އައިޝާއަށް އަމާޒު ކުރާ ފާޑު ކިއުންތަކަށް ގާސިމް: ކަހެރުވަކެކޭ ވެސް ހިތަށް ނާރާ!

އަނބިކަނބަލުން އައިޝަތު ނަހުލާއަށް ސޯޝަލް މީޑިއާގައި ރައްދު ކުރަމުންދާ ފާޑު ކިއުންތަކާ މެދު ކަހެރުވަކެކޭ ވެސް ހިތަށް ނާރާ ކަމަށް ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
އައިޝާއަށް ރައްދު ކުރަމުންދާ ފާޑު ކިއުންތަކާއި ގުޅިގެން އދ.ދިގުރަށުގައި ވާހަކަ އިއްޔެ ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ނިމި ދިޔަ ރިޔާސީ އިންތިހާބުގައި އައިޝާ ރަށްރަށަށް ވަޑައިގެން ގާސިމަށް ވުރެ ވެސް ބޮޑު ތާއީދެއް ހޯއްދެވި ކަމަށެވެ. އަދި ސޯޝަލް މީޑިއާގައި އައިޝާއާއި ދިމާލަށް ދެތިން މީހަކު ޗުކު ޗުކު ލައްވަމުން ދަނީ އެހެން ވެގެން ކަމަށް ގާސިމް ވިދާޅުވިއެވެ.
އައިޝާއަށް ފާޑު ކިޔާ ފަރާތްތަކަށް ގާސިމް ވިދާޅުވީ އެއްޗެހި ކިޔަންޔާ ކިއިދާނެ ކަމަށާއި ނަމަވެސް މިހާރު ބޭނުން ވަނީ މަސްލަހަތާއި އަމާންކަމާއެކު ކުރިއަށްދާން ކަމަށެވެ.
"ސޯޝަލް މީޑިއާގައި ފާޑު ފާޑުގެ ޗުކު ޗުކު ލައްވާ ދެތިން މީހަކު އުޅޭ. އެކަމާ އަޅުގަނޑުގެ އަނބިކަމަނާގެ ވާހަކައެއް، ވިދާޅުވަނީ ތިމަންނަ ކަހެރުވަކެކޭ ވެސް ހިތަށް ނާރައޭ. އަޅުގަނޑު ވެސް މިހިރީ އެގޮތަށް. އެހެންވީމަ ވަރަށް އިހުލާސްތެރިކަމާއެކު ދަންނަވާނީ ކޮންމެ އެއްޗެއް ކޮންމެ ވާހަކައެއް ދެއްކިޔަސް ހަގީގަތް ވާނީ ހަގީގަތަށޭ. ރުޅި އަޔަސް އަދި ކުޅި އަޔަސް، އަދި ފޮނިވިޔަސް ލޮނު ވިޔަސް، ހަގީގަތް އޮންނާނީ ހަގީގަތަށް. އެއީކީ އަޅުގަނޑުމެން ޖެހިލުންވާ ކަމެއް ނޫން. އަޅުގަނޑުމެން ވެސް އެއްޗެހި ކިޔަން ވެއްޖެއްޔާ އެއްޗެހި ކިއިދާނެ،" ގާސިމް ވިދާޅުވިއެވެ.
މިއީ އައިޝާއަށް އަމާޒު ކުރާ ފާޑު ކިއުންތަކާ ބެހޭ ގޮތުން ގާސިމް ވާހަކަ ދެއްކެވި ފުރަތަމަ ފަހަރެވެ.
ދިގުރަށުގައި ވާހަކަ ދައްކަވަމުން އައިޝާ ވެސް ވަނީ އެ ވާހަތަކަށް ރައްދު ދެއްވާފައެވެ. އައިޝާ އެ ވާހަކަތައް ސިފަ ކުރެއްވީ ހަގީގަތެއް ނެތް ވާހަކަތަކެއްގެ ގޮތުގައެވެ.
އައިޝާ ވިދާޅުވި ގޮތުގައި އެ ވާހަކަތައް ދައްކަނީ ކޯލިޝަންގެ ތެރޭގައި ބައިބައިވުން އުފެއްދުމަށެވެ. ނަމަވެސް އެއަށްވުރެ ހަތަރު ލީޑަރުންގެ ގުޅުން ބަދަހި ކަމަށާއި ކޯލިޝަން ނުރޫޅޭނެ ކަމަށް އައިޝާ ވަނީ ވިދާޅުވެފައެވެ.
އައިޝާއަށް އެކި އެކި ފާޑު ކިއުންތައް އަމާޒު ކުރަމުންދާ އިރު އައިޝާ ގާސިމާ ބެހޭ ގޮތުން އާއިލާއާއި ބެހޭ ކޯޓަށް ދެއްވި ކަމަށް ބުނާ ބަޔާނެއް ވެސް ވަނީ ސޯޝަލް މީޑިއާގައި އާއްމުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ