ބައެއް މަޖިލިސް މެމްބަރުންނަށް ބިރުދެއްކި ކަމުގެ މައުލޫމާތު ވަނީ ލިބިފައި: އުމަރު

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށް ބިރު ދެއްކި ކަމުގެ މައުލޫމާތު ލިބިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާފައިވާ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށް އެސްއެމްއެސް މެދުވެރިކޮށް ބިރު ދެއްކި ކަމަށް ވާހަކަ ދެކެވޭތީ އެއީ ތެދެއްތޯ ޓީވީ މޯލްޑިވްސް އިން މިރޭ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އުމަރު ވިދާޅުވީ ބިރު ދެއްކުމުގެ ކަންތައް އެނޫން އެހެން ގޮތް ގޮތުން ހިންގާފައިވާ ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. "...ސީދާ މަޖިލިސް މެމްބަރުންނަށް ތުރެޓް މެސެޖް ލިބުނު ކަމެއް އަޅުގަނޑުމެންނަކަށް އެނގިފަކާއެއް ނެތް. އެކަމަކު ބައެއް އެހެނިހެން ގޮތް ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ބިރުދެއްކުން ކަހަލަ ކަންކަން ހިނގާ ކަމުގެ މައުލޫމާތު އަޅުގަނޑުމެންނަށް ލިބިގެން އެކަމާ މެދު އަޅަން ޖެހޭ ފިޔަވަޅުތައް ހުންނާނީ އަޅާފައި،" އުމަރު ވިދާޅުވިއެވެ. އުމަރު މިރޭ ވިދާޅުވީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް ސިފައިންނާއި ފުލުހުން އަޅާނެ ކަމަށެވެ. އަދި އެގޮތުން ފިޔަވަޅުތައް އެޅުމުގައި ބައެއް ތަކުލީފުތައް ކުރިމަތިވާނެ ކަމަށް ވެސް މިނިސްޓަރު އުމަރު ވިދާޅުވިއެވެ. "... އާއްމުންގެ ސަލާމަތާ ރައްކާތެރިކަމަށް ޓަކައި އަޅުގަނޑުމެން އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅުގަނޑުމެން އަޅާނަން އަދި ބައެއް ފަހަރަށް އަޅުގަނޑުމެންނަށް ހަމަ މިކަހަލަ ތަކުލީފުތައް ޖެހިދާނެ ދޭތެރެ ދޭތެރެއިން. މިކަހަލަ ވަގުތުތަކުގައި އަޅުގަނޑުމެން އެދެނީ ފުލުހުންނާ ސިފައިންނަށް ފުރިހަމައަށް އެއްބާރުލުން ދިނުމަށް،" އުމަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ