓުގެ މައްސަލަ ބޮޑުވެ އާންމުންނަށް އެތައް ދަތިތަކެއް ކުރިމަތިވަމުން އަންނަ ކަމަށާއި އެ މައްސަލަ 60 ދުވަހުގެ ތެރޭގައި ހައްލު ވާނެ ކަމަށް ފެނަކައިން ކުރިން ޔަގީންކަން ދިން ނަމަވެސް އެކަން ހައްލު ނުވާތީ އާންމުންގެ ކަންބޮޑުވުންތައް އެބަހުރި ކަމަށެވެ.
ފީވަކުގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތަށް ބަޔަކު ހުރަސްއަޅާ: ފެނަކަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ