ކަރަންޓު ޚަރަދު ކުޑަކުރުމުގެ ކެމްޕޭނެއް އެސްޓީއޯ އިން ފަށައިފި

އެސްޓީއޯ އާއި އެންވަޔަރަންމަންޓް އެންޑް އެނާޖީ މިނިސްޓްރީ ގުޅިގެން ދުނިޔޭގެ އެނާޖީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކެމްޕޭނެއް އިފްތިތާހުކޮށްފި އެވެ.
"އިޓްސް ކޫލް އެޓް 25" ޝިއާރުގެ ދަށުން ފެއްޓި އެ ކެމްޕޭން އިފްތިތާހު ކޮށްދެއްވީ އެސްޓީއޯ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް އާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ތޯރިގު ވިދާޅުވީ ރާއްޖޭގެ ޖީޑީޕީގެ ގާތްގަނޑަކަށް 30 ޕަސެންޓް ޚަރަދުވަނީ ތެޔޮ އެތެރެކުރުމަށް ކަމަށެވެ. އެހެންކަމުން ތަރައްގީ އަދި މުއްސަނދި ގައުމަކަށް ހެދުމަށް ތެޔޮ ޙަރާދުކުރާ މިންވަރު ކުޑަކުރަން ޖެހޭ ކަމަށާއި އެކަން ކުރެވެން އޮތީ ދުވާލެއްގެ މައްޗަށް ބޭނުންކުރާ އެނާޖީ ނުވަތަ ކަރަންޓުގެ ޙަރަދު ކުޑަކޮށްގެން ކަމަށެވެ.ދުނިޔޭގެ އެނާޖީ ދުވަސް ފާހަގަކުރުމުގެ ގޮތުން އެސްޓީއޯ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން- - ސަން ފޮޓޯ ފަޔާޒް މޫސާ
"މިސާލަކަށް ތެޔޮ އެންމެ ނުވަތަ ކަރަންޓު އެންމެ ގިނައިން ބޭނުން ކުރެވޭ އެކަތި އެއާކޯނަކީ. އެ ވެސް 16 އަށް ލާއިފައި ބެހެއްޓުމާއި 25 ގައި ބެހެއްޓުމާ ވާނީ ހަމަ އެއްވަރެއް. 16 ގައި ބެހެއްޓުމުގެ ބަދަލުގަ އެ އަދަދު މަތިކޮށްލެވޭ ކޮންމެ ފަހަރަކު ކަރަންޓު ބިލުން ހަތް ޕަސެންޓް މަދުވެގެން ދާނެ،" ތޯރިގު ވިދާޅުވި އެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ ކަރަންޓް ބޭނުންކުރުމަށް ތެޔޮ ހަރަދުކުރާ މިންވަރަށް ބަލާ އިރު ކޮންމެ މަހަކަށް 300 އާއި 500 މިލިއަންއާ ދެމެދުގެ ޑޮލަރު ޙަރަދުވާ ކަމަށެވެ. އެހެންކަމުން ކަރަންޓް ޙަރަދުން އެއް ޕަސެންޓް ސޭވް ކުރެވުނަސް އެއީ އަހަރަކަށް ބަލާ ނަމަ 75 އާއިލާގެ ގެދޮރު ކަމަށް އާޒިމް ވިދާޅުވި އެވެ.ދުނިޔޭގެ އެނާޖީ ދުވަސް ފާހަގަކުރުމުގެ ގޮތުން އެސްޓީއޯ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން- - ސަން ފޮޓޯ ފަޔާޒް މޫސާ
"ގައުމަށް ދިމާވެފައި އޮތް އެންމެ ބޮޑު ދަތިކަމަކީ ގެދޮރުގެ ދަތިކަން. އަޅުގަނޑުމެން އެންމެން ހިތްވަރެއް ކޮށްލާފައި ހަމަ ކުޑަކުޑަ ގުރުބާނެއް ވެލަނިކޮށް އެއް ޕަސެންޓު ސަލާމަތްވާނެ. އެއީ 75 އާއިލާގެ ގެދޮރު. އެހެންވީމާ ކަރަންޓް ހަރަދުކުޑަކޮށް ތެލަށް ބާރޯސާވުން ކުޑަކުރަން ޖެހޭ،" އާޒިމް ވިދާޅުވި އެވެ.
އެސްޓީއޯ އިން މިއަދު ފެށި ކެމްޕޭނުގައި ސަރުކާރުގެ އެކި މުއައްސަސާ ތަކުންވެސް ވަނީ ބައިވެރިވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ