ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާއިބެހޭ ގައުމީ އިދާރާއިން މި ސަމާލު ނެރެފައިވަނީ ހދ. އަތޮޅުން ފެށިގެން ދ އަތޮޅާއި ހަމައަށް 14 އަތޮޅު ހިމެނޭހެން، ހެނދުނު 06:00 އިން ހެނދުނު 11:00 އަށެވެ.
ސަމާލު ނެރެފައިވަނީ ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށެވެ.
ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފައިވާއިރު، އުތުރާއި މެދުރާއްޖޭގެ އެކި ހިސާބުތަކަށް މިއަދު ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް އަދި ބައެއް ރަށްރަށަށް ކެރީގެ އަސަރު ފޯރާނެ ކަމަށް މޫސުން މިއަދު ނިމުތު ކޮށްފައިވެއެވެ.
މިއަދު އިރުއޮއްސުމާއި ހަމައަށް މޫސުން ނިމުތުކޮށްފައިވާގޮތަށް ބަލާއިރު ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުން ގަޑިއަކު ތިން މޭލާއި 13 މޭލާއި ދެމެދުގެ ބާރުމިނުގައި، އަދި އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު އަށް މޭލާއި 18 މޭލު ބާރުމިނުގައި ވައިޖެހޭނެކަމަށް ނިމުތުކޮށްފައިވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލުގެ ބާރުމިނުގައި ވައިގަދަވުން އެކަށީގެންވާކަމަށްވެސް ބުނެފައިވެއެވެ.
މެޓް އޮފީހުން ބުނެފައިވާގޮތުގައި މިއަދު ދެކުނުގައި ކަނޑު އާދައިގެވަރަކަށް މަޑުވާނެއެވެ. އެހެން ހިސާބުތަކަށް އާދައިގެ ވަރަކަށް ކަނޑު ގަދަވެފައި، ވިލާގަނޑުގައި ގަދަ ވާނެއެވެ.
ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ ދެކުނުގެ އަތޮޅުތަކުގައި ދެ ފޫޓާއި ހަތަރު ފޫޓާއި ދެމެދުގެ އުސްމިނެއްގައެވެ. އެހެން ހިސާބުތަކުގައި ތިން ފޫޓާއި ހަ ފޫޓު އުސްމިނަށް ރާޅު ހުރެދާނެ ކަމަށް ބުނެފައިވެއެވެ.
ދިޔަވަރު ބޮޑުވާވަގުތު ބައެއް ރަށްރަށަށް އުދައެރުން އެކަށީގެންވާކަމަށާއި ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ދަންނަވާކަމުގައިވެސް މެޓް އޮފީހުން ބުނެފައިވެއެވެ.
ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ