ކަރަންޓުގެ އަގު ހެޔޮކޮށްފި ކަމަށް ރައީސް ވިދާޅުވެއްޖެ

މުޅި ރާއްޖޭގައި ކަރަންޓުގެ އަގު މި މަހުން ފެށިގެން ހެޔޮ ކޮށްފައިވާ ކަމަށް ރައީސް ސޯލިހު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ މަސައްކަތުގެ 90 ދުވަސް ފާހަގަކުރަން ރައީސް އޮފީހުގައި މީގެ އިރުކޮޅެއް ކުރިން ކުރިއަށް ދިޔަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކަރަންޓުގެ އަގު ހެޔޮކޮށްފައި ވަނީ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށް ކަމަށެވެ.
“ކަރަންޓުގެ އަގަށް މި ގެނައި ބަދަލުތަކުގެ ލުއި، 1 މާޗް އިން ފެށިގެން ރައްޔިތުންނަށް ފޯރުކޮށްދެވޭނެ. އަދި މި ލުއިތައް މި ތާރީޚުން ފެށިގެން އެޕްލައި ކުރެވި ގޭބިސީތަކާއި ވިޔަފާރިތަކުގެ ކަރަންޓު ބިލުން ފެންނަން ފަށާނެ،” ރައީސް ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ ކުރީން ރަށްރަށުގައި ކަރަންޓުގެ އަގު ނަގަމުން އައި ގޮތަށް ބަލާއިރު ވިޔަފާރިވެރީންގެ އަތުން ނަގާ އަގުގައި ވަރަށް ބޮޑު ފަރަގެއް ހުރި ކަމަށާއި ނަމަވެސް މި ބަދަލުގެ ސަބަބުން ރަށްރަށުގެ ވިޔަފާރިވެރިންނަށް ވެސް ބޮޑު ލުޔެއް ލިބިގެން ދާނެ ކަމަށެވެ.
“ބިޒްނެސް ކެޓަގަރީއަށް މި ގެނައި ހެޔޮ ބަދަލުގެ ސަބަބުން އަތޮޅުތަކުގައި ވިޔަފާރިކުރައްވާ ފަރާތްތަކަށް ބޮޑު ލުޔެއް ލިބިގެން ދާނެ. ކުރީން 4600 ރުފިޔާ ދެއްކި މީހުން މިހާރު ދައްކަން ޖެހޭނީ 3400 ރުފިޔާ. އެހެންވީމަ އެބޭފުޅުންނަށް 1200 ރުފިޔާ ކޮންމެ މަހެއްގެ ކަރަންޓު ބިލުން ލުއިވާނެ.” ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ، ޑީސަލްގެ ޑިއުޓީއަށް ނަގަމުން އައި ފަސް ޕަސެންޓް މި ސަރުކާރުން ކަނޑާލާފައިވާ ކަމަށާއި އޭގެ ސަބަބުން ރައްޔިތުންނަށް ލިބެން ޖެހޭ ލުއިތައް ވެސް ވަރަށް އަވަހަށް ލިބެން ފަށާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ