ޕީޕީއެމްގެ އަސާސީ ގަވާއިދަށް އިސްލާހު ގެނެސް އިސް މަގާމުތަކަށް މެންބަރުން އައްޔަން ކުރުމަށް ބޭއްވި ހާއްސަ ކޮންގްރެސް އަސާސީ ގަވާއިދާ ހިލާފުވެފައިވާތީ ކޮންގްރެސް ބަލައިގަތުމުގައި އެކަންކަމަށް ރިއާޔަތް ކުރަން ރައީސް މައުމޫން އަބްދުލް ގައްޔޫމު އެދިވަޑައިގެންފިއެވެ.
ރައީސް މައުމޫން މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވާ ގޮތުގައި ގައުމީ ޖަލްސާ ބޭއްވީ ޕާޓީގެ އަސާސީ ގަވާއިދުގެ 33 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ސަބަބެއް މެދުވެރިވެފައި ނުވާ ހާލަތެއްގައެވެ.
އެ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ޙާލަތެއް މެދުވެރިނުވާނަމަ ދެން ހާއްސަ ގޮތުން ބާއްވާ ގައުމީ ޖަލްސާއެއް ބޭއްވެން ގަވާއިދު ޖާގަދެނީ ޕާޓީގެ ކައުންސިލުން އެގޮތަށް ފާސްކޮށްގެން ކަމަށާއި ނަމަވެސް މިހާރު އޮތީ ސައްހަ ކައުންސިލެއް ނޫން ކަމަށް ރައީސް މައުމޫން ވިދާޅުވެފައިވެއެވެ. "ކައުންސިލްގެ ދައުރަކީ 5 އަހަރު ދުވަސްކަން އަސާސީ ޤަވާއިދުގެ 81 ވަނަ މާއްދާއަށް ބެލުމުން އެނގެއެވެ. ވީމާ، އަސާސީ ޤަވާއިދުގައި ބަޔާންކޮށްފައިވާ ކައުންސިލް ވަނީ ޖެނުއަރީ 2018 ގެ ނިޔަލަށް އުވިފައެވެ،" ރައީސް މައުމޫން ވިދާޅުވިއެވެ.
ޕާޓީގެ ކައުންސިލު ބައްދަލުވުމެއް ބޭއްވެން އަންނަނީ ވެސް ޕާޓީގެ ރައީސްގެ ބެއލުމުގެ ދަށުން ކަމަށްވާއިރު، ޕާޓީގެ ރައީސް ޕާޓީގެ މެންބަރުކަމުން ވަކިކުރިކަމަށް އަސާސީ ޤަވާއިދާ ޚިލާފަށް ވަނީ ކަނޑައަޅާފައިވާ ކަމަށް ރައީސް މައުމޫން ވިދާޅުވެފައިވެއެވެ. އަދި އެ ގައުމީ ޖަލްސާ ބޭއްވީ 2013 ގައި ބޭއްވި ގައުމީ ޖަލްސާއިން އިންތިހާބުކޮށްފައިވާ އިންތިހާބީ ކޮމިޓީގެ އެއްވެސް ބައިވެރިވުމެއް ނެތި ކަމަށާއި ޖަލްސާއަކީ ޕާޓީގެ އަސާސީ ޤަވާއިދާ ޚިލާފަށް ކުރިއަށްގެންދާ ޖަލްސާއެއް ކަމުން ޕާޓީގެ ގިނަ ގޮފިތަކެއްގެ ރައީސުންގެ ޝަކުވާ ވަނީ އިންތިޚާބު ކޮމިޓީއަށް ލިބިފައި ކަމަށް ރައީސް މައުމޫން ވިދާޅުވެފައިވެއެވެ.
އެގޮތުން ގައުމީ ޖަލްސާ އަށް ފޮނުވާނެ މީހުން ގޮފިތަކުން ހޮއްވަވާފައި ނުވުމާއި، ގިނަ ގޮފިތަކަށް ޤައުމީ ޖަލްސާ ބާއްވާކަން އަންގާފައިނުވާކަމުގެ ޝަކުވާ ލިބިފައި ވެއެވެ.
އޭގެއިތުރުން ގައުމީ ޖަލްސާގައި ޕާޓިގެ ގިނަ މަގާމުތަކަކަށް އެތައް ބަޔަކު އިންތިހާބު ވެގެން ދިޔައިރު އެފަދަ އިންތިހާބެއް އޮންނާނެ ކަމެއް ކުރިން އިއުލާން ކުރެވިފައި ނުވުމާ އެކު މުހިންމު މަގާމުތަކަށް މެންބަރުން ކުރިމަތިލުމާއި ކެންޕެއިން ކުރުމުގެ ފުރުސަތު ގެއްލި މަގާމު ލިބުމުގެ ފުރުސަތު ޕީޕީއެމްގެ ވަރަށް ގިނަ އަދަދެއްގެ މެންބަރުންނަށް ގެއްލިފައިވާ ކަމަށް ރައީސް މައުމޫން ވިދާޅުވެފައިވެއެވެ.
ސެޕްޓެމްބަރު 28 ގައި ބޭއްވި އެ ގައުމީ ޖަލްސާގައި ޕާޓީގެ ރައީސް ކަމަށް ރައީސް ޔާމީން ވަނީ އިންތިހާބުކޮށްފައެވެ.
ޕީޕީއެމްގެ ކޮންގްރެސް ބަލައިނުގަތުމަށް މައުމޫން އީސީގައި އެދިވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ