ޖިންސީ ފުރައްސާރަ އާއި ރިޝްވަތުގެ ތުޙުމަތުގައި ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މަގާމުން ވަކިކުރަން މަޖިލީހަށް

ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު މައުސޫމް މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ޖޭއެސްސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މައުސޫމްއާ ގުޅޭގޮތުން އެ ކޮމިޝަނުން ތަހުގީގު ކުރަމުންދިޔަ މައްސަލަތަކުގެ ތެރެއިން، ހދ.ހިރިމަރަދޫ މެޖިސްޓްރޭޓް ކޯޓުގެ ގަޟިއްޔާއެއް ނިންމުމުގައި މައުސޫމް ރިޝްވަތު ނަގާފައިވާ ކަމާއި، ރިޝްވަތުގެ އެހެން މުއާމަލާތްތައް ވެސް ކޮށްފައިވާކަން ސާބިތުވެފައިވާ ކަމަށެވެ.
މީގެ އިތުރުން ވެސް އެބަޔާނުގައި ބުނެފައިވަނީ އިސްމެޖިސްޓްރޭޓް މުޙައްމަދު މަޢުޞޫމް ފަނޑިޔާރުކަމުގެ މަސްޢޫލިއްޔަތު އަދާކުރުމުގައި ރިޝްވަތުގެ އެހެން މުޢާމަލާތްތައްވެސް ކޮށްފައިވާކަން ސާބިތުވާކަމަށާއި، އަދި އިސްމެޖިސްޓްރޭޓް މުޙައްމަދު މަޢުޞޫމަށް މުސާރަ އާއި ޢިނާޔަތުގެ ގޮތުގައި ލިބޭ ފައިސާގެ އިތުރަށް، އިސްމެޖިސްޓްރޭޓް މުޙައްމަދު މަޢުޞޫމްގެ ބޭންކް އެކައުންޓަށް ވަދެފައިވާ ގިނަ ޢަދަދެއްގެ ފައިސާއަކީ ނާޖާއިޒް ގޮތުގައި ނުވަތަ ނަހަމަ ގޮތުގައި ހޯދާފައިވާ ފައިސާކަން ސާބިތުވާކަމަށެވެ.
ޖޭއެސްސީގެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން އެބަޔާނުގައި ބުނެފައިވަނީ އިސްމެޖިސްޓްރޭޓް މުޙައްމަދު މަޢުޞޫމުގެ އެ ޢަމަލުތަކަކީ ޤާނޫނު ނަންބަރު 17/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ހ) ގެ 5 ވަނަ ނަންބަރާއި، 6 ވަނަ ނަންބަރާއި، 5 ވަނަ ނަންބަރާއި 14 ވަނަ ނަންބަރާއި، އަދި މި ޤާނޫނުގެ 7 ވަނަ މާއްދާއާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 4.6 އާއި، 4.7 އާއި 1.2 އާއި، 2.2 އާއި، 3.1 އަދި 3.2 ވަނަ ނަންބަރާ ކަނޑައެޅިގެން ޚިލާފަށް ކޮށްފައިވާ ޢަމަލުތަކެއްކަމަށް ވާތީ، ޤާނޫނު ނަންބަރު 10/2008 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު)ގެ 32-1 (ހ) ގެ 4 ވަނަ ނަންބަރުގެ ދަށުން، އިސްމެޖިސްޓްރޭޓް މުޙައްމަދު މަޢުޞޫމް ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް، އިއްޔެ އެ ކޮމިޝަންގެ މި އަހަރުގެ 51 ވަނަ ބައްދަލުވުމުގައި ވަނީ ނިންމަވާފަ ކަމަށެވެ.
މުހައްމަދު މައުސޫމް މަޤާމުން ސަސްޕެންޑުކޮށްފައިވަނީ މިދިޔަ މަހުގެ 10 ވަނަ ދުވަހުއެވެ. މައުސޫމާ ގުޅޭގޮތުން އެ ކޮމިޝަނުން މައްސަލަ ބަލަން ފަށާފައިވަނީ އޭނާ ފާޅުގައި ރިޝްވަތު ނަގާ ކަމަށް ސޯޝަލް މީޑިއާގައި ފެތުރެމުންދިޔަ ޕޯސްޓްތަކާ ގުޅޭ މައްސަލައަކާއި ޖިންސީ ފުރައްސާރައިގެ މައްސަލައެއްގެ އިތުރުން އެހެނިހެން މައްސަލަތަކެއް ކަމަށް ޖޭއެސްސީން ބުންޏެވެ.
ޖޭއެސްސީން އަންނަނީ ގިނަ ފަނޑިޔާރުންތަކެއްގެ މައްސަލަ ބަލަމުންނެވެ. އެފަދަ ބައެއް މައްސަލަތަކުގައި ބައެއް ފަނޑިޔާރުން ސަސްޕެންޑުކޮށްފައިވާއިރު، ރައްޔިތުންގެ މަޖިލީހަށް ފޮނުވައިގެން ބައެއް ފަނޑިޔާރުން ވަނީ މަގާމުން ވެސް ވަކިކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ