އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލާގައި ބައެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދިއްޖެ

މޭޑޭގެ އެއްވުމުގެ ތެރެއިން ހައްޔަރުކޮށް ދައުވާ އުފުލައި ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް ގަލޮޅު ކީމާ އަބްދުﷲ ރަޝީދު މަރުވި މައްސަލައާއި ގުޅިގެން އެޗްއާރްސީއެމުން ކުރިއަށް ގެންދިޔަ ތަހުގީގަށްފަހު މިމައްސަލާގައި ޒިންމާވާންޖެހޭ ފަރާތްތަކަކަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އެޗްއާރްސީއެމުން މައްސަލައެއް ފޮނުވައިފި އެވެ.
އަބްދުﷲ ރަޝީދަކީ 2015 ވަނަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު ރާއްޖޭގައި މިހާތަނަށް ބޭއްވުނު އެންމެ ބޮޑު އެއްވުމުގައި ބައިވެރިވެގެން ޓެރަރިޒަމްގެ ދައުވާ އުފުލާ ޖަލަށް ލެވުނު މީހެކެވެ.
އޭނާ މަރުވެފައިވަނީ ޖަލުގައި ހުއްޓާ ކުއްލިއަކަށް ހާލު ގޯސްވެ މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް 2017 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހު އެވެ.
އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލަ ބަލަން ފެށުމަށްފަހު އެޗްއާރްސީއެމުން ބުނީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި މީހަކު މަރުވެއްޖެނަމަ ހިއުމަން ރައިޓްސް ކޮމިޝަނުން އިސްނަގައިގެން ވަރަށް ސީރިއަސްކޮށް އެ މައްސަލައެއް ބަލާނެ ކަމަށެވެ.
އަބްދުﷲ ރަޝީދު މަރުވި މައްސަލަ ތަހުގީގުކޮށް ނިންމާ، ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި މިވަނީ މައްސަލަ ބަލަން ފެށިތާ އަހަރު ދުވަސް ފަހުންނެވެ.
އެމައްސަލަ ތަހުގީގު ކުރުމަށް ފަހު އެޗްއާރުސީއެމުން ބުނީ ކ. މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދަނިކޮށް 2017 އޮކްޓޫބަރު 10 ވަނަ ދުވަހު މަރުވެފައިވާ އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލައިގައި ކޮމިޝަނުގެ ތަހުގީގަށް ރިއާޔަތްކޮށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް ނިންމާފައިވާ ކަމަށެވެ.
އަބްދުﷲ ރަޝީދުގެ އާއިލާއިން ބުނެފައިވަނީ އޭނާ ޖަލުގައި ހުރި އިރުވެސް ބައްޔަކަށް ބޭސްކުރަމުން ގެންދިޔަ ކަމަށާ އޭނާ ޖަލުގައި މަރުވީ އެކަށީގެންވާ ބޭސްފަރުވާ ނުލިބުމުގެ ސަބަބުން ކަމަށެވެ. އަދި އަބްދުﷲ ނިޔާވީ ކަރެކްޝަންސް އިހްމާލުގެ ސަބަބުން އޭނާއަށް ފަރުވާ ލިބުން ލަސްވެގެން ކަމަށްވެސް އާއިލާއިން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ