ކޮވިޑް-19 ގެ ފިޔަވަޅުތައް ހަރުކަށި ކުރުމަށް މައުމޫން ގޮވާލައްވައިފި

ރާއްޖެއިން ކޮވިޑް-19 ކޮންޓްރޯލްކުރަން ކުރިން އެޅި ފަދަ ހަރުކަށި ފިޔަވަޅުތައް އަލުން އަޅަން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގޮވާލައްވައިފިއެވެ. ރައީސް މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮވިޑް ފެތުރޭ މިންވަރު އިތުރުވެ މަރުވާ މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށެވެ. "އެހެންކަމުން ބަލި ފެތުރުން ކޮންޓްރޯލްކުރަން ކުރިން އެޅި ފަދަ ހަރުކަށި ފިޔަވަޅުތައް އަލުން އަޅައި އެކަން ތަންފީޒުކުރުމަށް ސަރުކާރުގެ އިދާރާތަކަށް އަޅުގަނޑު ގޮވާލަން،" މައުމޫން ކުރެއްވި ޓުވީޓުގައި ވެއެވެ. މާލެއިން ކޮވިޑް-19 ފެނުމާ ގުޅިގެން މިިިދިޔަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު މުޅި މާލެ ފުރަބަންދުކޮށް ރަށްރަށަށް ދަތުރުކުރުން މަނާކުރިއެވެ. އަދި އޭގެ ފަހުން މިދިޔަ މަހުގެ 15 އިން ފެށިގެން ވަނީ ފުރަބަންދަށް ބޮޑެތި ލުއިތަކެއްދީ އާންމުންނަށް ބޭރަށް ނުކުމެވޭނެ ފުރުސަތު ދީފައެވެ. އަދި މިމަހުގެ އެކަކުން ފެށިގެން ސްކޫލްތައް ހުޅުވައި އިއްޔެވަނީ އަލުން ސަރުކާރުގެ އޮފީސްތައްވެސް ހުޅުވައިފައެވެ. https://twitter.com/maumoonagayoom/status/1280027885768568832 ފުރަބަންދަށް ބޮޑެތި ލުއި ދޭން ފެށިފަހުން ފެންނަ ކޭސްތައް މަދު ނަމަވެސް ފާއިތުވި ހަފްތާއެއްހާ ދުވަސްތަރޭ ވަނީ ކޮވިޑްގެ ކޭސްތައް ފެންނަވަރު އިތުރުވެފައެވެ. އެގޮތުން އިއްޔެ އެކަނިވެސް 33 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. އަދި އޭގެ ކުރީ ދުވަހު 25 މީހުން ޕޮޒިޓިވްވިއިރު މިދިޔަ ހުކުރު ދުވަހު 10 މީހުން ޕޮޒިޓިވްވިއެވެ. މިދިޔަ މަހުގެ 30 ވަނަ ދުވަހު 24 މީހުން އަދި މިމަހުގެ އެއް ވަނަ ދުވަހު 21 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައިވާ 2469 މީހަކު ފެނިފައިވާއިރު ބަލީގައި 12 މީހުން ވަނީ މަރުވެފައެވެ. އަދި 2049 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މިމަހުގެ 15 އިން ފެށިގެން ރާއްޖޭގެ ވައިގެ ބަނދަރުތައް އިންޓަނޭޝަނަލް ފްލައިޓްތަކަށް އަލުން ހުޅުވާލަން ސަރުކާރުން ވަނީ ނިންމައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ