12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް އީސީއިން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ސްޕްރީމް ކޯޓުން ބާތިލުކޮށްފިއެވެ. ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދުގެ ވަގުތެއްގައި ކަނޑައަޅާފައިވަނިކޮށް، އެނިންމުން ބާތިލުކޮށް ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރުގައި ވިދާޅުވީ އެ މެންބަރުން ރައްޔިތުންގެ މަޖިލީހުގައި ތަމްސީލުކުރަމުން ދިޔަ ދާއިރާތަކުގެ ގޮނޑިތައް ހުސްވެއްޖެކަމާމެދު ޚިލާފު އުފެދިފައިވާ ކަމަށް ބުނެ އެ ފަރާތްތަކުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލަތައް އެ ކޯޓަށް ބަލައިގަނެ އެ މައްސަލަތައް ކޯޓުން ބަލައި ފައިސަލާކޮށް ގޮތެއް ނިންމުމުގެ ކުރިން، އެ ދާއިރާތަކުގެ ގޮނޑިތަކާ މެދު ބަހުސްކޮށް ވަކިގޮތެއް ނިންމުމަކީ، އިލެކްޝަން ކޮމިޝަނަށް ނުވަތަ ދައުލަތުގެ އެހެން އެއްވެސް އިދާރާއަކަށް ގާނޫނުއަސާސީއިން ލިބިދީފައިވާ ބާރަކާއި އިހްތިސާސެއް ނޫންކަން ކަމަށެވެ. އަދި ޝަރީއަތަށް ހުށަހެޅިފައިވާ އެއްވެސް މައްސަލައަކަށް ޝަރުއީ އަދި ގާނޫނީ އިންތަކުގެ ބޭރުން ނުފޫޒު ފޯރާފަދަ އެއްވެސް ކަމެއް ކުރުމަކީ ގާނޫނު އަސާސީގެ ދަށުން ކަނޑައެޅިގެން މަނާ ކަމެއް ކަމަށް އަމުރުގައިވެއެވެ. މީގެއިތުރުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމުން އެމައްސަލަތައް ސުޕްރީމް ކޯޓުން ބަލައި ފައިޞަލާކޮށް ގޮތެއް ނިންމުމުގެ ކުރިން އެހެން އެއްވެސް ފަރާތަކުން އެމައްސަލަތަކުގެ މައުޟޫޢާމެދު ބަހުސްކޮށް ގޮތެއް ނިންމުމަކީ ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވުމުގެ އަމަލެއް ކަމަށް ވެސް އަމުރުގައިވެއެވެ. އަދި ޝަރީޢަތަށް ހުށަހެޅިފައިވާ އެއްވެސް މައްސަލައަކަށް ޝަރުޢީ އަދި ޤާނޫނީ އިންތަކުގެ ބޭރުން ނުފޫޒު ފޯރާފަދަ އެއްވެސް ކަމެއް ކުރުމަކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 141 ވަނަ މާއްދާގެ (ނ) ގެ ދަށުން ކަނޑައެޅިގެން މަނާ ކުރެވިފައިވާ ކަމެއް ކަން އެނގެން އޮންނަ ކަމަށް އަމުރުގައި ވިދާޅުވެފައިވެއެވެ. އަދި ދުސްތޫރީ އުސޫލުތަކާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އާއި ޤާނޫނުތަކުގެ ދަށުން އަދުލް އިންސާފު ގާއިމް ކުރުމުގެ ބާރުގެ ހައިސިއްޔަތުން ސުޕްރީމް ކޯޓަށް ލިބިދީފައިވާ ޤާނޫނީ ބެލެނިވެރިކަމުގެ މައްޗަށް ރިޢާޔަތްކޮށް 03 އޮކްޓޯބަރ 2018 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަންގެ 442 ވަަނަ ޖަލްސާގައި ބަޔާން ކުރެވުނު 12 މެންބަރުންނާއި މެދު ނިންމަވާފައިވާ ނިންމުންތަކަކީ ބާތިލް ނިންމުންތަކެއް ކަމަށް ސްޕްރީމް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ