ކަރަންޓް ބިލަށް ފައިސާ ނުދެއްކި ހުރި ފަރާތްތަކަށް ލުއި ފަސޭހަ ގޮތެއް ފެނަކައިން ހަމަޖައްސައިފި

ކޮވިޑް-19 އާ ގުޅިގެން މިހާތަނަށް ކަރަންޓް ބިލުތަކަށް ފައިސާ ނުދެއްކިވާ ހުރިހާ ފަރާތްތައް ބަލައި އެފަރާތްތަކަށް ލުއިފަސޭހަ ގޮތަކަށް ވީ އެންމެ އަވަހަކަށް ފައިސާ ދެއްކުމަށް މަގުފަހިވާނެ ގޮތެއް މަސައްކަތް ފެނަކައިން ފަށައިފިއެވެ.
އެ މަސައްކަތުގެ ތެރެއިން ފެނަކައިން މިއަދު ވަނީ "ކަލެކްޝަން ޑޭ”ގެ ނަމުގައި ފެނަކައިގެ ހުރިހާ ބްރާންޗެއް ހިމެނޭ ގޮތުން ރަސްމީ
ޙަރަކާތެއް ބާއްވާފައެވެ.
ފެނަކަ އިން ބުނީ، އެ ހަރަކާތަކީ ފެނަކައިގެ ބްރާންޗް ތަކުން އަތޮޅުތެރޭގެ ރަށްތަކުގައި ދެމުންދާ ޚިދުމަތްތަކުގެ ބޭނުން ކުރައްވާ ފަރާތްތަކުން ޚިދުމަތް ހޯއްދެވުމަށްފަހު، ޚިދުމަތުގެ އަގުގެ ގޮތުގައި ކުންފުންޏަށް ލިބެންޖެހޭ ގިނަ ޢަދަދެއްގެ ފައިސާ ނުލިބި ހުރުމާއި ގުޅިގެން ހިންގި ހަރަކާތެއް ކަމަށެވެ.
މި ހަރަކާތުގެ ތެރެއިން ސަރުކާރުގެ އެކި މުއައްސަސާ، ކުންފުނިފަދަ ފަރާތްތަކާއި، ބައްދަލުކޮށް، ފައިސާ ނުދެއްކިވާ ސަބަބު ވަނީ އޮޅުން ފިލުވާފައެވެ.
ފެނަކަގެ އޮފިޝަލަކު ވިދާޅުވީ، ފައިސާ ދެއްކުމުގައި ލުއި ގޮތްތަކެއް ހަމަޖައްސާފައި ވަނީ، ކަރަންޓް ބިލް ނުދެއްކި ދެ ތިން މަސް ދުވަސް ވެފައިވަ ފަރާތްތަކަށެވެ. އެގޮތުން އެ މީހުންނަށް އެއްފަަހަރާ ފައިސާ ދައްކަން އުނދަގޫވާނަމަ ބަހާލައިގެން ފައިސާ ދެއްކޭނެ ކަަމަށް އޮފިޝަލް ވިދާޅުވިއެވެ.
ފެނަކައިގެ އޮފިޝަލް ފާހަގަކުރެއްވިގޮތުގައި، މީގެ ކުރިންވެސް ހާލަތެއް މެދުވެރިވެއްޖެނަމަ، ކަރަންޓް ބިލްތައް ބަހާލައިގެން ދެއްކޭ ގޮތް ހެދި ކަމަށެވެ.
އެހެން ނަމަވެސް މިފަހަރު މިގޮތަށް ހަދާފައި ވަނީ ކޮވިޑް-19 އާ ގުޅިގެން އާއްމުންގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އައުމާއި ގުޅިގެން ކަން އޭނާ ފާހަގަކުރެއްވިއެވެ.
އަދި ފެނަކަ އިން ދާދިފަހުން ތަޢާރަފް ކޮށްފައިވާ "ބިލް-ޕޭ އެޕްލިކޭޝަން" މެދުވެރިކޮށް އޮންލައިންކޮށް ފައިސާ ދެއްކޭނެ ނިޒާމަށް ކަސްޓަމަރުން އަހުލުވެރިކޮށް، ބިލް-ޕް އެޕް ބޭނުންކުރާނެގޮތް އޮޅުންފިލުވައިދީ އިންސްޓޯލް ކޮށްދިނުންވެސް ކުރިއަށް ގެންގޮސްފައި ވެއެވެ.
މިއަދު ފެށި މި ހަރަކަތް މިއަދު ހަވީރު 18:00 އާ ހަމައަށް ކުރިއަށްދާނެ ކަމަށް ފެނަކަ އިން ބުނެފައި ވެއެވެ.
"ކުންފުންޏަށް ލިބެންޖެހޭ ފައިސާ ލިބެންދެން ކުރިއަށް އޮތް ދުވަސްތަކުގައިވެސް އެކި ސިފަސިފައިގައި ބްރާންޗްތަކުން މި ޙަރަކާތް ކުރިއަށް ގެންދާނެ"، ފެނަކަ އިން ބުނެފައި ވެއެވެ.
ކޮވިޑް-19އާ ގުޅިގެން ވަޒީފާއަށް އައި ހީނަރުކަމާއެކު، އެތައް ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ