ކޮލަމްބޯ (މާޗް 30) - ލަންކާގެ ކަރަންޓަށް މިދިޔަ ހަފުތާގައި ދިމާވި މައްސަލަ އަދިވެސް ހައްލު ނުވާ ކަމަށާއި މި ހަފުތާގައި ވެސް ކަރަންޓް ކަނޑަށް ޖެހިދާނެ ކަމަށް ކަމާބެހޭ އޮފިޝަލުން ބުނެފި އެވެ.
މިދިޔަ ހަފުތާގައި ޖެހިޖެހިގެން ތިން ދުވަހު ލަންކާ އިން ވަނީ ކަރަންޓް ކަނޑަން ޖެހިފަ އެވެ. ބުދަ ދުވަހުގެ ރޭ ގިނަ އާއިލާތަކެއް ވަނީ ހޫނުގެ ސަބަބުން ގެއިން ބޭރުގައި ނިދައިފަ އެވެ. އޮފިޝަލުން ބުނީ ވާރޭ ނުވެހޭތީ ހައިޑްރޯއިލެކްޓްރިސިޓީ އުފައްދާ މިންވަރު ދަށްވުމުން ކުރިއަށް އޮތް ދުވަސްތަކުގައި ކަރަންޓް ކަނޑަން ޖެހޭނެ ކަމަށެވެ. ލަންކާގައި ބޭނުން ކުރާ ކަރަންޓުގެ ހަތަރުބައި ކުޅަ އެއްބައި އުފައްދަނީ ހައިޑްރޯ ޕްލާންޓްތަކުންނެވެ.
ލަންކާ ކެބިނެޓުން މިހާރު ވަނީ، މަގުތައް ދިއްލާވަރު ވެސް މަދުކުރަން ނިންމައިފަ އެވެ. އަދި ސަރުކާރުގެ މުއައްސަސާތަކުން ކަރަންޓް ބޭނުންކުރާ މިންވަރު ވަނީ 10 ޕަސެންޓް މަދުކޮށްފަ އެވެ.
މިދިޔަ ހޯމަ ދުވަހުން ފެށިގެން ވެރިރަށް ކޮލަމްބޯ އިން ކަރަންޓް ކަނޑަމުން ދިޔަ ނަމަވެސް ކޮލަމްބޯ އިން ބޭރު ސަރަހައްދުތަކުގައި ކަރަންޓަށް މާބޮޑު މައްސަލައެއް ދިމަލެއް ނުވެ އެވެ.
ކަރަންޓް ކެނޑޭތީ ބައެއް މީހުން ކާރުތަކުގައި އޭސީ ޖައްސައިގެން ނިދަން ތިބި މަންޒަރުތަކެއް ސޯޝަލް މީޑިއާގައި ވަނީ އާއްމުކޮށްފަ އެވެ.
ޕަބްލިކް ޔުޓިލިޓީސް ކޮމިޝަނުން ބުނެފައި ވަނީ ކުރިން އެންގުމަކާ ނުލައި ކަރަންޓް ކަނޑަމުންދާތީ ސިލޯން އިލެކްޓްރިސިޓީ ބޯޑާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ. އިލެކްޓްރިސިޓީ ބޯޑުން ބުނެފައި ވަނީ ވާރޭ ނުވެހޭތީ ކަރަންޓް އުފައްދަން ޖެހެނީ ކޯލް-ޕަވާ ޖަނަރޭޓަރުން ކަމަށާއި އެހެންވެ ދޭތެރެ ދޭތެރެއިން ކަރަންޓް ކެނޑެނީ ކަމަށެވެ.
ލަންކާގައި 1996 ވަނަ އަހަރު ވަނީ ކަރަންޓަށް ބޮޑު މައްސަލައެއް ދިމާވެފަ އެވެ. ހަތަރު ދުވަސް ވަންދެން ކަރަންޓް ނުލިބި އެފަހަރު ތިބެން ޖެހުނެވެ.
ލަންކާގެ ކަރަންޓުގެ މައްސަލަ އަދިވެސް ހައްލެއް ނުވޭ: އޮފިޝަލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ